މުރައިދޫ އަތުން މޮޅުވެ ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ވަލްހަލާ އިން ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފި

ވިލިމާލޭގައި މިހާރު ކުރިއަށްދާ "އޮބިއަން ޓީއެފްޓީ 11 ވަނަ ރަމަޟާން ފުޓްސަލް ޗެލެންޖު 2024" ގައި އަންގާރަދުވަހުގެ ރޭ ކުޅެވުނު ދެވަނަ މެޗުގައި ގުރޫޕް އީގެ މުރައިދޫ އެފްސީ އާއި އެފްސީ ވަލްހަލާ ވާދަކުރި މެޗު ވާދަވެރި ކުޅުމަކަށްފަހު 9-6 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ވަލްހަލާ އިން މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
މުބާރާތުގައި އެފްސީ ވަލްހަލާ އިން ކުޅުނު ފުރަތަމަ މެޗުގައި 2-1 ގެ ނަތީޖާއަކުން ޑެމޯނިއީސް އަތުން އެޓީމު ބަލިވި ނަމަވެސް ދެވަނަ މެޗުގައި އެޓީމުން ވަނީ 3-2 ގެ ނަތީޖާއަކުން ޕާކިއަންސް އަތުން މޮޅުވެފައެވެ. އަދި މިމެޗުން ބަލިވި މުރައިދޫ އިން ކުޅުނު ފުރަތަމަ މެޗުގައި 4-3 ގެ ނަތީޖާއަކުން ޕާކިއަންސް އަތުން އެޓީމު ބަލިވިއިރު، ދެވަނަ މެޗުގައި ޑެމޯނިއީސް އަތުން އެޓީމު ބަލިވީ 3-1 ގެ ނަތީޖާއަކުންނެވެ.
ވިލިމާލޭ ފުޓްސަލް ދަނޑުގައި ކުޅެވުނު މި މެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު، ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 4-3 ގެ ނަތީޖާއަކުން މުރައިދޫ ކުރީގައި އޮވެގެންނެވެ.
Advertisement
ނަމަވެސް ދެވަނަ ހާފުގައި ވަލްހަލާ އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގައިި އެޓީމުން ވަނީ އިތުރު ހަ ލަނޑު ކާމިޔާބުކުރިއިރު، މުރައިދޫ އަށް ދެވަނަ ހާފުގައިި ކާމިޔާބުކުރެވުނީ ދެލަނޑެވެ. މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 6-9 ގެ ނަތީޖާއަކުން ވަލްހަލާ ކުރީގައި އޮވެގެންނެވެ.
މިމެޗުގައި ވަލްހަލާގެ އަހުމަދު މަޒީން ތިން ލަނޑު ކާމިޔާބުކޮށް ހެޓްރިކް ހެދި އިރު، އެޓީމުގެ މުހައްމަދު ހަސަން އަހުމަދު އަދި އަހުމަދު ނާއިލް އިބްރާހިމްގެ އިތުރުން މުހައްމަދު ޝާއިފް މިއިން ކޮންމެ ކުޅުންތެރިއެއް ވަނީ ދެލަނޑު ކާމިޔާބުކޮށްފައެވެ.
މީގެ އިތުރުން މިމެޗުގައި މުރައިދޫގެ މުހައްމަދު އައުސް ތިން ލަނޑު ކާމިޔާބުކޮށް ހެޓްރިކް ހެދި އިރު، އެޓީމުގެ އިޔާން އަހުމަދު ރަޝީދު ވަނީ ދެލަނޑު ކާމިޔާބުކޮށްފައެވެ. އަދި އެޓީމުގެ އަނެއް ލަނޑަކީ ވަލްހަލާގެ ކީޕަރު ހުސެއިން އިބްރާހިމް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަދި މިމެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ ވަލްހަލާގެ އަހުމަދު ނާއިލް އިބްރާހިމް އެވެ.
މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު މުބާރާތުގައި ކުޅުނު ތިން މެޗުން ވަލްހަލާ އަށް ހަ ޕޮއިންޓް ލިބިފައިވާއިރު، ގުރޫޕްގެ އެއްވަނަ ޓީމަށް ލިބެނީ ލަނޑުގެ ތަފާތުންނެވެ. އަދި މިމެޗުން ބަލިވި މުރައިދޫ އިން ކުޅުނު ތިން މެޗުން ވެސް ބަލިވެ އެޓީމު މުބާރާތް ނިންމާލީ ގުރޫޕްގެ ފުލުގައި އޮވެއެވެ.
ޗެންޕިއަން ޓީމަށް 50,000 އަދި ރަނަރަޕް ޓީމަށް 30,000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ މިމުބާރާތުގައި މިއަހަރު 32 ޓީމަކުން ބައިވެރިވެފައިވާއިރު މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބައިވެރިވި 32 ޓީމު 8 ގުރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު މުބާރާތުގެ ދެވަނަ ބުރަށް ހޮވޭގޮތަށެވެ.
މިމުބާރާތުގެ މެއިން ސްޕޮންސަރ އަކީ އޮބިއަން އެވެ. އަދި މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ހަމަޖައްސާފައި ވޮއިސް އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ