ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުގެ ފުރުސަތު އަލުން ހުޅުވާލައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމަށް އިތުރު ފުރުސަތަކަށް ޖުޑިޝަލް ސާވިސް ކޮމިޝަނުން މިރޭ ހުޅުވާލައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑީގެ މައްސަލަ ސުޕްރީމް ކޯޓުގައި ކުރިޔަށް ދަނިކޮށް، ބައެއް ފަނޑިޔާރުންނާއި ގުޅޭގޮތުން ފެންމަތި ކުރި ސުލޫކީ މައްސަލައާއި އެކު ފަނޑިޔާރުކަމުން ހުސްނުއް ސުއޫދު ވަނީ އިސްތިއުފާ ދެއްވާފަ އެވެ. އަދި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި، ފަނޑިޔާރު މަހާޒް އަލީ ޒާހިރު މިވަގުތު ތިއްބެވީ ސަސްޕެންޝަނުގަ އެވެ.
ހުސްވެފައިވާ ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމަށް ޖޭއެސްސީން މީގެ ކުރިން ހުޅުވާލި ފުރުސަތުގައި ދީފައި ވަނީ ދެ ދުވަހެވެ. އަދި މުއްދަތު ހަމަވީއިރު ފަނޑިޔާރުކަމަށް ކުރިމަތިލެއްވީ ކުރީގެ ޑެޕިއުޓީ ޕްރޮަސެކިއުޓަރ ޖެނެރަލް މަރިޔަމް ނިހާޔަތެވެ.
ނިހާޔަތުގެ އިތުރުން، އެއްވެސް ބޭފުޅަކު މަގާމަށް ކުރިމަތިލާފައި ނުވާތީ ޖޭއެސްސީން މީރޭ އައު އިއުލާނެއް ކުރީ އެވެ. އެ ކޮމިޝަނުން ބުނީ ކުރީގެ އިއުލާނުގެ ސުންގަޑި ހަމަވީއިރު، އެކަށީގެންވާ ވަރަށް އެޕްލިކޭޝަން ލިބިފައި ނުވާކަމަށެވެ.
އެހެންވެ އަލުން ހުޅުވާލި ފުރުސަަތުގައި އަންނަ ހޮނިހިރު ދުވަހުގެ 10:00 ގެ ކުރިން ފޯމު ހުށަހެޅުމަށް އިއުލާނުގައި ވެއެވެ. ޖޭއެސްސީ ބުނި ގޮތުގައި، ކުރިން ފޯމު ހުށަހެޅި ނިހާޔަތު އަލުން ފޯމު ހުށަހަޅަން ނުޖެހޭނެ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެވޭ ޝަރުތުތަކުގެ ތެރޭގައި 30 އަހަރުވެފައިވުމާއި، އިސްލާމީ ޝަރީއާ ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން ހިމެނެ އެވެ. އަދި ފަނޑިޔާރުކަމުގައި ނުވަތަ ވަކީލުކަން ކުރުމުގައި ނުވަތަ އެ ދެކަން ކުރުމުގައި މަދުވެގެން 7 އަހަރު ހިދުމަތް ކުރުމުގެ ތަޖުރިބާ ލިބުން ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ