ނ. އަތޮޅު ދެ ރަށެއް ރިސޯޓް ހަދަން ދޫކުރުން ކޯޓުން ނުހުއްޓުވި

ނ. ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ ޓޫރިޒަމްގެ ބޭނުމަށް ކުއްޔަށް ދޫކުރުމުގެ މައްސަލަ ނިމެންދެން އެ ދެ ރަށް އެއްވެސް ފަރާތަކާ ހަވާލު ނުކުރުމަށް ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން އިއްޔެ ނިންމައިފި އެވެ.
އެ ދެ ރަށުގެ މައްސަލާގައި ނ. އަތޮޅު ކައުންސިލުން ރައީސް އޮފީހުގެ މައްޗަށް ދައުވާކުރީ އެ ދެ ރަށް ޓޫރިޒަމްގެ ބޭނުމަށް ދިގު މުއްދަތަކަށް ކުއްޔަށް ދޭން ނިންމުމަކީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނާ ހިލާފަށް ނިންމި ނިންމުމެއް ކަމަށް ބުނެ އެވެ.
ކައުންސިލްގެ ދައުވާގައި ވަގުތީ އަމުރަށް އެދުނު ސަބަބުތައް ބަޔާންކޮށް ބުނެފައި ވަނީ މިހާރު ވެސް ޓޫރިޒަމާއި ދަނޑުވެރިކަމުގެ ބޭނުމަށް ސިންގަލް ޕާސަނަލް އުސޫލުން ވަކި ފަރާތްތަކަކަށް އެކަނި ބޭނުންކުރެވޭ ގޮތަށް ދިގު މުއްދަތަކަށް ކުއްޔަށް ދީފައިވާ ކަމަށެވެ. އެހެން ދޫކޮށްފައި ހުރި ތަންތަނުން އަތޮޅުގެ ރައްޔިތުންނަށް އެކަށީގެންވާ އާމްދަނީއެއް އަދި މަންފާއެއް ވެސް ނުވާ ކަމަށާއި އެ ތަންތަން ބޭނުންކުރުމުގެ ފުރުސަތު އާންމުންނަށް ވެސް ނުދޭ ކަމަށެވެ.
އެ މައްސަލަ ނިމެންދެން, އެ ދެ ރަށް ދޫކުރުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެދުނަސް, ސިވިލް ކޯޓުން އިއްޔެ ނިންމީ ހުށަހަޅާފައިވާ ކަންކަމާއި ކޯޓުތަކުގެ ކުރީގެ ނިންމުންތަކަށް ރިއާޔަތްކޮށް، ކައުންސިލް އެދިފައިވާ އަމުރު ނެރެދެވެން ނެތް ކަމަށެވެ.
ކެނދިވަރު އަކީ ދަމަކް އޯޝަން ހައިޓްސް ކޮމްޕެނީއަށް ދޫކޮށްފައިވާ ރަށެކެވެ. އަދި ދޮނަހިރިކަނޑޫދު އަކީ ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ހަދައި ހިންގުމަށް އަބޫ ދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓް (އޭޑީއެފްޑީ) އާ ދެމެދު ސޮއިކޮށްފައިވާ އެމްއޯޔޫއެއްގެ ދަށުން ދޭން ނިންމާފައިވާ ރަށެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ