ކަރަންޓުގެ މައްސަލައަށް ހައްލެއް ހޯދަން މާލެއަށް އަށް މެގަވޯޓްގެ ޖަނަރޭޓަރެއް ގެންނަނީ

މާލެއަށް އަށް މެގަވޯޓްގެ ޖަނަރޭޓަރެއް ހޯދުމަށް ލަންކާގެ ލަކްދަނަވީ ލިމިޓެޑާ މިއަދު ހަވާލުކޮށްފި އެވެ. އެ ޖަނަރޭޓަރަކީ ސަރުކާރުން ހިންގާ ޕްރިޕެއަރިން އައުޓާ އައިލެންޑްސް ފޯ ސަސްޓެއިނެބަލް އެނާޖީ ޑިވެލޮޕްމަންޓް (ޕޮއިސްޑް) ޕްރޮޖެކްޓްގެ ދަށުން ހޯދާ ޖަނަރޭޓަރެކެވެ. އެ ޕްރޮޖެކްޓަކީ ރާއްޖޭން ބޭރުން އެތެރެކުރާ ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށާއި ރާއްޖެއިން ލިބެންހުރި އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތަކުގެ ބޭނުންކުރުން އިތުރުކުރުމަށާއި ހަކަތައިގެ އިސްރާފުކުރުން ހުއްޓުވުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ހިންގާ ޕްރޮޖެކްޓެކެވެ. މިއަދު ލަކްދަނަވީ ލިމިޓެޑާ އެ ޖަނަރޭޓަރު ސަޕްލައިކޮށްދޭން ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ބީލަން އުސޫލުން މަސައްކަތް ކުރިއަށް ގެންގޮސްގެނެވެ. އެންވަޔަރަންމަންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެންވަޔަރަންމަންޓް މިނިސްޓަރު ޠާރިގް އިބްރާހީމް އެވެ. ލަކްދަނަވީ ލިމިޓެޑްގެ ފަރާތުން އެ އެއްބަސްވުމުގައި ޗީފް ޓެކްނޮލޮޖީ އޮފިސާ ޑައްމިކަ ނަނަޔައްކަރަ ސޮއިކުރެއްވި އިރު، ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަބްދުއްޝުކޫރު އެވެ. ސޮއިކުރެއްވުމަށްފަހު އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެންވަޔަރަންމަންޓް މިނިސްޓަރު ޠާރިގް ވިދާޅުވީ، މާލޭގައި މިހާރު ދުވަހަކަށްފަހު ދުވަހެއް ކަރަންޓް ބޭނުންކުރާ މިންވަރު އިތުރުވަމުން އަންނަ ކަމަށެވެ. އެހެންކަމުން ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާ ވަރަކަށް ކަރަންޓު ފޯރުކޮށްދޭ މިންވަރުވެސް އިތުރުކުރަން ޖެހޭކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ އެ ޕްރޮޖެކްޓްގެ އަގަކީ 8.5 މިލިއަން ޔޫއެސް ޑޮލަރު ކަމަށެވެ. އޭގެތެރޭގައި ޖަނަރޭޓަރު އިންސްޓޯލްކުރަން ބޭނުންވާ ސާމާނުތަކާއި އެހެނިހެންތަކެތި ވެސް ހިމެނޭނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިހާރު ސްޓެލްކޯގައި ބަހައްޓާފައި ހުރި 25 ޖަނަރޭޓަރުން ލިބެނީ ގާތްގަނޑަކަށް 60 ޕްލަސް މެގަވޯޓް ކަމަށެވެ. އެގޮތުން ވޭތުވެދިޔަ މާޗް މަހު އަދި މިމަހު އެންމެ ހޫނުގަދަވި ދުވަސްވަރު މާލޭގައި ކަރަންޓު ބޭނުންކުރާ މިންވަރު 55 އަށް އެރިކަމަށް އަބްދުއްޝުކޫރު ވިދާޅުވި އެވެ. އޭގެ އިތުރުން އިންޖީންރޫމް ތެރޭގައި ފިނިހޫނުމިން ގާތްގަނޑަކަށް 40 ގައި ހުންނާތީ އިންޖީނުތައް އޭގެ "ފުލް އެފިޝަންސީގައި" ނުހިންގޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭގެ އިތުރުން މީގެކުރިން ވެސް ލަފާނުކުރާ ވަރަށް މިހާރު އެއާކޯނު ބަހައްޓަމުން އަންނަ ކަމަށާއި އެހެންކަމުން މިހާރު މާލެއަށް އިތުރު ޖަނަރޭޓަރެއްގެ ބޭނުން ބޮޑު ކަމަށް ވެސް އަބްދުއްޝުކޫރު ވިދާޅުވި އެވެ. އެ މަޝްރޫގެ ދަށުން ހޯދާ ޖަނަރޭޓަރުގެ ސަބަބުން މާލެއަށް ދިމާވެފައިވާ ކަރަންޓު ކެނޑުމުގެ މައްސަލައަށް ހައްލެއްލިބޭނެ ކަމަށް އެ ފަރާތުން މައުލޫމާތުދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ