އަޅައިލާނެ މީހަކު ނުވެގެން ގއ. މާމެންދޫގައި މަގުމަތިވި އަލިފުތާ ގުރައިދޫ މަރުކަޒަށް ބަދަލު ކޮށްފި

ގއ. މާމެންދޫގައި މަގުމަތިވެފައިވާ އަލިފުތާ މާލެ އަތޮޅު ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުން ބަލަހައްޓާ މަރުކަޒަށް ގެންގޮސްފި އެވެ.
މާމެންދޫގައި މަގުމަތިކޮށްލުމުން އަލިފުތާ ބަލައި ދޭނެ މީހަކު ހޯދަން އެރަށު ކައުންސިލުން އިއުލާނެއް ކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަސްތެރޭގަ އެވެ. ނަމަވެސް އޭނާ ބަލައިދޭނެ މީހަކު ނުވި އެވެ. އަދި އާއިލާއިންވެސް އޭނާއާ ހަވާލެއް ނުވި އެވެ.
މާމެންދޫ ކައުންސިލް ރައީސް މުހައްމަދު ޒައީމް މިއަދު "ވަން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުން ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުން ބަލަހައްޓާ މަރުކަޒަށް ގެންދިޔުމަށް މިއަދު ހެނދުނު އަލިފުތާ ގެންގޮސްފައިވާ ކަމަށެވެ.
ޒައީމް ވިދާޅުވީ އަލިފުތާގެ ވާރިސުން އަލިފުތާ އާއި ހަވާލުވުމަށް އެދި ކޯޓަށް މައްސަލައެއް ހުށަހެޅި ކަމަށާއި އަދި ކޯޓުން އަމުރު ކުރުމުންވެސް އޭނާއާ ހަވާލުވުމަށް ވާރިސުން ދެކޮޅު ހަދާފައިވާ ކަމަށެވެ. އެހެން ކަމުން ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށަށް އޭނާ ގެންދިއުމަށް އެ މިނިސްޓްރީން ނިންމާފައިވާތީ އެ މައްސަލަ ފަހުން ކޯޓުގައި ކުރިއަށް ނުގެންދިއުމަށް ނިންމި ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން އަލިފުތާގެ ވާރިސުންނާ އޭނާ ހަވާލު ކުރުމަށް ކޯޓު އަމުރަކަށް އެދުނީ. އަމުރު ނެރުމުންވެސް ހަވާލެއް ނުވި. ދެން އަނެއްކާވެސް އެ މައްސަލަ ކޯޓަށް ވެއްދިން. އެކަމަކު ފަހުން ޖެންޑާ މިނިސްޓްރީން ބުނީ އެ ބޭފުޅުންގެ ބެލުމުގެ ދަށަށް އަލިފުތާ ގެންދާނަމޭ. އެހެންވެ ކައުންސިލުން ނިންމީ މައްސަލަ ކުރިއަށް ނުގެންދިޔުމަށް. ދެން މިއަދު ހެނދު ޖެންޑާ މީހުން ވަޑައިގެން އަލިފުތާ ގެންގޮސްފި." އޭނާ ވިދާޅުވި އެވެ.
އަލިފުތާގެ އުފަން ދަރިޔަކު ނެތެވެ. އޭނާގެ އަނބިމީހާ މަރުވިތާ މިހާރު ހަތަރު އަހަރު ވަނީ ވެފަ އެވެ. މިހާތަނަށް އެމީހާ ބަލަމުން އައީ ދޮންދަރިއެކެވެ. އެމީހާއަކީ ވެސް އުމުުރުން 65 އަހަރުން މަތީ މީހެކެވެ. އެނާއަށް އަލިފުތާ ބެލެން ނެތުމުން އަލިފުތާ ގެންގޮސް ވާރިސެއްގެ ގޭގެ ދޮރުމަތީ ބޭންދީ އެވެ. ނަމަވެސް ވާރިސުން ހަވާލު ނުވުމުން ފުލުހުން ކައުންސިލާ ހަވާލުކުރީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ