ނޮވެމްބަރު ތިނަކާ ގުޅޭ ގޮތުން ރަނގަޅު ދިރާސާއެއް ހަދަން މައުމޫން ގޮވާލައްވައިފި
ނޮވެމްބަރު ތިނަކާ ގުޅޭ ގޮތުން ރަނގަޅު ދިރާސާއެއް ހަދަން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ގޮވާލައްވައިފި އެވެ.މައުމޫން އެފަދައިން ގޮވާލެއްވީ އެމަނިކުފާނު ކުރެއްވި ޓުވީޓެއްގައެެވެ.އެގޮތުން ނޮވެމްބަރު ތިނެއްގެ އުދުވާނާ ގުޅޭ ގޮތުން އިލްމީ ދިރާސާއެއް ހަދައި އެ ދިރާސާ ތައުލީމީ މުގައްރަރުގެ ތެރޭގައި ހިމެނުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ."ނޮވެންބަރު 3 ގެ އުދުވާނީ ހަމަލައާ ގުޅޭ ރަނގަޅު މައުލޫއީ ދިރާސާއެއް ހަދައި ކިޔަވާ ކުދިންގެ މުގައްރަރުތަކުގައި ހިމެނުމަށް އަޅުގަނޑު ގޮވާލަން" މައުމޫންގެ ޓުވީޓުގައި ވެއެވެ.ނޮވެމްބަރު 3، 1988 ގައި މާލެ އަށް ބަޔަކު އަރައިދިން ޓެރަރިސްޓް ހަމަލާ އަކީ ރައީސް މައުމޫނުގެ ވެރިކަމުގައި ހިނގި ހާދިސާއެކެވެ.އެ ދުވަހުގެ ކަންކަން ހިނގިގޮތް އެމަނިކުފާނުގެ ދައުރުގައި ފޮތްތަކުގައި ލިޔުއްވާ ނެރުއްވާފައިވީ ނަމަވެސް، ބައެއް ފަރާތްތަކުން ދަނީ އެ ދުވަހުގެ ހާދިސާގެ ވާހަކަތައް އެކިގޮތަށް ދައްކަމުންނެވެ.ދިވެހި ސިފައިންނާއި އާންމުން ނޮވެމްބަރު 3 ގައި ދެއްކި ހިތްވަރާ އެކީ ހާއިނުންގެ ހަމަލާ ވަނީ ނާކާމިޔާބުކޮށްފަ އެވެ. އެ ހާދިސާގައި 19 ދިވެހިން ޝަހީދުވި އެވެ. އޭގެ ތެރޭގައި ސިފައިންގެ އަށް ބޭކަލަކާއި އާންމުންގެ 11 މީހަކު ހިމެނެ އެވެ.ދިވެހިންގެ ބަޔަކު އިސްކޮށް ތިބެގެން ވެރިކަމުގައި ދަހިވެތިކަމުގައި ހިންގި ބޮޑު ޖަރީމާގެ އެންމެ އިސްކޮށް ހުރި އެކަކީ ހާޖަރާގެ މުހައްމަދު ލުތުފީ އެވެ. މިއީ ފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިންގި މިފަދަ އެންމެ ނުރައްކާތެރު ހާދިސާ، ބިރުވެރި ހާދިސާ އެވެ.އެ ހާދިސާ އަށް މި އަހަރު 34 އަހަރު ފުރުނު ނަމަވެސް ދިވެހިންގެ ހިތްތަކުގައި ނޮވެމްބަރު 3 ގެ ހަނދާންތައް ބިންވަޅު ނެގިފައިވެ އެވެ.މިހަމަލާގެ މޭސްތިރިޔާ ކަމަށް ބުނާ އަބްދުﷲ ލުތުފީ މިވަގުތު ވެސް ހުރީ ޖަލުގަ އެެވެ. އެކަމަށް ދެވަނައަށް އެންމެ އިސް ދައުރެއް އަދާކުރި ސަގަރު ނާސިރާއި މިހަމަލާ ރޭވުމާއި ހަމަލާދިނުމުގައި ބައިވެރިވި އެންމެން މިހާރު ވަނީ މިނިވަންވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ