ބެލެނެވެރިންނާއި އެއްވެސް މަޝްވަރާއެއް ކުުރުމެއް ނެތި ހުޅުމާލޭ ފޭސް ދޭއްގައި ދިރިއުޅޭ ދަރިވަރުންނަށް ޚާއްސަކޮށްގެން އެއް ދަންފަޅިއަށް ހިންގަމުން އަންނަ ސަލާހުއްދީން ސްކޫލް ދެ ދަންފަޅިއަށް ބަދަލު ކުރުމަށް ނިންމާފައިވާކަން އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާއީލް ޝަފީއު ވިދާޅުވުމާއި ގުޅިގެން އެ ސްކޫލުގެ ބެލެނެވެރިން ނުރުހުން ފާޅުކުރަން ފަށައިފިއެވެ.
އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާއީލް ޝަފީއު އޭނާގެ ފޭސް ބުކުގައި ކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ވަރަށް ގިނަ އަދަދެއްގެ ރައްޔިތުން، ދެވަނަ ފިޔަވަހިން ސްކޫލް ޖާގައަށް އެދި މިނިސްޓްރީއަށް ތަކުރާރުކޮށް ހުށަހަޅަމުންދާ ކަމަށެވެ.
އެހެންނަމަވެސް ”ދިޔަވަރު އޮންލައިން“އަށް މައުލޫމާތުދިން ސަލާހުއްދީންގެ ބައެއް ބެލެވެރިން ކިޔައިދިން ގޮތުގައި ސަލާހުއްދީން ސްކޫލްގައި އެއް ދަންފަޅިއަށް ކިޔަވައިދެމުން ދަނިކޮށް, ކުއްލިއަކަށް އެ ސްކޫލް ދެ ދަންފަޅިއަށް ކިޔަވައިދޭ ސްކޫލަކަށް ބަދަލު ކުރުމަކީ ބެލެނެވެރިން ބަލައިގަންނާނެކަމެއް ނޫންކަމުގައެވެ.
އަދި އެ ނިންމުމުގެ ސަބަބުން އެ ސްކޫލަށް ކުދިން ފޮނުވަމުންދާ ބެލެނެވެރިންނަށް އެތައް އުދަގުލަކާ ކުރިމަތިވެ, ބައެއް ބެލެނެވެރިންނަށް ވަޒީފާތަކުންވެސް ވަކިވާން މި ބަދަލުގެ ސަބަބުން މަޖުބުރުވާނެކަމަށްވެސް ބައެއް ބެލެނެވެރިން “ދިޔަވަރު އޮންލައިން”އަށް މައުލޫމާތު ދެމުން ކިޔައިދީފައި ވެއެވެ.
ބެލެނެވެރިން “ދިޔަވަރު އޮންލައިން”އަށް މައުލޫމާތު ދީފައިވާ ގޮތުގައި, އެތައް ބެލެނެވެރިންނަށް ބޮޑެތި އުދަގޫތައް ކުރިމަތިވާގޮތަށް ކުއްލިއަކަށް ގެންނަން އެޑިއުކޭޝަންއިން ނިންމި މި ނިންމުން ބަދަލު ނުކޮށްފިނަމަ, މުޒާހިރާކުރަން ބެލެނެވެރިން ތައްޔާރުވަމުންދާ ކަމުގައެވެ.
ބެލެނެވެރިން ބުނެފައިވަނީ އެޑިއުކޭޝަން މިނިސްޓްރީން އެ ސްކޫލް ދެ ދަންފަޅިއަށް ބަދަލު ކުރަނީ ފޭސް ދޭއްގައި ދިރިއުޅޭ މަދު ބަޔަކު ރުއްސުމަށް ކަަމަށާއި, އެއީ އެ ސްކޫލުގައި މިހާރު ތައުލީމު ހާސިލް ކުރަމުންދާ އެތައް ދަރިވަރުންނަށާއި ބެލެވެރިންނަށް ކުރިމަތިވެގެންދާނެ ވަރަށް ބޮޑު ތަކުލީފަކަށް ވެގެން ދާނެ ކަމެއް ކަމުގައެވެ.
ބައެއް ފަރާތްތަކުން ”ދިޔަވަރު އޮންލައިން“އަށް މައުލޫމާތު ދިން ގޮތުގައި, މަދު ބަޔަކު ރުއްސުމަށް ސަލާހުއްދީން ސްކޫލު ދެ ދަންފަޅިއަށް ބަދަލު ކުރުމަށް ނިންމާފައިވާއިރު, އެ ސްކޫލް ދެ ދަންފަޅިއަށް ބަދަލު ކޮށްގެން އެ ސްކޫލަށް ވައްދަން އެދޭ ކުދިންގެ ބެލެނެވެރިންގެ ތެރޭގައި ސަރުކާރުގެ އިސް ބައެއް ވެރިންވެސް ހިމެނެއެވެ.
ހުޅުމާލޭ ފޭސް ދޭއްގައި އިތުރު ސްކޫލެއްގެ ބިންގާ މި ސަރުކާރުން އަޅާފައިވި ނަމަވެސް އެމަސައްކަތް އޮތީ ހުއްޓިފައެވެ. އެސްކޫލުގެ ބިންގާ އެޅި ރަސްމިއްޔާތުގައި މުއިއްޒުވަނީ ރަތްދަކަ އަވީގައި ކުޑަކުދިން ލައްވާ ނައްޓުވާ, އެކުދިން ލައްވާ މުއިއްޒުއަށް ކުރުނީސްކޮށް ސަނާ ކިޔުއްވާފައެވެ.
ދެ ދަންފަޅިއަށް ބަދަލު ކޮށްގެން ސްކޫލްތަކުގައި ކިޔަވައިދިނުމަކީ ދަރިވަރުންގެ ތައުލީމަށް ނޭދެވޭ އަސަރު ކުރާކަމެއްކަމަށް ތަޖުރިބާކާރުން ބުނެއެވެ. އަދި ސްކޫލެއްގައި އެންމެ ގިނަވެގެންވެސް 1,000 ދަރިވަރުންނަށްވުރެ އިތުރު ވެއްޖެނަމަ ދަރިވަރުންނަށް އެކަށީގެންވާ ތައުލީ ފޯރުކޮށް ދިނުމަށް ހުރަސް އެޅޭކަމަށްވެސް ކަމުގެ ތަޖުރިބާކާރުން ވިދާޅުވެއެވެ.
އެއްވެސް މަޝްވަރައަކާ ނުލާ, މަދު ބައެއްގެ މަސްލަހަތަށް ސަލާހުއްދީން ސްކޫލް ދެ ދަންފަޅިއަށް ބަދަލު ކުރަން އުޅޭތީ ބެލެނެވެރިން ރަަތަށް! ބެލެނެވެރިން ދަނީ މުޒާހިރާ ކުރަން ތައްޔާރު ވަމުން!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ