ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދު ގުނަން ޖެހޭނީ މަޖިލީހުގައި މިހާރު ހުސްވެފައިވާ ހަތް ގޮނޑި ހިމަނައިގެން ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމަށް އަމަލު ނުކުރަން މަޖިލިހުން ފާސްކޮށްފިއެވެ.
މަޖިލިހުގެ ރިޔާސަތުގައި އިންނެވި މަޖިލިހުގެ ރައީސް މުހައްމަދު އަސްލަމް ހުށަހެޅުއްވީ ސުޕްރީމް ކޯޓުން މެމްބަރުންގެ ގޮނޑިއާ ގުޅޭ ގޮތުން ކުރި ހުކުމާ ގުޅިގެން މަޖިލިހުން ގޮތެއް ނިންމުމަށެވެ. އަދި މަޖިލިހުގެ ޖަލްސާތައް ކުރިއަށް ގެންދެވޭނީ އެކަމާ މެދުގައި ގޮތެއް ނިންމައިގެން ކަން އަސްލަމް އިއުލާން ކުރެއްވިއެވެ.
އެހެންވެ، ވިލިނގިލީ ދާއިރާގެ އެމްޑީޕީ މެމްބަރު ސައުދު ހުސެއިން ހުށަހެޅުއްވީ ސުޕްރީމް ކޯޓުގެ ހުކުމަށް އަމަލުނުކޮށް، މަޖިލީހުގެ ޖުމްލަ އަދަދަކީ 80 ކަމަށް ބަލައިގެން މަޖިލިސް ޖަލްސާތައް ކުރިއަށް ގެންދިއުމަށެވެ.އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އެވެ.
މަޖިލިހުގައި ނެގި ވޯޓުގައި އެގޮތަށް ފާސްވީ 25 މެމްބަރުންގެ ވޯޓުންނެވެ. ނުފެންނަ ކަމަށް ދެ މެމްބަރަކު ވޯޓު ދެއްވިއެވެ.
އަސްލަމް ވިދާޅުވީ، މިގޮތަށް ފާސްކުރުމުން ދެން ޖަލްސާތަކުގައި މަޖިލީހުގެ މެމްބަރުންގެ އަދަދަކަށް ބަލާނީ 80 ކަމަށެވެ.
ސުޕްރީމް ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ މަޖިލިހުގެ ޖުމްލަ މެމްބަރުންގެ އަދަދާ ގުޅޭ ގޮތުން މަޖިލީހުގެ ގަވައިދަށް ފުރަތަމަ ގެނައި އިސްލާހުތައް ގާނޫނުއަސާސީއާ ހިލާފު ކަމަށާއި މެމްބަރުންގެ އަދަދު ގުނަން ޖެހޭނީ މިހާރު ހުސްވެފައިވާ ގޮނޑިތައް ހިމަނައިގެން ކަމަށެވެ. އެކަމަކު، މަޖިލިހުން ފަހުން ގަވައިދު ބަދަލުކޮށް އެހެން މާއްދާއަކުން ހަމަ އެ ނަތީޖާ އަންނަ ގޮތަށް ބަދަލުކޮށްފައިވާތީ އެކަމުގައި އެޅޭނެ ފިޔަވަޅެއް ނެތް ކަމަށް ހުކުމްގައިވެއެވެ.
މެމްބަރުން ގުނުމުގައި ސުޕްރީމް ކޯޓުގެ ހުކުމަށް ތަބާނުވާން މަޖިލިހުން ފާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ