ޗާގޯސް ޖަޒީރާ ލިބުން އެންމެ ހައްގީ ދިވެހިރާއްޖެއަށް ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެފައިވާއިރު އެ ޖަޒީރާ މޮރިޝަސްގެ އަތުން ގަންނަން ހުށަހެޅުމަށް އެމެރިކާ ސަރުކާރުން މަސައްކަތް ފަށައިފި އެވެ.
ފެބްރުއަރީ 26، ގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން މުއިއްޒު ވަނީ އެއްވެސް ގައުމަކާ އެ ރަށްތައް ހަވާލުކުރާނަމަ ރާއްޖެއާ ހަވާލުކުރުމަށް ދިވެހި ސަރުކާރުގެ ފަރާތުން ކަމާ ބެހޭ ފަރާތްތަކުގައި ދަންނަވަމުންދާކަން ހާމަކުރައްވާފަ އެވެ.
ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސި ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު އެ އެއްބަސްވުމަށް މިހާތަނަށް އަމަލީ ސިފައެއް ގެނެވިފައެއް ނުވެ އެވެ. ދެ ސިޓީއެއް މެދުވެރިކޮށް އެކަން އިނގިރޭސި ސަރުކާރަށް ދަންނަވާފައިވާ ކަމަށް މުއިއްޒު އެ ރޭ ވިދާޅުވި އެވެ.
އިނގިރޭސި ނޫހެއް ކަމަށްވާ ދަ ޓެލެގްރާފުން ރިޕޯޓުކޮށްފައިވާ ގޮތުގައި އިނގިރޭސި ސަރުކާރުން އެކުލަވާލި އެއްބަސްވުމާމެދު ހިތްހަމަނުޖެހި ވައިޓް ހައުސްއިން ވަނީ ޕްލޭންތަކެއް އެކުލަވާލާފަ އެވެ. އެމެރިކާގެ އެންމެ މުހިންމު އެއް އަސްކަރީ މަރުކަޒު ހިންގަނީ ޗާގޯސްގެ ޑިއޭގޯ ގާސިއާގަ އެވެ.
"ޑިއޭގޯ ގާސިއާ އެޓޯލް ހިމެނޭހެން، އިނގިރޭސިވިލާތުގެ ބާރުގެ ދަށުގައިވާ ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީ އެހެން ފަރާތަކަށް ދޫކޮށްނުލުމަކީ ރައީސް ޓްރަމްޕްގެ ވިސްނުން. އެއީ އެމެރިކާގެ ގައުމީ ސަލާމަތަށް ނުހަނު ބޭނުންތެރި އަދި މުހިންމު އަސްކަރީ މަރުކަޒެއް،" އެމެރިކާގެ އޮފިޝަލަކު ރޮއިޓާސްއަށް ބުނެފައިވެ އެވެ.
އިނގިރޭސި ސަރުކާރުން މޮރިޝަސްއާއެކު އެކުލަވާލި އެއްބަސްވުމަށް އެންމެ ފުރަތަމަ ފެހި ސިގްނަލް ދިނުމަށް ފަހު އެކަން ނުކުރުމަށް ޓްރަމްޕު ގޮވާލެއްވި އެވެ. އެމެރިކާގެ ނުރުހުން އޮތުމުން އިނގިރޭސި ސަރުކާރުން ވަނީ މިދިޔަ އެޕްރީލް މަހުގެ ތެރޭގައި ވަނީ މޮރިޝަސްއާއެކު ސޮއިކުރި އެއްބަސްވުމަށް އަމަލުކުރުން މަޑުޖައްސާލާފައިވާކަން ހާމަކޮށްފަ އެވެ.
މޮރިޝަސް އިން ޗާގޯސްގެ ސިޔާދަތީ ބާރަށް ދައުވާ ކުރަނީ، އަސްކަރީ ބޭސް އަޅަން ޗާގޯސްގެ 2000 އެއްހާ މީހުން މޮރިޝަސްއަށް ފޮނުވާލީމަ އެވެ. އޭގެ ތެރެއިން ގިނަ މީހުން ދިރިއުޅެނީ މިހާރު މޮރިޝަސް އާއި އިނގިރޭސިވިލާތުގަ އެވެ. ގިނަ މީހުން ބޭނުންވަނީ އެނބުރި ޗާގޯސްއަށް ދިޔުމަށެވެ.
އިނގިރޭސިވިލާތުގެ ސިޔާދަތީ ބާރެއް ޗާގޯސްގައި ނޯންނާނެ ކަމަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އިން ވަނީ ކަނޑައެޅި 2021 ވަނަ އަހަރު އެވެ. ޗާގޯސްގެ ހުރިހާ ރަށްތަކެއްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ލިބޭ އެއްބަސްވުމުގައި ސޮއިކުރީ މެއި 2025، ގަ އެވެ.
ރާއްޖެއިން ޗާގޯސްއަށް ދައުވާ ކުރުމުގެ އަޑުތައް އިވެން ފެށީ އިޓްލޮސްގެ އަޑުއެހުންތައް ކުރިއަށްދަނިކޮށެވެ. ޗާގޯސްއަށް ރާއްޖެއިން ދައުވާ ކުރަނީ މީގެ ކުރިން ރާއްޖޭގެ ބައެއް ރަސްރަސްކަލުން ޗާގޯސްއަކީ ރާއްޖޭގެ ބައެއްގެ ގޮތުގައި ބައެއް ސިޓީތަކުގައި ލިޔުއްވާފައިވާތީ އެވެ.
ޗާގޯސް އާއި ރާއްޖެއާ ދެމެދު އޮންނަ ކަނޑު ބައިނަލްއަގުވާމީ ހަމަތަކުގެ މަތިން ބައިކޮށްފައިވާއިރު މުއިއްޒުގެ ސަރުކާރުން އެ ނިންމުން ބަލައެއްނުގަނެ އެވެ. މޮރިޝަސްއަށް ދީފައިވާ ކަނޑުގެ ސަރަހައްދަށް ދިވެހި ސިފައިން އަރައިގަނެ އެ ސަރަހައްދުގެ ކޮންޓްރޯލް ނެގި މައްސަލައިގައި އެ ގައުމުން ވަނީ ރާއްޖެއާއެކު އޮތް ޑިޕްލޮމެޓިކް ގުޅުން ސަސްޕެންޑުކޮށްފަ އެވެ.
ރާއްޖެއަށް ލިބުން ހައްގު ކަމަށް ސަރުކާރުން ދައުވާކުރާ ޗާގޯސް ގަންނަން އެމެރިކާއިން ހުށަހަޅަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ