ގަލޮޅު ދަނޑުގައި ހިންގި މާރާމާރީ އާއި ގުޅިގެން މީހަކު ހައްޔަރު ކޮށްފި

ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗެއްގެ ތެރެއިން ހިންގި މާރާމާރީ އާއި ގުޅިގެން ފުލުހުން މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ވިދާޅުވީ މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ އުމުރުން 19 އަހަރުގެ މީހެއް ކަމަށެވެ. އަދި މި މީހާގެ ބަންދަށް ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް އަމުރު ކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި ދެމީހުންގެ އިތުރުންވެސް މި މައްސަލައާއި ގުޅިގެން މި މަހުގެ 10 ވަނަ ދުވަހުވެސް ފުލުހުން ވަނީ ދެ މީހަކު ހައްޔަރު ކޮށްފައެވެ. އެއީ އުމުރުން 21 އަހަރާއި 35 އަަހަރުގެ ދެ ދިވެހި ފިރިހެނަކު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އެ ދެމީހުންގެ ބަންދަށްވެސް ކްރިމިނަލް ކޯޓުންވަނީ 15 ދުވަސް ޖަހާފައެވެ. މި ދެމީހުން ހައްޔަރުކޮށްފައިވަނީ މާރާމާރީއާއި ބިރުދެއްކުމާއި އިންޒާރުދިނުމާއި އާންމު މަސްލަހަތަށް ގެއްލުންހުރި އަމަލެއް ހިންގި ކަމުގެ ކުށުގެ ތުހުމަތުގަ އެވެ. ހައްޔަރު ކުރި މި ދެމީހުންނަކީ ވެސް ކުށުގެ ރިކޯޑް އޮންނަ ދެމީހުން ކަމަށް ފުލުހުން ބުނެއެވެ.
Advertisement
މި މާރާމީ ހިންގީގަލޮޅު ދަނޑުގައި އެދުވަހުގެ ހަވީރު ކުރިއަށް ދިޔަ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ މެޗެއްގެ ތެރެއިންނެވެ. މި މެޗުގައި ބައްދަލުކުރީ ކުޑަހެންވޭރު ޔުނައިޓެޑް އާއި ވިކްޓަރީ ސްޕޯޓްސް ކްލަބެވެ. 1-3 ނަތީޖާއަކުން ވިކްޓަރީ މެޗުގެ ލީޑުގައި އޮއްވާ، މެޗު ނިމެން ކައިރިވެފައިވަނިކޮށް މި ހަމަނުޖެހުން ފެށުނީ ވިކްޓަރީގެ ކޯޗު، ސޮބާހް މުހައްމަދު އިބްރާހިމަށް ހަމަލާއެއް ދިނުމުންނެވެ.
އޭގެ ފަހުން ކުޑަ ހެންވޭރުގެ ސަޕޯޓަރުންގެ ބަޔަކު ވަނީ ދަނޑު މައްޗަށް އަރައި ހަމަނުޖެހުން ހިންގާފަ އެވެ. އަދި ސޮބާހުގެ މޫނުމަތީ ގޮށްމުށުން ޖަހައި އޭނާގެ އަނގަމަތި ފަޅާލާފައި ވާއިރު، މީގެ އިތުރުންވެސް އޭނާއަށް ވަނީ އެކިވަރުގެ އަނިޔާ ލިބިފައެވެ.
މި ކަމުގެ ސަބަބުން މެޗުގެ ސެކިއުރިޓީ ބަލަހައްޓަން ތިބި ފުލުހުންގެ އިތުރުންވެސް ހަމަނުޖެހުން ހުއްޓުވުމަށް އިތުރު ފުލުހުންވެސް ވަނީ ސްޓޭޑިއަމަށް އައިސް ހަރަކާތްތެރިވެފައެވެ. އަދި މި ހަމަނުޖެހުމާއި އެކު މެޗު އިތުރަށް ކުރިއަށް ނުގެންގޮސް ވަނީ ހުއްޓާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ