ސްކޫލް ގަޑީގައި ޓީޗަރުން ފޯނު ގެންގުޅުން ލަންކާގެ ޕްރޮވިންސެއްގައި މަނާކޮށްފި

ސްކޫލް ގަޑީގައި ޓީޗަރުން މޯބައިލް ފޯން ބޭނުން ކުރުން ސްރީ ލަންކާގެ އުވަ ޕްރޮވިންސްގައި މަނާކުރަން ނިންމައިފި އެވެ. ދެ ޑިސްޓްރިކްޓެއް އޮންނަ އުވަ ޕްރޮވިންސްގެ ޗީފް މިނިސްޓަރު ޗަމަރަ ސަމްޕަތް ދަސަނަޔަކައާ ވިދާޅުވީ، ސްކޫލް ވަގުތުގައި ޓީޗަރުންގެ މޯބައިލް ފޯނުތައް ނިއްވާލުމަށްފަހު ޕްރިންސިޕަލްގެ އޮފީހާ ހަވާލުކުރުމަށް ޕްރޮވިންސްގެ ހުރިހާ ޓީޗަރުންނަށް ލަފާދީފައިވާނެ ކަމަށެވެ. "ހުއްދަ ނެތި ފޮޓޯ ނެގުމުގެ އިތުރުން މޯބައިލް ފޯން ބޭނުންކުރުމުން ސްކޫލްތަކުގެ އުފެއްދުންތެރިކަން އެބަ ދަށްވޭ. އެހެންކަމުން ކިޔަވައިދޭ ގަޑީގައި ފޯނުތައް ޕްރިންސިޕަލްގެ އޮފީހުގައި ބެހެއްޓުމަށް މިހާރު އަންގައިފައިވާނެ. އެމެޖެންސީ ހާލަތެއް ނަމަ ޕްރިންސިޕަލަށް ނުވަތަ ސްކޫލަށް ގުޅޭނެ،" ދަސަނަޔަކަ ވިދާޅުވެފައިވެ އެވެ. މީގެ އިތުރުން، ޕްރޮވިންސްގެ ބައެއް ސްކޫލްތަކުގެ ދަރިވަރުން ސްކޫލަށް މޯބައިލްފޯން ގެންނަ ކަމުގެ މައުލޫމާތުތައް ލިބިފައި ވާތީ، ކުރިއަށް އޮތްތަނުގައި އެކަމަށް އެކަށީގެންވާ ފިޔަވަޅު އެޅުމަށް ވެސް އޭނާ ވަނީ ޕްރިންސިޕަލުންނަށް އަންގާފަ އެވެ. ދަސަނަޔަކަ ވިދާޅުވީ، އެކަމަށް އެކުލަވާލާ އާ ސާކިއުލާއަށް އަމަލުކުރަން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުން ފަށައިގެންނެވެ. އަދި މޯބައިލް ފޯން ބޭނުން ކުރުން މަނާކުރުމުގެ ގަވާއިދަށް އަމަލުކުރޭތޯ ބެލުމަށް ހަރުކަށި ރެގިއުލޭޝަންތަކެއް ގާއިމްކުރާނެ ކަމަށް ވެސް ޗީފް މިނިސްޓަރު ވިދާޅުވެފައިވެ އެވެ. "ގަވައިދަށް ހުރުމަތްތެރިކަން ނުހިތާ ދަރިވަރުން ސަސްޕެންޑްކޮށް ގެއަށް ފޮނުވާލެވޭނެ. އަދި ޓީޗަރުން ޓްރާސްފާރ ކުރާނަން،" ޗީފް މިނިސްޓަރު ދަސަނަޔަކަ ވިދާޅުވި އެވެ. މައުލޫމާތު: ޑެއިލީމިރާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ