މޫސުން ގޯސްވެ ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމަށް ދުރާލާ ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުން: އެމްއެންޑީއެފް

ކުރިއަށް އޮތް 5 ދުވަހު ރާއްޖޭގެ މޫސުން ގޯސްވެ، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގަދަ ވަޔާއެކު ކަނޑު ގަދަވާނެ ކަމަށް ލަފާކުރެވޭތީ، އެކަމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމަށް ޓަކައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ދުރާލާ ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.އެމްއެންޑީއެފުން ބުނެފައިވަނީ، ޚާއްޞަކޮށް އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް އުދައަރާނެކަމަށް ލަފާކޮށްފައިވާތީ، ޖޮއިންޓް އޮޕަރޭޝަން ސެންޓަރ އެކްޓިވޭޓްކޮށް ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމަށް އަދި ވިއްސާރައިން ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ޓަކައި، މުޅިރާއްޖެ ހިމެނޭގޮތުން ހަތަރު އޭރިއާ ކޮމާންޑްގައި ދަނީ ރައްކާތެރިކަމައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.މި މަސައްކަތުގެ ތެރޭގައި، އާންމުކޮށް ފެންބޮޑުވާ ސަރަހައްދުތަކުގެ ތެރެއިން ފެން ނެގެންހުރި ސަރަހައްދުތަކުގައި އެމްއެންޑީއެފް އެފްއާރްއެސްގެ ފަރާތުން ޕަންޕު ބަހައްޓައި، ވަޅުތަކަށް އެޅެމުންދާ ފެން ހިއްކުމުގެ މަސައްކަތް ހިމެނެއެވެ. އަދި މާލޭގައި ގެދޮރަށް ފެންވަދެ ލިބިދާނެ ގެއްލުމަކުން ރައްކާތެރިކުރުމަށް ޓަކައި ވެލިބަސްތާ ޖަހައިދިނުމަށް މާލޭގެ ތިން ސަރަޙައްދެއްގައި ޖުމްލަ 660 ވެލިބަސްތާއާއެކު ލޮރީތައް ސްޓޭޝަން ކުރެވިފައިވާކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.މާލޭގެ އިތުރުން އެހެން އަތޮޅުތަކުގައި ވެސް ކައުންސިލްތަކާ ގުޅިގެން ރަށްތަކުގެ ހާލަތު ކައިރިން ބަލަމުން ދިއުމާ އެކު، ސިފައިންގެ އެހީތެރިކަން އެންމެބޮޑަށް ބޭނުންވާނެކަމަށް ލަފާ ކުރެވޭ ރަށްތައް ދެނެގަނެ، އެހީތެރިކަން ބޭނުންވެއްޖެ ހާލަތެއްގައި މީހުންނާއި ވަސީލަތްތައް ބޭނުންކޮށްގެން އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރުވެފައިވާ ކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދީފައިވެއެވެ.އެމްއެންޑީއެފުން މި އޮޕަރޭޝަންގައި މަސައްކަތް ކުރަމުންދަނީ ޖޮއިންޓް އޮޕަރޭޝަން ސެންޓަރުގެ ތެރެއިން ކަމަށްވުމާ އެކު، އެހީތެރިކަން ހޯއްދެވުމަށް ޓަކައި މާލެއިން ގުޅުއްވާނީ މޯލްޑިވްސް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޭޖެންސީ (އެމްޑީއެމްއޭ) ގެ ހޮޓްލައިން 115 އަށް ކަމަށާއި، އަތޮޅުތަކުން ކޯޑިނޭޓް ކުރައްވާނީ ކައުންސިލްތަކާ ގުޅިގެން އޭރިއާ ކޮމާންޑް ތަކަށް ކަމަށް އެމްއެންޑީއެފުން އަންގާފައިވެއެވެ.އެމްއެންޑީއެފުގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާޙިމް ޙިލްމީ  ވިދާޅުވީ، "އެމްއެންޑީއެފްގެ އޭރިއާ ކޮމާންޑްތައް ވަނީ ތައްޔާރީ ޙާލަތަށް ގެނެސްފައި. މާލޭގައިވެސް މިވަނީ ޕަމްޕް ބެހެއްޓުމާ ވެލިބަސްތާ ޖެހުމުގެ މަސައްކަތް ފަށާފައި. ރައީސްގެ އިރުޝާދާއެކު، އެމްއެންޑީއެފް އަދި ކަމާ ގުޅުންހުރި އިދާރާތައް މިވަނީ ތައްޔާރުވެފައި. ސިފައިންވެސް ތިބީ 24 ގަޑިއިރު ރައްޔިތުންގެ ޚިދުމަތުގައި"މޫސުން ގޯސްވުމުގެ ސަބަބުން ދިމާވެދާނެ ކުއްލި ހާލަތްތަކަށް ތައްޔާރުވެ ތިބުމަށާއި، ރަސްމީ ފަރާތްތަކުން ދޭ އިރުޝާދުތަކަށް ފުރިހަމައަށް ޢަމަލުކުރުމަށް އެމްއެންޑީއެފުން ވަނީ ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ. އަދި ކުއްލި ހާލަތެއްގައި އެހީތެރިކަން ބޭނުންވެއްޖެނަމަ ލަސްނުކޮށް އެމްޑީއެމްއޭގެ ހޮޓްލައިނަށް ގުޅުމަށް ވެސް އެމްއެންޑީއެފުން އިރުޝާދު ދީފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ