އާބާދީ ބޮޑެތި ރަށްރަށުގައި މިފްކޯގެ ފިހާރަ ހުޅުވަނީ

ރާއްޖޭގެ އާބާދީ ބޮޑެތި ރަށްރަށުގައި މިފްކޯގެ ފިހާރަތައް ހުޅުވުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެކުންފުނީގެ ޗީފް އޮޕަރޭޓިން އޮފިސަރ ހާމިދު ނަޒީމު އިބްރާހީމް ވިދާޅުވެއްޖެއެވެ. ސީއޯއޯ މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައެވެ.
މިފްކޯއަކީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތުގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ ކުންފުންޏެކެވެ. މިފްކޯއިން އަންނަނީ އެކުންފުނީގެ އުފެއްދުންތައް ރައްޔިތުންނަށް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި މިފްކޯގެ ސީއޯއޯ ހާމިދު ނަޒީމު އިބްރާހީމް ވިދާޅުވީ، މި މަސައްކަތުގެ ތެރެއިން މާލޭގެ އިތުރުން އަތޮޅުތެރޭގެ އާބާދީ ބޮޑެތި ރަށްރަށުގައި މިފްކޯގެ ފިހާރަތައް ހުޅުވުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.
އެ ފިހާރަތައް ހުޅުވުމުގައި ބޮޑަށް އިސްކަންދޭނީ ސިޓީތަކަށާއި، އާބާދީ ބޮޑެތި ރަށްރަށުގައި ފިހާރަތައް ހުޅުވުމަށް ކަމަށް ސީއޯއޯ ވިދާޅުވިއެވެ.
" އަޅުގަނޑުމެންގެ ވިސްނުމަކީ ރާއްޖޭގެ އާބާދީ ބޮޑު ރަށްރަށުގައި މިފްކޯގެ ފިހާރަތައް ހުޅުވާ، އަދި މިފްކޯގެ އުފެއްދުންތައް އާންމު ރައްޔިތުންނާ ހަމައަށް އަގުހެޔޮކޮށް އަދި ލުއިފަސޭހަކޮށް ފޯރުކޮށްދިނުން. ދާދިފަހުން ވާނެ އައްޑޫ ހިތަދޫގަ މިފްކޯގެ ފިހާރައެއް ހުޅުވާފައި. ކުރިއަށް އޮތްތަނުގައި ރާއްޖޭގެ އާބާދީ ބޮޑެތި ރަށްރަށުގައި މިފްކޯގެ ފިހާރަތައް ހުޅުވައި، އުފެއްދުންތައް ފަސޭހަގޮތެއްގަ ފޯރުކޮށްދިނުން." ސީއޯއޯ ވިދާޅުވިއެވެ.
މިފްކޯގެ އުފެއްދުންތައް ފަސޭހަކަމާއެކު، ހެޔޮ އަގެއްގައި ރައްޔިތުންނަށް ލިބޭނެ މަގު ފަހިކޮށްދިނުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، މިއަހަރުގެ މޭއިމަހުގެ ތެރޭގައިވަނީ އަތޮޅުތެރޭގައި ހުޅުވި މިފްކޯގެ ފުރަތަމަ އައުޓްލެޓް އައްޑޫ ސިޓީ ހިތަދޫގައި ހުޅުވާފައެވެ.
މާލެއާއި އަތޮޅުތެރޭގެ ރަށްރަށުގައި މިފްކޯގެ ފިހާރަތައް ގާއިމުކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު، ދިވެހީން އާންމުކޮށް އުޅޭ ޤައުމުތަކުގައިވެސް މިފްކޯގެ އުފެއްދުންތައް ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ސްރީލަންކާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންވަނީ މިފްކޯގެ އައުޓްލެޓެއް ލަންކާގައިވެސް ހުޅުވާފައެވެ.
މިފްކޯއިން ސްރީލަންކާގައި އިފްތިތާޙްކޮށްފައިވާ ބާވަތްތަކުގެ ތެރޭގައި އެ ކުންފުނީގެ ފަސްމީރު ބްރޭންޑްގެ ވަޅޯމަހާއި އެކި ބާވަތްތަކުގެ މަސްދަޅުގެ އިތުރުން ރިހާކުރާއި ޕެކްޓްގައި ބަންދުކޮށްފައި ހުންނަ މުގުރި މަސް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ