އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުން ފެނިގެން ދިޔައީ ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ނުފޫޒާ ދެކޮޅަށް ރައްޔިތުންގެ ހިތްތަކުގައި އުފެދިފައިވާ ނަފުރަތާއި ރުޅިވެރިކަން ދައްކުވައިދޭ ވަރުގަދަ ހެއްކެއް ކަމަށް ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެ އެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ސަރުކާރު ހިންގާ ޕީއެންސީއަށް ނާކާމިޔާބުވުމާ ގުޅިގެން ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އައްބާސް ވަނީ މުއިއްޒުގެ މުޅި ސަރުކާރާއި ވަޒީރުންނާއި އިސްވެރިން އެއްކޮށް މަހެއް ވަންދެން ހިތަދޫގައި ބަނޑަހަޖަހައިގެން ތިއްބަވައިގެން ކުރެވުނީ ކޮންކަމެއްތޯ، ސުވާލު އުފައްދަވާފަ އެވެ.
"ކަޅު ފައިސާގެ ދަބަސްތައް ހުސްކޮށް، ވަޒީފާތައް އޮއްސާލީ ހިތަދޫ ރައްޔިތުންގެ ނަފުސު ގަނެވޭނެކަމަށްތޯ؟ މިއަދު ފެނިގެން މިދިޔައީ މަނިކުފާނަށް ވަރަށް ހިތްދަތި މަންޒަރެއް،" އައްބާސް ވިދާޅުވި އެވެ.
ހިތަދޫ އިތުރު ދާއިރާގެ ބައި އިލެކްޝަންގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި އެމްޑީޕީގެ ކެންޑިޑޭޓު، އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އަށް 1375 ވޯޓު ލިބުނުއިރު، ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ކެންޑިޑޭޓު އަހުމަދު ސައީދު (ސޮޑާ) އަށް ލިބުނީ 1313 ވޯޓެވެ.
މި ނަތީޖާއިން މުއިއްޒުއަށް ރައްޔިތުންގެ ތާއީދެއް ނެތްކަން ހާމަވާ ކަމަށާއި، މިއީ ސަރުކާރުން ހިންގަމުންދާ ނުފޫޒު ފޯރުވުމުގެ އަމަލުތަކަށް ރައްޔިތުން ދިން ވަރުގަދަ ޖަވާބެއްގެ ގޮތުގައި އައްބާސް ސިފަކުރެއްވި އެވެ.
އައްބާސް އިތުރަށް ވިދާޅުވީ އައްޑޫ ރައްޔިތުންގެ ސާބިތުކަމާއި ހިތްވަރަކީ މުޅި ރާއްޖެއަށް ދެއްކި މަތިވެރި ނަމޫނާއެއް ކަމަށެވެ. އަދި ރިޝްވަތުގެ ހުތުރު ފައިސާގެ ދަޅަޔަށް އައްޑޫ ރައްޔިތުން ނުހެއްލޭނެ ކަމާއި، ވަޒީފާގެ ބިރުދެއްކުމަކުން އެ ރައްޔިތުން ކުޑަކަކޫ ނުޖަހާނެކަން މިއަދު ސާބިތުކޮށްދީފި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އޭނާގެ ވާހަކައިގައި ވަނީ އައްޑޫ ރައްޔިތުން ދެއްކެވި ސާބިތުކަމަށްޓަކައި އެ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ.
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގެ ގޮނޑި ސަރުކާރު ހިންގާ ޕާޓީއަށް ނާކާމިޔާބުވުމާ ގުޅިގެން، ސަރުކާރުން އިންތިޚާބަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރި ކަމަށް ބުނެ ސިޔާސީ އެކި ފަރާތްތަކުން ދަނީ ސަރުކާރަށް ފާޑުކިއުންތައް އަމާޒުކުރަމުންނެވެ. ހާއްސަކޮށް އިންތިޚާބާ ދިމާކޮށް ގިނަ އަދަދެއްގެ ވަޒީރުން އައްޑޫއަށް ވަޑައިގެން ކެމްޕޭން ކުރެއްވުމާއި، ތަރައްގީގެ މަޝްރޫއުތަކުގެ ވައުދުތައް ވުމަކީ އިންތިޚާބަށް ނުފޫޒު ފޯރުވުން ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެއެވެ.
މި އިންތިޚާބުގެ ނަތީޖާއަކީ ސަރުކާރުގެ މިހާރުގެ ސިޔާސަތުތަކާ މެދު ރައްޔިތުންގެ މެދުގައި އޮތް ބޮޑު ހިތްހަމަނުޖެހުމެއްގެ ރަމްޒެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. އައްބާސްގެ މި ވާހަކަތަކާއެކު، ސަރުކާރުގެ ނުފޫޒާއި ދައުލަތުގެ ވަސީލަތްތައް އިންތިޚާބުތަކަށް ބޭނުންކުރުމުގެ ބަހުސް ވަނީ އަނެއްކާވެސް ސިޔާސީ މައިދާނުގައި ހޫނުވެފައެވެ.
އައްޑޫގެ ނަތީޖާއިން ފެނުނީ ސަރުކާރަށް އޮތް ނަފުރަތު: އައްބާސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ