ޑިމޮކްރަސީ އެއްފަރާތް ކޮށްގެން ކުށްކުރުން ހުއްޓުވިދާނެ: އުމަރު

ޑިމޮކްރަސީ ރާއްޖެއަށް އައުމާ އެކު ކުށުގެ ވެއްޓެއް އުފެދިފައިވާ ކަމަށާއި ޑިމޮކްރަސީ އެއްކޮށް އެއްފަރާތް ކޮށްލައިގެން ކުށްކުރުން ވަރަށް ބޮޑަށް ހުއްޓިވިދާނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ހުޅުމާލެ ޕޮލިސް ސްޓޭޝަންގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އުމަރު ވިދާޅުވީ ޑިމޮކްރަސީގެ ސަބަބުން ފަރުދީ މިނިވަންކަމާއި ހައްގުތައް ވަރަށް ފުޅާދާއިރާއެއްގައި ލިބިގެން ދިޔަ ކަމަށެވެ. އަދި ޑިމޮކްރަސީގެ ފޮނިމީރުކަން ލިބުނު ގޮތަށް އޭގައި ހުރި ގޯސް ކަންތައްތަކެއް ވެސް ރާއްޖެއަށް ތައާރަފްވި ކަމަށް އުމަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ގާނޫނުތައް ހަދައި ފަރުދީ މިނިވަންކަން ކަށަވަރު ކޮށްދފައި ވިޔަސް ކުށްކުރާ ފަރާތްތަކުން އެފަދަ ގާނޫނުތަކަށް އިހުތިރާމްނުކޮށް އޭގެ ނާޖާއިޒު ފައިދާ އަންނަނީ ނަގަމުންނެވެ. އަދި އެކަކަން ހުއްޓުވުމަށް ޑިމޮކްރަސީ އެއްފަރާތް ކުރެވިދާނެ ކަމަށާއި ނަމަވެސް ސަރުކާރުން އެކަން އެގޮތަށް ކުރަން ބޭނުން ނުވާ ކަމަށް އުމަރު ވިދާޅުވި އެވެ.
"އޭގެ (ޑިމޮކްރަސީގެ) ނުބައި ސައިޑްވެސް އަޅުގަނޑުމެންނާ ދިމާލަށް މި އޮތީ އައިސްފައި. އޭގެ ސަބަބުން އޭގެން ނިކުމެގެން އުޅޭ ކުށްކުރުމުގެ ކަންތައްގަޑެއް މި އުޅެނީ. އެކަން އެއްފަރާތް ކޮށްފައި ކުށްކުރުން އަޅުގަނޑުމެންނަށް ހުއްޓުވެން އެބަ އޮތް. ނަމަވެސް ސަރުކާރުން ބޭނުން ވަނީ އެކަން ނުކޮށް ފަރުދީ މިނިވަންކަމާއި ހައްގުތަކަށް އިހުތިރާމްކޮށްގެން ކުށްތައް މަދުކުރަން،" އުމަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޑިމޮކްރަސީ އެއްފަރާތް ކޮށްގެން ކުށްކުރުން ހުއްޓުވިދާނެ ކަމަށެވެ. އަދި އެކަން ކުރުމުގެ އިހުތިޔާރު ވެސް ސަރުކާރަކަށް އޮތް ކަމަށާއި ނަމަވެސް މި ސަރުކާރުގެ ސިޔާސަތަކީ ޑިމޮކްރަސީއަށް ލޮޅުމެއް ނުގެނެސް ކުށްކުރުން ހުއްޓުވުން ކަމަށެވެ. އަދި މަގުމަތީގައި ތޫނު އެއްޗިހިން ހަމަލާދީ މީހުންގެ ފުރާނަ ދުއްވާލުމަކީ މި ސަރުކާރުން ކަންބޮޑުވާ ކަމެއް ކަމަށް ވެސް އުމަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ކަންކަން ވެސް ހުއްޓުވަން އުނދަގޫ ވެގެން އުޅެނީ ޑިމޮކްރަސީއަށް އިހުތިރާމްކޮށްގެން އެކަން ހުއްޓުވަން ސަރުކާރުން ބޭނުންވާލެއް ބޮޑުވެގެންނެވެ.
"ޑިމޮކްރަޓިކް ނިޒާމާއި ފަރުދީ މިނިވަންކަމާއި އަސާސީ ހައްގުތައް ރައްކާތެރި ކުރުމާއި އެކީގައި އަޅުގަނޑުމެން ބޭނުންވަނީ ކުށްކުރުމުގެ މާހައުލު ބަދަލުކުރަން. މިއީ އަޅުގަނޑުމެންނަށް އުނދަގޫވެގެން އުޅޭ ކަމަކީ،” އުމަރު ވިދާޅުވިއެވެ.
ޑިމޮކްރަސީގެ ނާޖާއިޒު ފައިދާ ނަގަން އުޅޭ މީހުން މި މުޖުތަމައުގައި ތިބިކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ އަލަށް ޑިމޮކްރަސީ ތައާރަފްވެގެން އައިއިރު، ބައެއް ގައުމުތަކުގައި ކުށުގެ ކަންކަން އިންތިހާއަށް ބޮޑުވެފައި ހުރިކަން ތާރީހުން ފެންނަ ކަމަށެވެ. އެގޮތުން އިންޑިއާޔާއި ދެކުނު އެފްރިކާއަށް ޑިމޮކްރަސީ ތައާރަފްވި ދުވަސްވަރު އެ ގައުމުތަކުގައި ކުށުގެ ރޭޓް މަތިވެގެން ދިޔަކަމަށް އުމަރު ވިދާޅުވި އެވެ. އަދި ރާއްޖިެ ވެސް މި އުޅެނީ އެފަދަ މަރުހަލާއެއްގައި ކަން ފާހަގަ ކުރައްވައި އުމަރު ވިދާޅުވީ ކުށް ކުރާ ރޭޓް މަދުކުރުމަށް ސަރުކާރަށް ކުރެވެން އޮތް މަސައްކަތެއް ކުރަމުން އަންނާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ