ކޮވިޑްގައި މަރުވާ މީހުން އަންދައިލުމުގެ މައްސަލައިގައި ރާއްޖެއަށް ކޮށްދެވެން އޮތް ކަމެއް ކޮށްދޭންވާނެ: ގާސިމް

ކޮވިޑް 19 ޖެހިގެން އަވަށްޓެރި ސްރީލަންކާގައި މަރުވާ މުސްލިމުން އަންދާލަމުންދާ މައްސަލައިގައި، ރާއްޖޭން ކޮށްދެވެން އޮތް ކަމެއް ރައްކާތެރިކަމާއެކު ދީނުގައިވާ ގޮތަށް ކޮށްދިނުމަކީ އެދެވިގެންވާ ކަމެއް ކަމަށް ވެރިކަން ހިންގާ ކޯލީޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ކޮވިޑްބަލީގައި ލަންކާގައި މަރުވާ މުސްލިމުން އަންދާ މައްސަލައިގައި، ކަންބޮޑުވެފައިވާއިރު އެމީހުން ވަޅުލުމަށް ރާއްޖޭގެ އެހީތެރިކަމަށް ލަންކާއިން ވަނީ އެދިފައެވެ. އެކަމާ ގުޅުގެން ސިޔާސީ ފަރާތްތަކުގެ ހިޔާލު ތަފާތުވެފައިވާއިރު، ގާސިމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، "ލަންކާ ގައި ކޮވިޑް 19 ޖެހިގެން މަރުވާ އިސްލާމުންގެ ޖަނާޒާގެ ކަންތައްތައް ދީނުގައިވާގޮތަށް ކުރުމަށް ފުރުސަތު ނުލިބިގެން އެ ހަށިތައް އަންދާނަމަ ރާއްޖޭން އެކަމަށް ކޮށްދެވެން އޮތް ކަމެއް ރައްކާތެރިކަމާއެކު ދީނުގައިވާ ގޮތަށް ކޮށްދެއްވުމަކީ އެދެވިގެންވާ ކަމެއް،" ކަމަށެވެ.
ކޮވިޑް 19 ގައި މަރުވާ މީހުންނަކީ ކޮންމެ ދީނެއްގެ ބައެއް ކަމަށްވިޔަސް ދީނުގައިވާގޮތަށް ޖަނާޒާގެ ކަންތައް ކުރުުގެ ހައްގު ދިނުމަކީ ބައިނަލް އަގުވާމީ ގޮތުން ބެލިޔަސް، ދީންތަކުގެ ހަމައިން ބެލިޔަސް، އަދި އިންސާނީ ބުއްދީގެ ހަމައިން ބެލިޔަސް، އެއީ އެބައިމީހުންނަށް ލިބެން ލާޒިމް ހައްގެއް ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
ވެރިކަން ހިންގާ ކޯލީޝަނުގައި ހިމެނޭ ޖުމްހުރީ ޕާޓީގެ ލީޑާރު ގާސިމް އެކަމަށް ތާއީދުކުރައްވައި ވާހަކަ ދައްކަވާފައިވާއިރު، އެ ކޯލީޝަންގެ ހިމެނޭ އެމްއާރުއެމްގެ ލީޑަރު ކުރީގެ ރައީސް މައުމޫނު އަބުދުލް ގައްޔޫމު ވަނީ، އެފަދަ މީހުން ރާއްޖޭގައި ވަޅުލުމަށް ދެކޮޅު ހައްދަވައިފައެވެ.
ރައީސް މައުމޫނު ވިދާޅުވީ، ކޮވިޑް ބަލީގައި މަރުވާ މީހުން ވަޅުލުމަށް ރާއްޖެ ގެންނަން ތާއީދު ނުކުރައްވާ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، އެއްވެސް ދީނަކަށް ނުވަތަ ނަސްލަކަށް ނުބަލައި، ރާއްޖެއަށް ޒިޔާރަތްކުރާ ހުރިހާ ފަރާތްތަކަށް މަރުހަބާ ދަންނަވާ ކަމަށެވެ. ނަމަވެސް ކޮވިޑް ބަލީގައި މަރުވާ ބޭރު ފަރާތްތައް ރާއްޖެ ގެނެސް ވަޅުލުމަކީ ތާއީދު ކުރެވޭނެ ކަމެއް ނޫން ކަމެއް ކަމަށް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ