އިރާނު ހަނގުރާމައާއެކީ ހަކަތައިގެ އަގު އުފުލުމާ ގުޅިގެން ސަބްސިޑީއަށް ކުރާ ހޭދަ ދެ ގުނައަށް ވުރެ މައްޗަށް ޖެހި، މިހާރު ހުރި ރޭޓުގައި ހަރަދުކުރަމުންދާ ނަމަ ކުރިއަށް އޮތް މަސް ދުވަހުގެ ތެރޭގައި ސަބްސިޑީއަށް ބަޖެޓުކުރި 2.8 ބިލިއަން ރުފިޔާ ހުސްވެދާނެ ކަމަށް ބެލެވެން ފަށައިފި އެވެ.
ސަބްސިޑީ ބަޖެޓު ހަރަދުކުރަމުންދާ ގޮތް އަދަދު އިން ބެލީ ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުތަކުގައި ހުރި އަދަދުތައް ބޭނުންކޮށްގެންނެވެ.
ފިނޭންސުން އާންމުކޮށްފަ ހުރި މައުލޫމާތުން ދައްކާ ގޮތުގައި މި އަހަރުގެ ފުރަތަމަ އަށް ހަފުތާގެ ތެރޭގައި، އެއީ އިރާނު ހަނގުރާމަ ފެށުމުގެ ކުރިން، ސަބްސިޑީތަކަށް ހަރަދު ކުރީ 509.3 މިލިއަން ރުފިޔާ އެވެ. އެއީ ކޮންމެ ހަފުތާއަކު އެވަރެޖުކޮށް 63.6 މިލިއަން ރުފިޔާ އެވެ.
ނަމަވެސް ހަނގުރާމަ ފެށި ފަހުން ސަބްސިޑީ ބަޖެޓުން ހަރަދު ކުރާ މިންވަރު އިތުރުވެ، ދުވެލި ބާރުވެއްޖެ އެވެ. އެ ފަހުން ހިނގި 11 ހަފުތާގެ ތެރޭގައި ސަބްސިޑީތަކަށް 1.7 ބިލިއަން ރުފިޔާ ހަރަދުކޮށްފި އެވެ. މިއާ އެކީ ކޮންމެ ހަފުތާއަކަށް އެވަރެޖުކޮށް ޖެހޭ ސަބްސިޑީ ހަރަދު ވަނީ 159.9 މިލިއަން ރުފިޔާ އަށް އުފުލިފަ އެވެ.
މިދިޔަ މަހުގެ 14 ވަނަ ދުވަހާ ހަމައަށް ސަބްސިޑީތަކަށް 2.2 ބިލިއަން ރުފިޔާ ހަރަދުކޮށްފަ ވާއިރު، މިއީ މި އަހަރަަށް ބަޖެޓު ކުރި ފައިސާގެ 78 ޕަސެންޓެވެ. މިހާރު ހަރަދުކުރަމުންދާ ވަރަށް ސަބްސިޑީތަކަށް ހަރަދުކުރަމުންދާ ނަމަ މި ބަޖެޓުގެ ބާކީ އޮތް 620.8 މިލިއަން ރުފިޔާ ހުސްވާން ނަގާނީ ހަތަރު ހަފުތާ އެވެ.
ސަބްސިޑީ ބަޖެޓު ހުސްވުމަށް ވުރެ ވެސް ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި އޮތީ، އަހަރުގެ ބާކީ މި އޮތް މުއްދަތުގެ ތެރޭގައި ސަބްސިޑީތައް ދޭން، އެތަކެއް ބިލިއަން ރުފިޔާއެއް ބަޖެޓަށް ވުރެ އިތުރަށް ހަރަދުކުރަން ޖެހުމުގެ ފުރުސަތު ބޮޑުވުމެވެ.
އެ ގޮތުން ހިސާބުކުރާއިރު، ސަބްސިޑީތަކަށް މިހާރު ހަރަދުކުރާ މަތީ ރޭޓުގައި ހަރަދުކުރަމުންދާ ނަމަ ބާކީ މި އޮތް 33 ހަފުތާގެ ތެރޭގައި ސަބްސިޑީތައް ދޭން 5.2 ބިލިއަން ރުފިޔާ ބޭނުންވާނެ އެވެ. އަދި، ސަބްސިޑީތަކަށް އެކަނި 7.4 ބިލިއަން ރުފިޔާ ހަރަދުވާނެ އެވެ. މި ވާނީ ދިވެހި ތާރީހުގައި ރެކޯޑު އަދަދަކަށެވެ.
މިހާރުގެ ހާލަތު ބަދަލުވެ، ސަބްސިޑީއަށް ކުރާ ހަރަދު ހަނގުރާމައިގެ ކުރިން ހުރި ވަރަށް ވެއްޓުނަސް، 2.1 ބިލިއަން ރުފިޔާ އިތުރަށް ބޭނުންވާނެ އެވެ. މި ހާލަތުގައި ވެސް ސަބްސިޑީތަކަށް މި އަހަރުގެ ތެރޭގައި ހަތަރު ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކުރަން ޖެހޭނެ އެވެ.
ސަބްސިޑީއަށް ބަޖެޓު ކުރި ވަރަށް ވުރެ އިތުރަށް ބިލިއަނުން ފައިސާ ހަރަދުކުރަން ޖެހުމުގެ ހާލަތު ބޯމަތިވީއިރު، ބޭނުން ޖެހިފައިވާ މީހުންނަށް އެކަނި ލިބޭ އެއްޗަކަށް ސަބްސިޑީ ބަދަލުކުރަން ގެންގުޅުނު ސިޔާސަތު މި ސަރުކާރާއި ކުރީ ސަރުކާރާއި އޭގެ ކުރީ ސަރުކާރުން ވެސް ވަނީ ތަންފީޒުނުކޮށް ދޫކޮށްލާފަ އެވެ.
ހަނގުރާމައަކާ ގުޅިގެން ސަބްސިޑީ ބަޖެޓު ބޮއްސުންލައިގެން ގޮސްދާނެ ކަމުގެ ބިރު އޮތްއިރު، 2022 ގައި ސަބްސިޑީ ހަރަދު ބޮއްސުންލައިގެން ދިޔައީ ޔޫކްރެއިން ހަނގުރާމަ ފެށުމާ ގުޅިގެން ދުނިޔޭގެ ބާޒާރަށް އައި އަގު އުފުލުމުގެ ލޮޅުމާ ގުޅިގެންނެވެ. މި ހާލަތު އެންމެ ރަނގަޅަށް ސިފަވަނީ ވޭތުވި ދަހަރުގެ ތެރޭގައި ސަބްސިޑީ ހަރަދަށް އައިސްފައިވާ ބަދަލުތަކަށް ބެލުމުންނެވެ.
އެ ގޮތުން 2022 ގެ، ކުރީ ހަ އަހަރު ސަބްސިޑީތަކަށް އެވަރެޖުކޮށް ހަރަދުކުރީ އެއް ބިލިއަން ރުފިޔާ އެވެ. ނަމަވެސް އެ އަހަރުން ފެށިގެން މި ހަރަދު އެތައް ގުނައެއް އިތުރެވެ، ސަބްސިޑީތަކަށް ކުރާ ހަރަދު ވަނީ އަހަރަކު ހަތަރު ބިލިއަން ރުފިޔާއަށް އުފުލިފަ އެވެ.
ދިވެހި ދައުލަތުން ސަބްސިޑައިޒް ކުރާ ކަންކަމުގެ ތެރޭގައި ކާޑާއި ކަރަންޓާއި ކަރަންޓު އުފައްދަން ބޭނުންކުރާ ތެލުގެ އިތުރުން ކުނި މެނޭޖުކުރުމާއި މަސްވެރިން ބާނާ މަސް ގަތުމާއި ދަތުރުފަތުރާއި ނަރުދަމާގެ އިތުރުން ބޯހިޔާވަހިކަން ހިމެނެ އެވެ.
މި އަހަރުގެ ބަޖެޓަށް ބަލާއިރު، ސަބްސިޑީ ބަޖެޓުގެ ގާތްގަނޑަކަށް ދެ ބައި ކުޅަ އެއް ބައި (އެއީ 1.1 ބިލިއަން ރުފިޔާ) ބަޖެޓުކުރީ ކަރަންޓު އުފައްދަން ބޭނުންކުރާ ތެޔޮ ގަންނަން ހަރަދުކުރާ ފިއުލް ސަބްސިޑީ ދިނުމަށެވެ. ވޭތުވި އަހަރުތަކުގައި ސަބްސިޑީ ދޭން ހަރަދުކުރި ވަރު އިތުރުވެ، ބަޖެޓު ސަޕްލިމެންޓު ކުރާ ހިސާބަށް ދިޔައީ ވެސް މި ސަބްސިޑީ ދޭން ކުރި ހަރަދު އިތުރުވެގެންނެވެ.
ސަބްސިޑީ ހަރަދު ދެ ގުނަ މައްޗަށް، މި މަސް ނިމުމުގެ ކުރިން ހުސްވެދާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ