ރައީސް މުއިއްޒުގެ ތާއީދު 5 ޕަސެންޓަށް ދަށްކޮށްލާނަން، ދެން ގެއަށް ވަޑައިގަންނަވާ: ނަޝީދު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ތާއީދު ފަސް އިންސައްތައަށް ދަށްކޮށްލާނެ ކަމަށާއި އެ މަނިކުފާނަށް ޖެހިވަޑައިގަންނަވާނީ 'ގެއަށް ވަޑައިގަންނަވަން' ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ނަޝީދު ގދ. ތިނަދޫގައި ބޭއްވެވި ކެމްޕޭން ޖަލްސާއެއްގައި ވިދާޅުވީ، ރައީސް މުއިއްޒުގެ ފަރާތްޕުޅުން ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި ފެނުނު ފަދަ ސިފަތަކެއް ފެންނަމުންދާ ކަމަށެވެ. އެމްޑީޕީ ވުޖޫދުވީ ވެސް އެފަދަ ޚުދުމުހުތާރު އަނިޔާވެރިކަން ނައްތާލައި، ރައްޔިތުންނަށް ހަމަޖެހުމާއި އުފާވެރި ދިރިއުޅުމެއް ހޯދައިދިނުމަށް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި މިހާރުގެ ގާނޫނު އަސާސީއަކީ ގިނަ ބައެއްގެ ބުރަ މަސައްކަތުންނާއި 2007 ވަނަ އަހަރު ގެނައި ބޮޑު އިންގިލާބީ ރޫހުގެ ތެރެއިން ލިބުނު އެއްޗެއްކަން ނަޝީދު ހަނދާންކޮށްދެއްވިއެވެ. އެ އިސްލާހުތައް ގެނައުމުގައި އިސް ދައުރެއް އަދާކުރެއްވި ނަޝީދު ތުހުމަތުކުރެއްވީ، މި ސަރުކާރުން އެމްޑީޕީގެ މެންބަރުންނާ މެދު އެކަށީގެންނުވާ ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ. އެގޮތުން ރައްޔިތުން ހޮވާފައިވާ ކައުންސިލް މެންބަރުން ސަސްޕެންޑް ކުރުން ފަދަ ކަންކަން ބަލައިނުގަނެވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެ ބާވަތުގެ ކަންކަން ކުރައްވަން މާ އަތްޕުޅު ފުޅާވެގެން އުޅުއްވާނޭ ކަމެއް ނެތް، ހުންނަވަން ޖެހޭނީ ސައިޒުގައި. ފަސް ޕަސެންޓަށް ތާއީދު ދައްކޮށްލާނަންކުރީގެ ރައީސް މުހައްމަދު ނަޝީދު ސިޔާސީ ހަރަކާތްތަކަށް ހުރަސްއެޅުމަކީ "ރަތް ރޮނގެއް" ކަމަށް ސިފަކުރައްވަމުން ނަޝީދު ވިދާޅުވީ، އެއްވެ އުޅުމުގެ ހައްގަށް އަރައިގަނެ މީހުން ހައްޔަރުކޮށް ދައުވާ ކުރަން އުޅުމަކީ ޚިޔާލަށް ވެސް ގެނެސްގެންވާނެ ކަމެއް ނޫން ކަމަށެވެ. "އެ ވިސްނުން ވެސް ނުގެންނަވާތި އެއީ ރަތް ރޮނގެއް. އެ ރޮނގު ހުރަސް ނުކުރައްވާތި. ނުކުރައްވާތި ޑރ. މުއިއްޒު. އަޅުގަނޑު ވަރަށް ރަނގަޅަށް މި ދަންނަވީ އެކަން ނުކުރައްވާތި،" ނަޝީދު އިންޒާރު ދެއްވިއެވެ. ނަޝީދުގެ ވާހަކަފުޅު ނިންމަވާލެއްވީ، ރައީސް މުއިއްޒަށް އެމްޑީޕީގެ "ރީނދޫ ލަޝްކަރު" ބަލިނުކުރެވޭނެ ކަމަށް ވިދާޅުވަމުންނެވެ. އަދި ކަނޑައެޅިފައިވާ ރަތް ރޮނގު ހުރަސްކޮށްފި ނަމަ ވަގުތުން ވެރިކަމުން ބާލާނެ ކަމަށާއި، ރައީސް މުއިއްޒުގެ ތާއީދު ފަސް އިންސައްތައަށް ތިރިކޮށްލުމަށް ފަހު ''ގެއަށް ފޮނުވާލާނެ'' ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. https://sun.mv/222966 މީގެ ކުރިން ވެސް ނަޝީދު ވަނީ މި ސަރުކާރަށް އޮތް ތާއީދު ގެއްލިފައިވާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން، މިދިޔަ އޭޕްރިލް މަހު ބޭއްވި ކައުންސިލް އިންތިޚާބާއި، މައި ދެ އިންތިޚާބު އެއްކޮށްލުމާ ގުޅޭ ގޮތުން ނެގި ޚިޔާލު ހޯދުމުގެ ވޯޓުގައި ކުރިމަތިވި ބޮޑު ނާކާމިޔާބީއަށް ފަހު، މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުން ވެސް ސަރުކާރު ނާކާމިޔާބުވެފައިވާ ކަމަށް ނަޝީދު ފާހަގަކުރައްވައެވެ. އެ ބައި-އިލެކްޝަން ކާމިޔާބުކުރެއްވީ އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި އައްޑޫގެ ކުރީގެ މޭޔަރު ޢަބްދުالله ޞާދިޤް (ސޯބެ)އެވެ. ސޯބެއަށް 1،375 ވޯޓު ލިބުނުއިރު، ޕީއެންސީގެ ފަރާތުން އޭނާއާ ވާދަކުރެއްވި ހިތަދޫ މޫލެކެޑެ ދާއިރާގެ ކުރީގެ ކައުންސިލަރު އަޙްމަދު ސަޢީދު (ސޮޑާ)އަށް ލިބުނީ 1،313 ވޯޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ