ސިޔާސީ ގޮތުން ބަދަލުހިފުމުގެ ނިޔަތުގައި ރައީސް އަޒުލުކުރުމަކީ ރައްޔިތުންގެ ނިންމުމުގައި ކޮޅުފައިން ޖެހުން: ގާސިމް

ސިޔާސީ ގޮތުން ބަދަލުހިފުމުގެ ނިޔަތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އަޒުލުކުރުމަކީ ރައްޔިތުންގެ ނިންމުމުގައި ކޮޅުފައިން ޖެހުން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ގާސިމު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް މުއިއްޒުގެ ވެރިކަމާ ހަވާލުވިތާ އަދި މިވީ ދެ މަސް ދުވަސް ކަމަށާއި ގާނޫނުއަސާސީއާއި ގާނޫނާ ހިލާފު ނުވާހާ ހިނދަކު އަދި ރައީސުލްޖުމްހޫރިއްޔާކަމުގެ ޝަރުތުތަކުގެ ތެރެއިން ޝަރުތެއް އުނި ނުވާހާ ހިނދަކު ސިޔާސީ ގޮތުން ބަދަލުހިފުމުގެ ނިޔަތުގައި އަޒުލުކުރުމަކީ ރައްޔިތުންގެ ނިންމުމުގައި ކޮޅުފައިން ޖެހުން ކަމަށެވެ. އަދި ދައުރެއް ނިމެންމުންދާ މަޖިލީހެއްގެ ތެރެއިން އެފަދަ ކަމެއް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.
"މަޖިލީހުގެ މެޖޯރިޓީ އޮތަތީވެ، ހަމަ ތިބެފައި ޖެއްސުމަށް ކޮށްލާ ކަމަކަށް މިފަދަ ކަންކަން ކުރުމަކީ ގައުމުގެ ދުސްތޫރީ ހަމަތަކާއި ޑިމޮކްރަސީގެ އުސޫލުތަކާވެސް މުޅީން ހިލާފު އަމަލެކެވެ. މިފަދަ އަމަލުތަކުގެ ސަބަބުން ގައުމަށް ލިބެގެންދާނީ އިތުރު ހިތާމައާއި ނިކަމެތި ކަމެވެ. އެހެންކަމުން ރައީސުލްޖުމްހޫރިއްޔާ އަޒުލުކުރުމަށް ފަށާފައިވާ މަސައްކަތް އެއްވެސް ޝަރުތެއް ނެތި ހުއްޓާލުމަށް އަޅުގަނޑު ނަސޭހަތްތެރިވަމެވެ.،" ގާސިމު ވިދާޅުވެފައިވެއެވެ.
އޭނާ އިތުރަށް ވިދާޅުވީ، ރައީސް މުއިއްޒު މިހާތަނަށް މަސައްކަތް ކުރައްވަމުން ގެންދަވަނީ ރައްޔިތުންނާއި ގައުމަށްޓަކައި ކަމަށާއި ގާނޫނީ ވެރިކަން ހިންގުމަށް މަޖިލީހުން ފުރިހަމަ ފުރުސަތު ދޭން ޖެހޭނެ ކަމަށެވެ.
ގާސިމު މިހެން ވިދާޅުވެފައިވާއިރު، ރައީސް އަޒުލުކުރުމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށްޓަކައި ބޭނުންވާ ސޮއި ހަމަކޮށްފައިވާ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ