ސުޕްރީމް ކޯޓުގެ ބެންޗުގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކުރި ބިލް ރައީސް ތަސްދީގު ނުކުރެއްވި!

ސުޕްރީމް ކޯޓުގެ ބެންޗުގެ އަދަދު މަދުކުރުމަށްޓަކައި ގާނޫނަށް ހުށައަޅާފައިވާ އިސްލާހު ތަސްދީގު ނުކުރައްވާ ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ބިލު އަލުން މަޖިލީހަށް ފޮނުއްވައިފިއެވެ.
ސުޕްރީމް ކޯޓުގެ ބެންޗުގައި ތިއްބަވާ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް ބަދަލުކުރުމަށް ހުށައެޅުނު އިސްލާހު މަޖިލީހުން ފާސްކުރުމަށްފަހު ތަސްދީގުކުރުމަށް ރައީސް އޮފީހަށް ފޮނުވާފައިވީ ނަމަވެސް، ރައީސް އޮފީހުން މިއަދު ހާމަކުރި ގޮތުގައި ރައީސް މުއިއްޒުވަނީ އެ ބިލު މިހާރު ފާސްކުރެވިފައިވާ ގޮތަށް ތަސްދީގު ނުކުރެއްވުމަށް ނިންމަވާފައެވެ.
ރައީސް އޮފީހުން މައުލޫމާތު ދެއްވި ގޮތުގައި، ރައީސް މުއިއްޒުވަނީ ޤާނޫނުއަސާސީގެ 91 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ބިލާމެދު އަލުން ވިސްނެވުމަށް އެދިވަޑައިގެން އަނބުރާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައެވެ. މި ބިލު މަޖިލީހަށް އަނބުރާ ފޮނުއްވާފައިވަނީ މިއަދުގެ ވަގުތެއްގައިކަންވެސް އެ އޮފީހުން ފާހަގަކުރެއްވިއެވެ.
ގާނޫނުއަސާސީގެ 91 ވަނަ މާއްދާގައި ބުނެފައި ވަނީ  ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ އަނބުރާ ފޮނުވާ ބިލަކާމެދު އަލުން ވިސްނުމަށްފަހު، އެ ބިލަށް އެއްވެސް ބަދަލެއް ނުގެނެސް، އެ ބިލު ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްވެއްޖެނަމަ، އެ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކޮށް، ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރާންވާނެއެވެ.
ކޯޓުތަކުގެ ގާނޫނަށް 5 ވަނަ އިސްލާހު ގެނައުމުގެ ބިލު މަޖިލީހުން ފާސްކޮށްފައިވަނީ މި އަހަރުގެ ފެބްރުއަރީ 26 ވަނަ ދުވަހު ބޭއްވުނު ޖަލްސާއެއްގައެވެ. ސުޕްރީމް ކޯޓުގެ ބެންޗުގެ އަދަދަށް ބަދަލު ގެނައުމަށް މަގުފަހިކޮށްދޭ މި ބިލު ހުށައަޅުއްވާފައިވަނީ ޕީއެންސީއަށް ނިސްބަތްވާ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ