އިސްރާއީލުން އީރާނަށް ވައިގެ ހަމަލާތަކެއް ދީފި، ހަނގުރާމަ ފެށިދާނެކަމުގެ ބިރު ބޮޑު
އީރާނުގެ ހުޅަނގާއި މެދުތެރެއަށް އިސްރާއީލުން ވައިގެން ހަަމަލާތައް ދީފައިވާ ކަމަށް އިސްރާއީލާއި އީރާނުގެ މީޑިއާ ރިޕޯޓްތައް ބުނެފައިވަނިކޮށް، އީރާނަށް ނިސްބަތްވާ އަސްކަރީ ތަންތަނަށް ހަމަލާ ދީފައިވާ ކަމަށް މިއަދު ހެނދުނު އިސްރާއީލުން ސިފައިން ބުނެފިއެވެ. ވެރިރަށް ތެހެރާންގެ އިތުރުން ތަބްރީޒް އަދި އިސްފަހާނުގައި ގޮވުންތަކެއް ހިނގާފައިވާ ކަމަށް އީރާނުގެ ދައުލަތުގެ ޓީވީން ރިޕޯޓްކޮށްފައިވާއިރު، ތަސްނީމް ނިއުސް އެޖެންސީން ވަނީ ކަރާޖް ސިޓީ ކައިރީގައި ގޮވުންތަކެއް ގޮވާފައިވާ ކަމަށް ރިޕޯޓްކޮށްފައެވެ. އަދި، އިސްފަހާނުގައި ގާތްގަނޑަކަށް ތިން ގޮވުމުގެ އަޑު އިވިފައިވާ ކަމަށް ވެސް އައިއާރްއެންއޭއިން ރިޕޯޓްކޮށްފައިވެއެވެ. މި ހަމަލާތައް ދީފައިވަނީ ލުބުނާނުގެ ވެރިރަށް ބެއިރޫތުގެ ދެކުނު ސަރަހައްދުތަކަށް އިސްރާއީލުން ދިން ވައިގެ ހަމަލާތަކާ ގުޅިގެން އީރާނުން އިސްރާއީލުގެ އުތުރާ ދިމާއަށް މިސައިލްތަކެއް ފޮނުވާލިތާ ގަޑިއެއްހާއިރު ފަހުންނެވެ. އިސްރާއީލުން އީރާނަށް އެންމެ ފަހުން ދިން ހަމަލާތަކުގެ ސަބަބުން އީރާނާއި އެމެރިކާއާ ދެމެދު ހިނގަމުންދާ ހަނގުރާމަ ދާއިމީކޮށް ހުއްޓާލުމަށް ކުރާ މަސައްކަތްތައް އިތުރަށް ދަތިވެދާނެއެވެ. ހަމަލާތައް ބަދަލުކުރުމުގެ ސަބަބުން ހަނގުރާމަ އަނެއްކާ ވެސް ފެށިދާނެކަމުގެ ބިރު ވަނީ ހީވެފައެވެ. މި ކަމާ ގުޅިގެން ފޮކްސް ނިއުސްއަށް މައުލޫމާތު ދެއްވަމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، އިސްރާއީލުން ލުބުނާނަށް ދިން ހަމަލާތަކާ ގުޅިގެން އެ މަނިކުފާނު އުފާވެވަޑައިނުގަންނަވާ ކަމަށެވެ. އީރާނުގެ ހަމަލާތަކާ ގުޅިގެން ރައްދުގައި އީރާނަށް ހަމަލާ ނުދިނުމަށް ޓްރަމްޕް ނަތަންޔާހޫއަށް ވިދާޅުވެފައިވާ ކަމަށް ވެސް އެމެރިކާގެ އޮފިޝަލަކު ވަނީ ވިދާޅުވެފައެވެ. އެމެރިކާއިން އީރާނާ އެކު ހަދާ ކޮންމެ އެއްބަސްވުމެއް އިސްރާއީލުން ބަލައިގަންނަން ޖެހޭނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވެފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ