އުތުރާއި މެދުރާއްޖެތެރެއަށް މިއަދުވެސް މޫސުން ގޯސްވާނެ

އުތުރާއި މެދުރާއްޖެތެރެއަށް މިއަދުވެސް މޫސުން ގޯސްވާނެކަމަށާއި، ބައެއް ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ އުތުރާއި މެދުރާއްޖެތެރެއަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް، ވައިޓް އެލަރޓްވެސް ނެރެފައެވެ. މި އެލަރޓް ނެރެފައިވަނީ ބ. އަތޮޅުން ފެށިގެން ދ. އަތޮޅަށް މިއަދު ހެނދުނު 7:00 އިން މެންދުރު 12:00 ޖެހުމާ ހަމައަށެވެ. ވައިޓް އެލަރޓް ނެރެފައިވާ ސަރަޙައްދުގެ ރަށްތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އެކަށީގެންވާކަމަށާއި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެފައިވެއެވެ.
ކުރިއަށްއޮތް 24 ގަޑިއިރު ރާއްޖޭގެ މޫސުން ލަފާކުރާގޮތަށް ބަލާއިރު، އުތުރާއި މެދުރާއްޖެތެރޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެކަމަށާއި، މީގެތެރެއިން ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. އަދި ދެކުނުުގެ އެކިހިސާބަށް ކެރީގެ އަސަރު ފޯރާނެކަމަށް ބެލެވޭކަމަށްވެސް އެ އިދާރާއިން ވިދާޅުވެއެވެ.
ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން އަދި އެހެން ހިސާބުތަކަށް އިރާއި އިރުދެކުނުން، ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ. އަދި ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށާއި، ރާޅުގެ އުސްމިނުގައި 3 ފޫޓާއި 5 ފޫޓު ހުންނާނެކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާގެ ރެކޯޑްތައް ދައްކާގޮތުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ނ. މާފަރަށެވެ. އެ ރަށަށް 40 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ