ޕެރޭޒް، 65 ޕަސެންޓް ތާއީދާ އެކު ރެއާލްގެ ރައީސްގެ މަގާމު ދިފާއުކޮށްފި

މެޑްރިޑް (ޖޫން 8) - އިއްޔެ ކުރިއަށްދިޔަ ރެއާލް މެޑްރިޑްގެ އިންތިހާބުގައި 65 ޕަސެންޓް ތާއީދާ އެކު، ފްލޮރެންޓީނޯ ޕެރޭޒް، ރެއާލްގެ ރައީސްގެ މަގާމު ދިފާއުކުރައްވައިފި އެވެ. 
އެ ގޮތުން، އިންތިހާބުގައި ޕެރޭޒަށް 21،741 ވޯޓު ލިބުނުއިރު، އޭނާއާ ވާދަކުރި ކެންޑިޑޭޓު، އެންރީކޭ ރިކޭލްމޭ އަށް ލިބުނީ 11،814 ވޯޓެވެ. އެއީ، ވޯޓު ލީ މީހުންގެ ނިސްބަތަށް ބަލާއިރު، 35 ޕަސެންޓް އެވެ. 
މިއާ އެކު، 2030 ވަނަ އަހަރުގެ ނިޔަލަށް ރެއާލްގެ ރައީސްކަމުގައި އިތުރު ދައުރަކަށް ޕެރޭޒް ހުންނަވާނެ އެވެ.
ޕެރޭޒް އަކީ އެކާވީސް ވަނަ ގަރުނުގައި އެންމެ ދިގު މުއްދަތެއްގައި ރެއާލްގެ ރައީސްގެ މަގާމު ފުރުއްވަމުން އަންނަ ފަރާތެވެ. އެ ގޮތުން، ޕެރޭޒް ވަނީ 2000 އިން ފެށިގެން 2006 އަށް އަދި 2009 އިން ފެށިގެން މިހާތަނަށް ރެއާލްގެ ރައީސެއްގެ ގޮތުގައި ޒިންމާ އަދާކުރައްވަމުންނެވެ. 
ދެހާހުން ފެށިގެން ބަލާނަމަ، ޕެރޭޒް ނޫން ފަރާތަކުން ރެއާލްގެ އެންމެ އިސްވެރިޔާގެ ގޮތުގައި ފެނިގެންގޮސްފައިވަނީ އެންމެ ތިން އަހަރު އެވެ. 
މިއީ، ރެއާލްގެ ރައީސަކަށް ވާދަވެރި އިންތިހާބެއްގައި ވާދަކުރައްވައިގެން، ޕެރޭޒް، އިންތިހާބުވެވަޑައިގެންނެވި ތިން ވަނަ ފަހަރެވެ. އެ ގޮތުން، އެންމެ ފުރަތަމަ ޕެރޭޒް، 1995 ވަނަ އަހަރު އިންތިހާބުގައި، ރާމޮން މެންޑޯޒާއާ  ވާދަކުރެއްވުމަށް ފަހު، ޖެހިވަޑައިގެންނެވީ ނާކާމިޔާބީއާ ކުރިމަތިލާށެވެ. އެކަމަކު، 2000 ވަނަ އަހަރު، ޕެރޭޒް ވަނީ ލޮރެންޒޯ ސަންޒްގެ މައްޗަށް 55 ޕަސެންޓް ވޯޓުން ކާމިޔާބު ހޯއްދަވައި، ރައީސަކަށް ފުރަަތަމަ ފަހަރަށް އިންތިހާބުވެވަޑައިގެންފަ އެވެ. 
އޭގެ ފަހުން، 2004 ވަނަ އަހަރުގެ އިންތިހާބުގައި ޕެރޭޒަށް 90 ޕަސެންޓް ވޯޓު ލިބިވަޑައިގެންނެވި އެވެ. 
މިހާރު އުމުރުން 79 އަހަރުގެ ޕެރޭޒް، 2009 ވަނަ އަހަރު ރެއާލްގެ ރައީސަކަށް އަލުން އިންތިހާބުވެވަޑައިގެންނެވި ފަހުން، މި ފަހަރަކީ އިންތިހާބުގައި އިދިކޮޅު ކެންޑިޑޭޓެއް ނުކުމެގެން ވާދަކުރަން ޖެހުނު ފުރަތަަމަ ފަހަރެވެ. އެ ގޮތުން، އިދިކޮޅު ކެންޑިޑޭޓެއް ނެތި، 2009، 2013، 2017، 2021 އަދި 2025 ވަނަ އަހަރު ޕެރޭޒް ވަނީ ރައީސްގެ މަގާމު ދިފާއުކުރައްވައިފަ އެވެ. 
އެންމެ ފަހުން ހުރި ދައުރު ހަމަނުވަނިސް ޕެރޭޒް، އާ އިންތިހާބަކަށް ގޮވާލި މައިގަނޑު ސަބަބަކީ ކްލަބްގެ މިސްރާބު ސާފު މަގުން ކުރިއަށްގެންދިއުމަށްޓަކައި، ކްލަބްގެ ތެރޭގައި ހުރި މައްސަލަތައް ހައްލުކުރަން ކަންކަން ދެނެގަތުމުގެ އިތުރުން އާ ލީޑަޝިޕަކަށް ފުރުސަތު ދޭން ޖެހޭ ކަމަށް ފެނޭތޯ ޔަގީންކުރުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ