ކޯވިޑްގައި ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދެމުންދާ މީހުންގެ ޢަދަދު 50 އިން ދަށުގައި

ކޯވިޑްގައި ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދޭ މީހުންގެ ޢަދަދު 50 އިން ދަށަށް ގޮސްފައިވާ ކަމަށް އެޗްޕީއޭގެ ތަފާސް ހިސާބިުތަކުން ދައްކައިފިއެވެ. 
މިއީ ކޯވިޑް ޖެހޭ މީހުންގެ ޢަދަދު އިތުރުވެގެން ދިޔަފަހުން ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދޭންޖެހޭ މީހުން ގެ ޢަދަދު އެންމެ ދަށްވި ދުވަސް ކޮޅެވެ. ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު ޑރ ނަޒްލާ ރަފީޤް ވިދާޅުވި ގޮތުގައި މިވަގުތު ކޯވިޑްގެ ބަލި މީހުންއެޑްމިޓްކޮށް ފަރުވާ ދެމުންދަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އެކަންޏެވެ. އެތަނުގައި ފަރުވާ ދެމުންދާ 43 މީހުންގެ ތެރެއިން އައިސީޔޫގައި ފަރުވާ ދެމުންދަނީ ތިން މީހުންނަށެވެ، ބާކީ 40 މީހުންނަށް ފަރުވާ ދެމުން ދަނީ ވޯރޑްގައެވެ. 
އިއްޔެ ކޯވިޑަށް އަލަށް ޕޮޒިޓިވް ޢަދަދުވެސް  އުޅެނީ 24 ގައެވެ. އެ ޢަދަދަކީ  1572 ސާމްޕަލް ޓެސްޓްކުރި އިރު ބަލި ޖެހިފައިވާ މީހުންނެވެ. މިއީ މިފަހުން ކޯވީޑްގައި ޕޮޒިޓިވް ޢަދަދު އެންމެ ދަށަށް ދިޔަ ދުވަހެވެ. އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ފެންނަ ގޮތުން، އިއްޔެ އަލަށް ކޯވިޑް- 19 އަށް ޕޮޒިޓިވްވި، މީހުންނަކީ މުޅިންވެސް މާލެ ސަރަޙައްދުން ޕޮޒިޓިވްވި މީހުންނެވެ. އިއްޔެގެ ޢަދަދުގައި ހިމެނެނީ 20 ދިވެހިންނާއި ހަތަރު ބިދޭސީންނެވެ. 
ބައްޔަށް އަލަށް ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭން ކޯވިޑް ޖެހުނު ޖުމުލަ ޢަދަދަކީ 11178 އެވެ. ޝިފާ ލިބުނު މީހުންގެ ޢަދަދު 10097 އަށް އަރައިފައިވާއިރު މިހާރު ބަލި ތަޙައްމަލު ކުރަމުން ދަނީ 1138 މީހުންނެވެ. އޭގެތެރޭގައި އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބީ 368 މީހުންނެވެ.  ކޯވިޑްގައި އިއްޔެ ނިޔާވި މީހާއާއެކު މިހާތަނަށް މިބަލީގައި ނިޔާވި ޢަދަދު ވަނީ 36  އަރާފައެވެ.
މިހާރު އަތޮޅުތަކުގެ 20 ރަށެއްގައި ބަލި ތަޙައްމަލު ކުރަމުންދާ ޢަދަދަކީ 68 އެވެ. މިވަގުތު 19 ރިސޯޓެއްގައި 14 ޓޫރިސްޓަކާއި 25 މުވައްޒަފުން ބަލި ޖެހިފައި އެބަ ތިއްބެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ