މައުސޫމުކަން ސާބިތު ނުވާ ނަމަ ކުށްވެރި ...
2015 ވަނަ އަހަރު، އިނގިރޭސި ވިލާތުގެ ސައުތެމްޕްޓަނުގައި، އުމުރުން 17 އަހަރުގެ ޖެއި ޗެޝަޔަރ ދަން ޖެހިގެން މަރު ވިއެވެ. ހަޔާތާ މެދު މާޔޫސް ވެ، ދިރިއުޅުމުން އޭނާ އަތް ދޮވެލީ އަންހެން ކުއްޖަކު އޭނާގެ ބޮލުގައި ރޭޕުގެ ދޮގު ތުހުމަތު އެޅުވުމާ ގުޅިގެންނެވެ. ފުލުހުން ޗެޝަޔަރގެ މައްޗަށް މަސް ދުވަހުގެ ތަހުގީގެއް ހިންގިއެވެ. ތަހުގީގުން އެއްވެސް ކަމެއް ސާބިތު ނުވި އިރު، ފަހުން އަންހެން ކުއްޖާ ވަނީ އޭނާ ހެދީ ދޮގެއް ކަމަށް އިއުތިރާފު ވެފައެވެ. ނަމަވެސް އެއިރު ވަނީ ވަގުތު ފާއިތު ވެފައެވެ. "ޗެޝަޔަރ އަކީ ތަކުރާރުކޮށް ޖިންސީ ގޯނާ ކުރާ މުޖުރިމެއް" ކަމަށް އަންހެން ކުއްޖާ ބުނި ބުނުން އޮތީ ޗެޝަޔަރގެ ފޮޓޯއާ އެކު މީޑިޔާގެ ޒަރީއާއިން މުޅި ގައުމަށް ފަތުރައިފައެވެ. އިނގިރޭސި އިބާރާތެއް ބޭނުން ކުރާ ނަމަ، މުޖުތަމައުގައި ޗެޝަޔަރ އެއިރު ވަނީ "ނޭމް އެންޑް ޝޭމް" ކުރެވިފައެވެ. ޗެޝަޔަރއަކަށް އަބުރު ގެއްލުމުގެ ވޭނަށް ކެތެއް ނުކުރެވުނެވެ. ފުލުހުން އޭނާގެ މައްސަލައިގެ ވޭދަނަ ބަންދު ކުރިތާ ހަފުތާއެއްހައި ދުވަސް ފަހުން، އޭނާ ދަން ޖެހިގެން މަރު ވީއެވެ. މިކަމާ ގުޅިގެން، ޓެލެގްރާފް ނޫހުގެ ކޮލަމިސްޓް އެލިސަން ޕިއަރސަން ލިޔުއްވައިފައި ވެއެވެ. "ޖެއިގެ ނަމާއި ފޮޓޯ އާއްމުކޮށް، ހާމަ ކުރެވުނު އިރު، ތުހުމަތު ކުރި މީހާގެ ނަމެއް ވެސް، އެއީ ކާކު ކަމެއް ވެސް، އޮފިޝަލުންނަށް ނޫނީ ނޭނގެއެވެ. އޮޅުމެއް ނެތް ގޮތުގައި، މިއީ ކަނޑައެޅިގެން ހުރި ބޭއިންސާފެވެ. މައުސޫމު ޒުވާނަކު ނުހަނު ނުބައި ޖަރީމާއެއްގެ ތުހުމަތުގައި، އެ ތުހުމަތަކީ ހަގީގަތެއް ކަން ކަށަވަރު ވެފައި ނުވާ ހާލު، ބޭޒާރު ކޮށް ފަލީހަތް ކޮށްލެވުނު އިރު، ނުބައި ނިޔަތަކާއި ހިތަކާ އެކު އޭނާ ބަދުނާމު ކޮށް އޭނާގެ ދިރިއުޅުން ބަރުބާދު ކޮށްލި މީހާއަށް ފިލައިގެން، ފޮރުވިގެން ހުރެވޭން ވީ ކީއްވެގެން ބާވައެވެ!" ދައްކާން މި އުޅެނީ ކުރެވޭ ތުހުމަތެއް ސާބިތު ވުމުގެ ކުރީން މީސްމީހުން ފަލީހަތް ކޮށްލެވި، ބޭޒާރު ކޮށްލެވި، ބަދުނާމު ކޮށްލެވޭ މައްސަލައިގެ ވާހަކައެވެ. ރޭޕް، ގަތުލު، ކުޑަކުދީންނަށް ޖިންސީ ގޯނާ ކުރުން، ޒިނޭ، އަދި މި ނޫނަސް މިފަދަ ކޮންމެ ކުށެއްގެ ތުހުމަތުގައި ވިޔަސް ވެހެވެ. މި ވާހަކަ ދައްކާން މަޖުބޫރު ވަނީ، މި މައްސަލަ ދިވެހިރާއްޖޭގައި އިންތިހާއަށް ބޮޑު ވެފައި ވާތީއެވެ. މީހެއްގެ މައްޗަށް ތުހުމަތެއް ކުރެވޭ އިރަށް، ރަސްމީ ބައެއް އިދާރާތަކާއި މީޑިޔާގެ ބައެއް ފަރާތްތައް ގުޅިގެން، އެ މީހެއްގެ ދިރިއުޅުން ބަރުބާދު ކޮށްލާ މަންޒަރު އާއްމު ވަމުން ދާތީއެވެ. ކުށް ސާބިތު ނުވާ ނަމަ މައުސޫމު އަދުލުއިންސާފުގެ އެންމެ އަސާސީ އެއް މަބްދައަކީ ކުށެއް ސާބިތު ނުވާހައި ހިނދަކު ކޮންމެ މީހަކީ ވެސް ކުށެއް ނެތް މީހެއް ކަމަށް ބެލުމުގެ މަބްދައެވެ. މިއީ ކޮންމެ މީހަކަށް މެ ގާނޫނުން ކަށަވަރު ކޮށްދޭ އަސާސީ ހައްގެކެވެ. ކީރިތި ރަސޫލާގެ ހަދީސްފުޅަކުން ނެގޭ މި މަބްދައު، އިންސާނީ ހައްގުތަކާ ބެހޭ ގާނޫނުތަކުގައި ވަނީ ހިމެނިފައެވެ. ޔުނިވަރސަލް އިސްލާމިކް ޑެކްލަރޭޝަންގެ 5 ވަނަ މާއްދާގައްޔާއި، ކެއިރޯ ޑެކްލަރޭޝަން އޮން ހިޔުމަން ރައިޓްސް އިން އިސްލާމްގެ 19 ވަނަ މާއްދާގައްޔާއި، ޔުނިވަރސަލް ޑެކްލަރޭޝަން އޮފް ހިޔުމަން ރައިޓްސްގެ 11 ވަނަ މާއްދާގައި މި ހައްގު ކަށަވަރު ކޮށްދެވިފައި ވެއެވެ. ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ 51 ވަނަ މާއްދާގައި ވެސް މި ވާހަކަ އެބައޮތެވެ. މީހެއްގެ މައްޗަށް ކުށެއް ސާބިތު ނުވާހައި ހިނދަކު، އޭނާ އަކީ މައުސޫމު މީހެއް ކަމަށް ބެލުމުގެ އުސޫލަކީ އިންސާނީ ތަހުޒީބުގެ އެންމެ އަލިގަދަ އެއް ދަންމަރެވެ. އެ އުސޫލަކީ މުޖުތަމައުތަކުގައި އަދުލުއިންސާފު ގާއިމު ކުރުމުގެ ނިޒާމުގެ ރަން ކުރިބޯށިތަކުގެ ތެރެއިން ކުރިބޯށްޓެކެވެ. އެ އުސޫލު ނެގެހެއްޓޭ މިންވަރު، އެއީ މުޖުތަމައެއް ތަހުޒީބު ވެ ކުރި އަރައިފައި ވާ މިންވަރު ދައްކުވައިދޭ އެންމެ މުހިއްމު އެއް ބަހާއެވެ. ކުށް ސާބިތު ވެފައި ނުވާ މައުސޫމު މީސްމީހުންނަށް އަދަބު ދެވުމާއި، މުޖުތަމައުގައި އެމީހުންގެ އަބުރު ކަތިލެވި، އެމީހުންގެ ދިރިއުޅުން ބަރުބާދު ކޮށްލެވުން، މިއީ މުޖުތަމައު ތަހުޒީބު ނުވާ ކަމުގެ އަލާމާތްތަކެވެ. މިއީ ޖަހާލަތާއި އަނިޔާގެ އެންމެ ނުބައި އެއް ވައްތަރެވެ. ބޮޑު އަނިޔާއެއް އިންސާނާ އާއި އިންސާނީ މުޖުތަމައުގެ ތަބީއަތު ހުންނަ ގޮތުން، މީހެއްގެ މައްޗަށް ކުރެވޭ ތުހުމަތެއްގެ ވާހަކަ މުޖުތަމައުގައި އާއްމު ވެއްޖެ ނަމަ، ހަގީގަތަށް ބެލުމެއް ނެތި، އެތައް ހާސް ބަޔަކު އެ ވާހަކަ ގަބޫލު ކުރެއެވެ. މުއްތަހަމަކީ ހަގީގީ ކުށްވެރިއެއް ކަމަށް ގަބޫލު ކުރެއެވެ. އެންމެ ހިތާމަ ހުރި ކަމަކީ، އެ ތުހުމަތަކީ ދޮގެއް ކަން ފަހުން ސާބިތު ވިޔަސް، އެއްކަލަ މީހާއާ މެދު މުޖުތަމައުގެ ޖަމާއީ ޚިޔާލު މުޅީން ބަދަލު ނުވާ ކަމެވެ. ދިވެހި ހަރު ބަހަކުން ދަންނަވާ ނަމަ، ގެއްލިއްޖެ އަބުރަކީ އަނބުރައި ލިބޭ އެއްޗެއް ނޫނެވެ. މުއްތަހަމަކީ ޖެއި ޗެޝަޔަރ ފަދަ މައުސޫމު މީހެއް ކަމަށް ވެދާނެއެވެ. އެފަދަ ހާލަތުގައި، އެ މީހެއްގެ ފޮޓޯ އާއްމު ކޮށް، ތުހުމަތުގެ ވާހަކަ ފަތުރައި، އޭނާ ފަލީހަތް ކޮށް ބަދުނާމު ކޮށްލެވޭ އިރު، އޭނާގެ އަބުރު ގެއްލި ދިރިއުޅުން ބަރުބާދު ވެގެން އެ ދަނީ އޭނާ ނުކުރާ ކުށެއްގެ ތުހުމަތުގައެވެ. އެފަދަ މީހެއްގެ ހިތުގައި އަޅާނެ ވޭނާއި ކެކުޅުމާއި، ނަފްސާނީ ގޮތުން އެމީހަކު އުފުލާނެ ބުރަތަކާއި، ކުރާނެ ހިތާމަތަކާ މެދު ވިސްނައިވަޑައިގެން ބައްލަވާށެވެ. އޭނާގެ މައްޗަށް ކުރެވުނު ދޮގު ތުހުމަތު ވަކި ހިސާބަކުން ދޫކޮށްލެވުނަސް، އަދި ކޯޓުން އޭނާގެ މައްޗަށް ކުށް ސާބިތު ނުވިޔަސް، މުޖުތަމައުގައި އޭނާގެ އަބުރު ގެއްލިގެން ދިޔަ ދިޔުން، އެއީ ނުވާ ކަމެއް ކަމަކަށެއް ނުހެދޭނެއެވެ. މުއްތަހަމަކީ ހަގީގީ ކުށްވެރިއެއް ކަމަށް ވިޔަސް، މީޑިޔާގެ ވަސީލަތުން އޭނާ ކުރި ކުށުގެ ވާހަކަ ފަތުރައި އާއްމު ކުރުމަކީ އަނިޔާއެކެވެ. އެހެނީ، ކުށެއް ކޮށްފި މީހަކަށް ގާނޫނުތަކުން ކަނޑައެޅިފައި ހުންނަ އަދަބުތައް ދެވެއެވެ. ކުށް ސާބިތު ވެއްޖެ ނަމަ، އެއްކަލަ އަދަބާ ކޮންމެ މީހަކުވެސް ކުރިމަތި ލައެވެ. އެ އަދަބު ތަހައްމަލު ކުރެއެވެ. ވީމާ، މީޑިޔާ ފަދަ ވަސީލަތްތައް މެދުވެރި ކޮށް އޭނާގެ އަބުރު ދުއްވައިލުން، އެއީ އޭނާއަށް ދެވޭ އިތުރު އަދަބެއް ކަން ޔަގީނެވެ. ކޮންމެ އިންސާނަކީ ވެސް ހުރުމަތަކާއި ކަރާމާތެއް ލިބިގެން ވާ މީހަކަށް ވާ ހިނދު، މީހަކު ކުރި ކުށަށް ގާނޫނުން ކަނޑައަޅައިފައި ވާ އަދަބު ދިނުމުގެ އިތުރުން، ފަލީހަތާއި ބަދުނާމާއި އަބުރު ކަތިލުމުގެ އަދަބު ވެސް އޭނާއަށް ދޭން ޖެހޭ ބާވައެވެ! ވިސްނައިލާން ޖެހޭ އެހެން ކަމެއް ވެސް އެބައޮތެވެ. އެއީ މީހެއްގެ މައްޗަށް ކުރެވޭ ދޮގު ތުހުމަތެއްގެ ޚަބަރުތައް އޮންލައިން ނޫސްތަކުގައި ޝާއިއު ކުރުމަށް ފަހު، އެ މީހާ އަކީ މައުސޫމު މީހެއް ކަން ސާބިތު ވިޔަސް، އެއްކަލަ ޚަބަރުތަކާއި ރިޕޯޓުތައް އޮންލައިން އަރުޝީފުތަކުގައި ހުންނަ ހުރުމެވެ. ނަތީޖާއެއްގެ ގޮތުން، އެ މީހާގެ ނަން ލިޔެލައިގެން ސާޗެއް ކޮށްލައިފި ނަމަ، އެއްކަލަ ލިޔުންތައް ފެންނާން ހުރެއެވެ. އެ ލިޔުންތައް ވެގެން އެ ދަނީ ކުށެއް ނެތް މީހެއްގެ ނިތްކުރީގައި މުޖުރިމެއް ކަމުގެ އަނިޔާވެރި އަދި ދޮގު ލޭބަލް ޖަހާ ދާއިމީ ކުށުގެ ރެކޯޑަކަށެވެ. ކީރިތި ރަސޫލާގެ ހަދީސްފުޅެއްގައި އޮންނަ ގޮތުން، ޝަރީއަތަކީ ހެކިތަކާއި ބުއްދީގެ ދަލީލުތަކުން ސާބިތު ކުރެވޭ ކަމެއްގެ މައްޗަށް ހުކުމް ކުރެވޭ، ނުވަތަ ބޭރުފުށަށް ހިނގާ އެއްޗެކެވެ. މި އުސޫލަކީ މި ޒަމާނުގެ ހުރިހާ ގާނޫނީ ނިޒާމުތަކެއްގައި ވެސް ބަލައިގަނެވިފައި ވާ އުސޫލެކެވެ. އިނގިރޭސި ވިލާތުގެ ނަންހުރި ފަނޑިޔާރެއް ކަމަށް ވާ ލޯރޑް ސްކާރމަން ވިދާޅުވެފައި ވަނީ "ޝަރީއަތުގެ ނިޒާމުގެ މަގުސަދަކީ ހަގީގަތް ނުވަތަ ތެދަކީ ކޮބައިތޯ ހޯދައި ބެލުން ނޫން" ކަމަށާއި، އެ ނިޒާމުގެ މަގުސަދަކީ ބޭރުފުށަށް ސާބިތު ވާ ކަންކަމަށް ރިއާޔަތް ކޮށްގެން "އަދުލުއިންސާފު ގާއިމު ކުރުން" ކަމަށެވެ. މި އުސޫލުން ޝަރީއަތް ކުރާ އިރު، ކުށް ސާބިތު ވާ މީހާ އަކީ ވެސް ހަގީގަތުގައި މައުސޫމު މީހަކަށް ވެދާނެއެވެ. އެފަދަ ހާލަތުގައި، ގާނޫނުން އޭނާއަށް ދޭ ނުހައްގު އަދަބުގެ އިތުރުން، އޭނާގެ އަބުރު ވެސް ކަތިލައިލާން ވީތޯއެވެ؟ މި ހުންނަނީ ބޮޑެތި އަނިޔާ ނޫން އެހެން ކޮން ކަމެއްތޯއެވެ؟ ނުބައި ނަތީޖާތައް ކުށުގެ ތުހުމަތު ކުރެވޭ މީހުންގެ ވާހަކަ މީޑިޔާ ފަދަ ވަސީލަތްތައް މެދުވެރި ކޮށް މުޖުތަމައުގައި ފެތުރުމަކީ "ނޫސްވެރިކަން" ކަމަށް ބައެއް މީހުން ދެކެއެވެ. ކުށް ކުރާ މީހުންނާއި ކުށުގެ ވާހަކަ މީޑިޔާގައި ދައްކައި ހެދުމުން، އެކަމުން މީހަކަށް ނުވަތަ ބަޔަކަށް ފައިދާތަކެއް ކުރާ ކަމަށް ދެކޭ މީހުން އުޅެއެވެ. ނަމަވެސް މިއީ ރަނގަޅު ވިސްނުމެއް ނޫނެވެ. ނޫސްވެރިކަމަކީ މުޖުތަމައު ބިނާ ކޮށް، އަދުލުއިންސާފުގެ އަގުތައް ނަގަހައްޓައި، އިންސާނީ ކަރާމާތް ރައްކައުތެރި ކުރުން ފަދަ މާތް މަގުސަދުތަކަކަށް ޓަކައި ކުރެވޭ ކަމެކެވެ. ނޫސްވެރިކަމުގެ އަމާޒަކީ ގެއްލުން ދިނުމާއި، ހިތްދަތިކަމާއި ވޭނާއި ކެކުޅުމުގެ އަލިފާން ޖެހުމެއް ނޫނެވެ. އަދުލުއިންސާފުގެ އުސޫލުތަކާއި އިންސާނީ އުޚުއްވަތްތެރިކަމާއި އިންސާނީ ކަރާމާތާއި ހުރުމަތާއި ބުއްދީގެ ހަމަތަކާއި އަގުތައް، މީޑިޔާގެ ދޮރޯށްޓާ ހަމައިން ތައުލީގު ވުމަކީ ގަބޫލު ކުރެވޭނެ ގޮތެއް ނޫނެވެ. ކުށްވެރިއަކަށް ވެސް ގާނޫނުން ދޭ އަދަބުގެ އިތުރުން އޭނާ ފަލީހަތް ކޮށްލުމުގެ ސަބަބުން އެކަކަށް ވެސް ލިބޭ މޮޅެއް ނޯވެއެވެ. ކުށްވެރިޔާއަށް ވެސް، އޭނާ ކުރި ކުށުގެ ސަބަބުން ގެއްލުން ލިބުނު މަޒުލޫމުންނަށް ވެސް، އަދި މުޖުތަމައަށް ވެސް އެކަމުން ލިބޭ ފައިދާއެއް ނޯވެއެވެ. އެއާ ޚިލާފަށް، ކުށްވެރިޔާ ފަލީހަތް ކޮށްލުމުން ނުކުންނަނީ ހުސް ނުބައި ނަތީޖާތަކެވެ. މިސާލަކަށް، ކުށް ކުރިކަން ސާބިތު ވާ މީހާ މުޖުތަމައުގައި ފަލީހަތް ކޮށްލުމުން، ވަރަށް ގިނަ ފަހަރު، އޭނާއާ މުޖުތަމައާ ގުޅުން ކެނޑެއެވެ. މުޖުތަމައު އޭނާ ދެކެ، އަދި އޭނާ މުޖުތަމައު ދެކެ ނަފުރަތު ކުރާން ފަށައެވެ. އާޚިރު ނަތީޖާ އަކީ އޭނާގެ ހިތުގައި މުޖުތަމައާ ދެކޮޅުވެރި ވުމާއި، މުޖުތަމައުގެ ކިބައިން ބަދަލު ހިފުމުގެ ޝުއޫރު އުފެދި، އިތުރު ކުށްތަކަށް އަރައިގަތުމަށް އޭނާގެ ނަފްސިއްޔާތު ތައްޔާރު ވުމެވެ. ހަމައެހެންމެ، ނުބައި އަމަލުތަކާއި ޖަރީމާތަކުގެ ވާހަކަ މީޑިޔާ ފަދަ ވަސީލަތްތައް މެދުވެރި ކޮށް މުޅި މުޖުތަމައުގައި ފެތުރުމުން، އެފަދަ ޖަރީމާތަކަކީ އާދައިގެ ކަންކަން ކަމުގެ ވިސްނުން މުޖުތަމައުގައި އުފެދެއެވެ. ބޮޑެތި ޖަރީމާތަކަށް މުޖުތަމައު "ޑީސެންސިޓައިޒް" ނުވަތަ ބޭހިއްސު ވެއެވެ. މީޑިޔާ ޝަރީއަތާއި މީޑިޔާގެ ޒިންމާ ކުށުގެ ތުހުމަތުތަކުގެ ވާހަކަތައް ފަތުރައި، ކިޔުންތެރީންގެ ކޮމެންޓުތަކުގެ މަސާލާގަނޑާ ވެސް އެކު، މުއްތަހަމު ފަލީހަތް ކޮށް އޭނާ އަކީ ކުށްވެރިއެއް ކަމުގެ ވިސްނުން މީޑިޔާ މެދުވެރި ކޮށް ފެތުރުމަކީ މި ޒަމާނުގައި ވަރަށް ބޮޑަށް އާއްމު ވެފައި ވާ ކަމެކެވެ. މިއީ އާދައިގެ ކަމެކޭ ގިނަ ބަޔަކަށް ހީ ކުރެވެނީ ވެސް މި ކަން އާއްމު ވެފައި ވާ ވަރުންނެވެ. ހަގީގަތުގައި މިއީ "މީޑިޔާ ޓްރަޔަލް" ހިންގުމެވެ. "މީޑިޔާ ޓްރަޔަލް" އަކީ 1967 ވަނަ އަހަރު، "ދަ ފްރޮސްޓް ޕްރޮގްރާމް" ގައި އިނގިރޭސި ވިލާތުގެ މަޝްހޫރު ނޫސްވެރިޔާ ސަރ ޑޭވިޑް ޕެރަޑީން ފްރޮސްޓް ބޭނުން ކުރެއްވި އިބާރާތެއް ކަމަށް ވާ "ޓްރަޔަލް ބައި ޓެލެވިޜަން" މި އިބާރާތުން އުފެދުނު މަފްހޫމެކެވެ. "މީޑިޔާ ޓްރަޔަލް" ނުވަތަ "މީޑިޔާ ޝަރީއަތޭ" ކިޔަނީ، ތުހުމަތެއް ކުރެވޭ މީހެއްގެ މައްޗަށް ކޯޓު ހުކުމެއް ކުރުމުގެ ކުރީން ނުވަތަ ފަހުން ވިޔަސް، އެ މީހަކީ ކުށްވެރިއެއް ކަމުގެ ވިސްނުން މީސްތަކުންގެ ސިކުނޑިތަކުގައި އުފެދޭ ގޮތަށް، އަދި އެ މީހާގެ އަބުރު ނަގައިލެވޭ ގޮތަށް، މީޑިޔާ މެދުވެރި ކޮށް ލޚިޔާލާއިމައުލޫމާތު ފެތުރުމެވެ. ޝައްކެއް ނެތް ގޮތުގައި، މިއީ އިންސާނީ ކަރާމާތާއި ހުރުމަތާ ޚިލާފު ޖަރީމާއެކެވެ. އިންސާނީ ތަހުޒީބާއި އަދުލުއިންސާފުގެ ހަމަތަކާ މުޅީން ފުށުއަރާ، އަޚްލާގީ ވަބާއެކެވެ. މީޑިޔާ ޝަރީއަތުގެ ސަބަބުން ލިބޭ އެންމެ ބޮޑު އެއް ގެއްލުމަކީ، ކުށެއް ނެތް މީހެއްގެ މައްޗަށް ތުހުމަތުތައް ކުރެވި، މުޅި މުޖުތަމައުގެ ފޯކަސް އެ މީހަކަށް ހުއްޓި، އޭގެ އަސަރު ތަހުގީގު ކުރާ ފަރާތްތަކަށް ވެސް ކުރުމެވެ. ނަތީޖާއެއްގެ ގޮތުން، ހަގީގީ ކުށްވެރިޔާ އެ ފަރުދާގެ ފުރަގަހުގައި ފިލައި ހުންނާނެ ފަރުދާއެއް ދަމައިލަދެވެއެވެ. ގާނޫނާއި އިންސާފަށް ފިލައިގެން އުޅޭނެ އިތުރު ވަގުތު އޭނާއަށް ހޯދައިދެވެއެވެ. ނަމަވެސް މީޑިޔާ ޝަރީއަތުގެ ސަބަބުން އެންމެ ބޮޑު އަނިޔާ އަބަދުވެސް ލިބެނީ ދޮގު ތުހުމަތު ރައްދު ވާ މީހާއަށެވެ. ދެ މިސާލަކަށް ބަލައިލަމާތޯއެވެ. 2010 ވަނަ އަހަރުގެ ތެރޭގައި، އިނގިރޭސި ވިލާތުގެ ބްރިސްޓަލްގައި އުމުރުން 25 އަހަރުގެ ޖޮއޭން ޔީޓްސްގެ ގަތުލުގެ ތުހުމަތުގައި، ކުރީގެ ކޮލެޖް ޕްރޮފެސަރެއް ކަމަށް ވާ ކްރިސް ޖެފަރީޒް ހައްޔަރު ކުރެވުނެވެ. އެއާއެކު، އިނގިރޭސި މީޑިޔާއަށް އީދެއް އައި ފަދައެވެ. ގާތިލަކީ ޖެފަރީޒް ކަމަށް ބުނެ، އެކިއެކި ގޮތްގޮތަށް ލިޔެފައި ހުރި ޚަބަރުތަކާއި ރިޕޯޓުތަކުގެ ސިލްސިލާތައް ދަމައިލެވުނެވެ. ޖެފަރީޒްގެ ހަޔާތުގެ މުޅި ވާހަކަ ނިއުޅައިލައި، މުޖުތަމައުގައި އޭނާ ފަލީހަތް ކޮށް، ކުށްވެރިއެއް ކަމުގެ ސިއްކަ އޭނާގެ ނިތްކުރީން ފެށިގެން ފަސްބަޔަށް ޖަހައި ނިންމައިލިއެވެ. އާޚިރުގައި ފުލުހުންގެ ތަހުގީގުން ސާބިތު ވީ ޖެފަރީޒް ކުށެއް ނުވެސް ކުރާ ކަމެވެ. މާ ފަހުން، ހަގީގީ ގާތިލު އަތުލައިގަނެވުނު އިރު، އޭނާގެ ވާހަކަ މީޑިޔާއަކަށް ނާރައެވެ. ނުހައްގުން ހިންގި މީޑިޔާ ޝަރީއަތުގެ ސަބަބުން އިންދިރާސް ވެގެން ދިޔައީ މައުސޫމު މީހެއްގެ ދިރިއުޅުމެވެ. އެހެން ހާދިސާއެކެވެ. 2000 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި، އިނގިރޭސި ވިލާތުގެ "ސަން" ނޫހުން، ކުޑަކުދީންނަށް ޖިންސީ ގޯނާ ކުރުމުގެ ކުށް ސާބިތު ވެ ހުކުމް ތަންފީޒު ކުރުމަށް ފަހު މުޖުތަމައުގައި އުޅޭ މީހުންގެ ފޮޓޯއާ އެކު އެ މީހުންގެ މައުލޫމާތު ހާމަ ކުރުމުގެ ކެންޕޭނެއް ފެށިއެވެ. މައްސަލަ ޖެހުނީ، ކުށް ނުކުރާ މީހެއް ކަމަށް ވާ ޑޭވިޑް ގެޒްލީގެ ފޮޓޯ "ސަން" ގައި ޝާއިއު ކުރި ހިސާބުންނެވެ. އެއާއެކު، ގެޒްލީއަށް ކުރިމަތި ލާން ޖެހުނީ ތަހައްމަލު ކުރާން ދަތި އަނިޔާތަކާއެވެ. ބަޔަކު އޭނާއަށް ހަމަލާ ދީ ތަޅައި ހާނީއްކަ ވެސް ކުރިއެވެ. އެންމެފަހުން އެ ފަކީރަށް ޖެހުނީ އަމިއްލަ އަވަށުގައި ނުއުޅެވިގެން، ގެދޮރު ދޫކޮށްލައިފައި ފިލައިގެން އުޅޭށެވެ. ފަހުން، ހަގީގަތް ހާމަ ވެ، މައާފަށް އެދުމުގެ ގޮތުން ހާސަރުގެ ސެހެރީއެއް "ސަން" ނޫހުގައި ޝާއިއު ވެސް ކުރިއެވެ. ނަމަވެސް އެއިރު ގެޒްލީގެ އަބުރު ގެއްލި، އޭނާގެ ދިރިއުޅުން ވަނީ ބަރުބާދު ވެފައެވެ. އަޅުގަނޑުގެ ހިތަށް އަރައެވެ. މީހެއްގެ މައްޗަށް ކުށެއްގެ ތުހުމަތު ކުރެވޭ އިރަށް، ނުވަތަ ކުށެއް ސާބިތު ވާ އިރަށް، އެކަމާ ބެހޭ ޚަބަރާއި ރިޕޯޓުތައް ލިޔާން ވަގުތު ހޭދަ ކުރާ އިރު، ނޫސްވެރީން ލިޔާނެ އެއަށްވުރެ މުހިއްމު ތަކެތި ހަމަ ނުހުންނަނީ ބާވައެވެ! ޖަވާބު ވެސް ސާފެވެ. ނޫސްވެރީން ލިޔާނެ ތަކެތި ނުހުންނަނީކީ ނޫނެވެ. މާ ބޮޑަށް ކަންފަސޭހަ ވެސް ކޮށްލެވެނީއެވެ. މީހެއްގެ މައްޗަށް ތުހުމަތު ކުރެވޭ ނުވަތަ ކުށެއް ސާބިތު ވާ ހާލަތުގައި ވެސް، މުއްތަހަމު ނުވަތަ ކުށްވެރިޔާ ބަހައްޓައިފައި، ސީދާ އެ މައްސަލަޔަށް ފޯކަސް ކޮށްގެން، ބިނާ ކުރަނިވި ގޮތެއްގައި ލިޔުންތައް ލިޔެވޭނެއެވެ. މިސާލަކަށް، މުދައްރިސަކު ދަރިވަރަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތެއް ފެންމަތި ވުމުން، މުދައްރިސުގެ ފޮޓޯ ޖަހައިގެން އޭނާ ފަލީހަތް ކުރާން އުޅުމުގެ ބަދަލުގައި، މަދަރުސާތަކުގައި ކުދީންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލައިގެ ވާހަކަ ދައްކާން ވީ ނޫންތޯއެވެ؟ ރަސްމީ ފަރާތްތަކުން މައުލޫމާތު ހޯދައި، ޚަބީރުންނާ ވާހަކަ ދައްކައި، މުޖުތަމައުގައި މި މައްސަލަ އޮތް މިންވަރު ހޯދާން ވީ ނޫންތޯއެވެ؟ މި މައްސަލަ ދަނީ ބޮޑު ވަމުން ތޯ ނުވަތަ ނޫން ތޯ، ބަލައި ދިރާސާ ކުރާން ވީ ނޫންތޯއެވެ؟ މީސްތަކުން މިފަދަ ޖަރީމާތައް ހިންގާ ސަބަބުތަކާއި، އެކަންކަން ހުއްޓުވުމުގެ ނިޒާމު އޮތް ގޮތާއި، އެކަންކަން ހުއްޓުވުމަށް ޓަކައި އަޅާން ޖެހޭ ފިޔަވަޅުތަކާ މެދު ބިނާ ކުރަނިވި ޚިޔާލުތައް ފާޅު ކުރާން ވީ ނޫންތޯއެވެ؟ އަނިޔާ ލިބޭ ކުދީންނަށް ބޭނުން ވާ އެހީތެރިކަން ފޯރު ކޮށްދޭ "ވިކްޓިމް ސަޕޯޓް" ޕްރޮގްރާމުތައް ހުރިނެތް ގޮތް ބަލައި، އެ ނިޒާމު ތަރައްގީ ކުރެވިދާނެ ގޮތްތަކާ މެދު ވާހަކަ ދައްކާން ވީ ނޫންތޯއެވެ؟ މި ދަންނަވާ ބީދައިން މަސައްކަތް ކޮށް، ކޮލަމްތަކާއި ޚިޔާލުތަކާއި ރިޕޯޓުތައް ލިޔުމުން، އެއޮތީ މީޑިޔާގެ މަސައްކަތް ހަގީގީ މާނައިގައި ކުރެވިފައެވެ. މިގޮތަށް މަސައްކަތް ކުރުމުން، ނުކުންނާނީ ވެސް ހެޔޮ ނަތީޖާއެވެ. މުޖުތަމައުގައި މީޑިޔާ އަދާ ކުރާ މާތް، މަތިވެރި، ޝަރަފުވެރި، ފަޚުރުވެރި ޒިންމާ އަކީ މިއީއެވެ. "ހަތަރު ވަނަ އެސްޓޭޓު" ގެ ދަރަޖަ މީޑިޔާއަށް ހައްގު ވާ ހަގީގީ ސަބަބަކީ މިއީއެވެ. ކީރިތި ޤުރްއާނުގެ ނޫރު ސޫރަތުގެ 19 ވަނަ އާޔަތުން އެނގޭ ގޮތުގައި، މުއުމިނަކާ މެދު ފާހިޝް އަމަލުތަކާއި ނުބައި ޖަރީމާތަކުގެ ވާހަކަ ދައްކައި، މުޖުތަމައުގައި އެ ވާހަކަ ފަތުރައި އާއްމު ކުރުމަކީ ނުހަނު ނުބައި ފާފައެކެވެ. މުސްލިމަކަށް ފާފައެއް ކުރެވުނަސް، އެކަން ސިއްރު ކުރުމަކީ ދީނުގައި އޮތް ގޮތެވެ. މުސްލިމަކަށް ކުށެއް ކުރެވޭ ހާލަތުގައި، އެ ވާހަކަ އާއްމު ކޮށް ފެތުރުމަކީ މި އަމުރުފުޅަށް ގޮން ޖެހުމެވެ. މީޑިޔާގެ ވަސީލަތުން މީސްތަކުންގެ އަބުރު ކަތިލައިފައި "އަހަރެމެންނަކީ މީޑިޔާ" އޭ މިއަދު ބުނެވިދާނެއެވެ. "މި ފަތުރަނީ މައުލޫމާތޭ" ބުނެ މިއަދު ފަރުޖައްސައިލެވިދާނެއެވެ. ނަމަވެސް ގިޔާމަތް ދުވަހުން، ކުށެއް ނެތް މީހެއްގެ އަބުރު ނަގައިލީ ކީއްވެތޯ ސުވާލު ކުރެވުމުން، "ބައްލަވާ، އަޅުގަނޑަކީ މީޑިޔާ" އޭ ބުނެގެން ސަލާމަތް ވެވޭނެ ބާވައެވެ! ދެއުޅިއެއްނުވާ ފޭކު ބަހަނާތަކުން އެ ދުވަހު ކަމުފޮޅާނެ ބާވައެވެ! ކޮންމެ އާއްމު އުސޫލަކުން ވެސް އިސްތިސްނާ ވާ ހާލަތުތައް ހުރެއެވެ. މުއްތަހަމުންނާއި ކުށްވެރީންގެ ވާހަކަ މީޑިޔާގައި ނުދެއްކުމުގެ އާއްމު އުސޫލުގެ ވެސް އިސްތިސްނާތަކެއް ހުންނާނެއެވެ. މިސާލަކަށް، ދައުލަތުގެ ސިޔާސީ ޒައާމަތަކީ، ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު އަމާނާތަކާ ހަވާލު ވެގެން ތިބޭ ބައެކެވެ. އެމީހުން އެމީހުންގެ ޒިންމާއަށް ޣައްދާރު ވެ، ދައުލަތަށާއި ގައުމާއި ގައުމިއްޔަތާއި ރައްޔިތުންނަށް ގެއްލުން ލިބޭ ގޮތަށް ހިންގާ ޖަރީމާތަކުގެ ވާހަކަ، ކޮންމެވެސް ހިސާބަކުން މީޑިޔާގައި ދައްކާން ޖެހޭނެއެވެ. ވިޔަފާރިވެރި ކުންފުނިތައް ފަދަ ފަރާތްތަކުން، ރައްޔިތުންނާއި މުޖުތަމައަށް ގެއްލުން ދެނިވި ގޮތުގައި ހިންގާ ޖަރީމާތަކުގެ މައުލޫމާތު، ރައްޔިތުންނަށް އެނގޭން ޖެހޭނެއެވެ. މި ނޫނަސް މިފަދަ އިސްތިސްނާ ހާލަތުތައް ހުންނާނެއެވެ. ނަމަވެސް މި ފަދަ ހާލަތުތަކުގައި ވެސް، މީޑިޔާ މެދުވެރި ކޮށް އެ ވާހަކަ އާއްމު ކުރާން ޖެހޭނީ ހަރުދަނާ އުސޫލުތަކެއްގެ ތެރެއިންނެވެ. ތޯތޯ ވާހަކަތަކުގެ ގޮތުގައެއް ނޫނެވެ. އަޅުގަނޑުމެން ގާނޫނުތައް ހަދާން ވީ، މި ކަންކަމަށް ރިއާޔަތް ކޮށްގެންނެވެ. ކަމާ ބެހޭ އާއްމު އުސޫލާއި، އިސްތިސްނާތައް ވެސް، ހިކުމަތްތެރި އަދި އިންސާފުވެރި ހަމަތަކެއްގެ ތެރެއިން ކަނޑައަޅައިގެންނެވެ. އަޅުގަނޑުމެންގެ ސަމާލުކަން ދޫކުރާން ޖެހޭ އެންމެ ބޮޑު އެއް މައްސަލައަކީ، މުއްތަހަމެއްގެ މައްޗަށް ކުށް ސާބިތު ނުވަނީސް އޭނާ އަކީ ކުށްވެރިއެއް ކަމުގެ ވިސްނުން ފަތުރައި އޭނާގެ އަބުރު ކަތިލައި ދިރިއުޅުން ބަރުބާދު ކޮށްލުމުގެ ބަރުބަރީ ސަގާފަތެވެ. ކުށްވެރިއަކަށް ވެސް، ގާނޫނުން ދޭ އަދަބުގެ ބޭރުން އޭނާ ފަލީހަތް ކޮށް، ބޭޒާރު ކޮށް، ބަދުނާމު ކުރުމުގެ ނުބައި ސަގާފަތެވެ. މީސްމީހުން ކުރާ ކުށްތަކުގެ ތެރެއިން، މީޑިޔާގައި ހާމަ ކުރާން ޖެހޭ ކަންކަމާއި، އެނޫން ކަންކަން ވަކި ނުކުރެވި އޮތުމުގެ ސަބަބުން އެތައް ބަޔަކަށް ދެވޭ ބޮޑު އަނިޔާގެ މައްސަލައެވެ. މައުސޫމުކަން ސާބިތު ނުވާ ނަމަ ކުށްވެރިއޭ ބުނާ މީޑިޔާ ޝަރީއަތުގެ ސަގާފަތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ