ނޯވަކްގެ މަރު: އެމެރިކާ ނައިބު ރައީސްގެ ވާހަކަތައް "ގޯސް" ކަމަށް އަންގަން އިނގިރޭސި ނައިބު ބޮޑު ވަޒީރުގެ ފޯނު ކޯލެއް

ހެންރީ ނޯވަކްގެ މަރާ ގުޅިގެން އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް ދެއްކެވި ވާހަކަތައް "ގޯސް" ކަމަށް ދެންނެވުމަށް އިނގިރޭސި ބޮޑު ވަޒީރުގެ ނައިބު ޑޭވިޑް ލެމީ ފޯނުން ގުޅުއްވައިފި އެވެ. 
މިދިޔަ އަހަރު ސައުތުހެމްޕްޓަންގައި ވިކްރަމް ދިގްވާ ވަޅިން ހަމަލާދީ މަރާލި އުމުރުން 18 އަހަރުގެ އިނގިރޭސި ދަރިވަރު ހެންރީ ނޯވަކްގެ މަރުގެ ޒިންމާ އެމެރިކާގެ ނައިބު ރައީސް އެޅުއްވީ "ހިޖުރާ ކުރާ މީހުންގެ ފައުޖުތައް ގައުމަށް ވަދެގަތުމުގެ" މައްޗަށެވެ. އަދި މިކަމަށް އޮތް ހަމައެކަނި ރައްދަކީ "ހައްގު ރުޅި" އިސްކުރުން ކަމަށް ވެސް ވެންސް ވިދާޅުވި އެވެ.
ބީބީސީއަށް ދެއްވި އިންޓަވިއުއެއްގައި ލެމީ ވިދާޅުވީ، މިދިޔަ ހޮނިހިރު ދުވަހު އޭނާ ވެންސްއާ ވާހަކަދެއްކެވި ކަމަށާއި، އެ މަރަކީ ހިޖުރާ ކުރާ މީހުންނާ ގުޅުމެއް އޮތް ކަމެއް ނޫން ކަމަށް ނައިބު ރައީސްގެ އަރިހުގައި ދެންނެވި ކަމަށެވެ.
"އަޅުގަނޑު އޭނާގެ ގާތުގައި ބުނިން އޭނާއަށް އެ ދެންނެވުނީ ގޯސް ވާހަކައެކޭ،" ލެމީ ވިދާޅުވި އެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ސައުތުހެމްޕްޓަންގައި ނޯވަކް މަރާލުމަށް ފަހު، ޑިގްވާ ވަނީ އޭނާއަށް ނަސްލީ ގޮތުން ފުރައްސާރަކުރި ކަމަށާއި، އޭނާ އަމަލުކުރީ އަމިއްލަ ނަފްސުގެ ދިފާއުގައި ކަމަށް ބުނެ ފުލުހުންނަށް ދޮގު މައުލޫމާތު ދީފަ އެވެ.
އިނގިރޭސި ދަރިވަރަކު މަރާލި ހާދިސާއާ ގުޅިގެން އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް ދެއްކެވި ވާހަކަތަކަށް އިނގިރޭސި ސަރުކާރުން ވަރުގަދަ ރައްދެއް ދީފިއެވެ. ޑައުނިންގް ސްޓްރީޓުން ބުނީ މި ހާދިސާ ބޭނުންކޮށްގެން ބައިބައިވުން އުފައްދަން މަސައްކަތް ކުރާ ކަމަށާއި، ނަމަވެސް ގާތިލަކީ އުފަންވީއްސުރެ އިނގިރޭސި ރައްޔިތެއް ކަމަށެވެ.
އިނގިރޭސިވިލާތަށް އުފަން، އިނގިރޭސި ރައްޔިތެއް ކަމަށްވާ އިންޑިއާ ނަސްލުގެ ޑިގްވާ، ނޯވަކް މަރާލުމަށް ބޭނުންކުރި ވަޅިއަކީ އޭނާގެ ސިކް ދީނާ ގުޅުންހުރި ދީނީ ސަބަބުތަކަކަށްޓަކައި ގެންގުޅޭ އެއްޗެއް ކަމަށް ވަނީ ފަހުން ބުނެފަ އެވެ. އެ މައްސަލައިގައި ޑިގްވާ މިހާރު ހުރީ އުމުރު ދުވަހުގެ ޖަލު ހުކުމެއްގަ އެވެ.
ފުލުހުންގެ ބޮޑީކެމް ފުޓޭޖުން ފެންނަ ގޮތުގައި، ޑިގްވާ އަކީ ނަސްލީ ހަމަލާއެއްގެ ޝިކާރައަކަށްވީ މީހާ ކަމަށް ބުނެ ފުލުހުންނަށް ދޮގު މައުލޫމާތު ދިނުމާ ގުޅިގެން، ނޯވަކް މަރުވަމުން ދިޔަ ވަގުތު ފުލުހުން ވަނީ ނޯވަކްގެ އަތުގައި ބިޑި އަޅުވާފަ އެވެ.
މި މަރާ ގުޅިގެން އިނގިރޭސިވިލާތުގެ ފުލުހުންގެ އުސޫލުތަކާއި ވަޅި ގެންގުޅުމާ ބެހޭ ގާނޫނުތަކާ މެދު ބޮޑެތި ބަހުސްތަކެއް އުފެދި، ސައުތުހެމްޕްޓަންގައި ވަނީ ހަމަނުޖެހުން ބޮޑު މުޒާހަރާތަކެއް ވެސް ހިނގާފަ އެވެ.
ފަހަކަށް އައިސް އެމެރިކާ އާއި އިނގިރޭސިވިލާތުގެ ގުޅުމަށް ވަނީ ބައެއް ގޮންޖެހުންތައް ކުރިމަތިވެފަ އެވެ. ހާއްސަކޮށް އީރާނުގެ ހަނގުރާމައާ ގުޅިގެން، ގަލްފް ސަރަހައްދުގައި ޓްރަމްޕްގެ ސަރުކާރުން ހިންގަން އުޅުނު އަސްކަރީ ހަމަލާތަކުގައި ބައިވެރިނުވާން އިނގިރޭސި ސަރުކާރުން ނިންމުމާ ގުޅިގެން ދެ ގައުމުގެ ގުޅުމަށް ވަނީ ބުރޫއަރާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ