އޮޑި ސްޕޯޓްސް ކްލަބްގެ ކޯޗަކަށް ހުރެ މިދިޔަ ސީޒަނުގައި ކުރެވުނު މަސައްކަތަށް ބަލާއިރު، އެއީ ކެރިއަރުގެ އެންމެ ކާމިޔާބު އަހަރު ކަމަށް ސްޕެއިނުގެ އަންދްރެސް ގާސިއާ ބުނެފި އެވެ.
ގާސިއާ ވަނީ ރަނގަޅު އޮފާއެއް ލިބުމުން އޮޑި ދޫކޮށްލައިފަ އެވެ.
ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދުމަށް ފަހު، މި ސީޒަނުގައި އަލަށް ފުރަތަމަ ޑިވީޝަނުގައި ވާދަކުރި އޮޑިން ފުރަތަމަ ހަމަޖެއްސި ކޯޗަކީ، އޮސްޓްރޭލިއާގެ އިއަން އެންޑްރޫ ގިލަން އެވެ. އެ ޓީމު ގޮވައިގެން އެންޑްރޫ ފަރިތަކުރުންތައް ކުރިއަށްގެންދިޔަ ނަމަވެސް، އަމިއްލަ ކަމެއްގައި ފުރަން ޖެހުމުން މިދިޔަ އަހަރު މެއި މަހު ޓީމާ ވަކިވި އެވެ. މެއި މަހު ބޭއްވި ޕްރީ ސީޒަން މުބާރާތް، އެފްއޭއެމް ލީގު ކަޕްގައި އޮޑި އަށް ކޯޗުކޮށްދިނީ، އެސިސްޓަންޓަކަށް ހުރި، ފަރުހާދު އިސްމާއިލް (ފަރޭ) އެވެ. އެ މުބާރާތުގެ ފައިނަލުގައި އޮޑި ކުޅުނެވެ.
އޭގެ ފަހުން، އޮޑިން ވަނީ ލީގު ފެށުމުގެ ކުރިން، ސްޕެއިން ފުޓްބޯޅަ ފެޑެރޭޝަނުގެ ގައުމީ ލެވަލްގެ ކޯޗެއްގެ ގޮތުގައި، 2013 ގައި ކޯޗިން އަށް ނުކުތް ގާސިއާ ގެނެސްފަ އެވެ. ގާސިއާގެ ކޯޗުކަމުގައި ލީގުގެ ދެ ވަނަ ހޯދައި، އޮޑިން ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަންކަން ހޯދި އެވެ. އެކަމަކު، އެފްއޭ ކަޕްގެ ކުއާޓާ ފައިނަލުން ނިއު އަތުން ބަލިވީ އެވެ.
އޮޑި ދޫކޮށްލާކަން އިއުލާނުކުރަން ގާސިއާ، ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މިދިޔަ އަހަރުގެ އޮގަސްޓް މަހު، އޮޑިއާ އެކު މަސައްކަތް ފެށިއިރު، އެ ޓީމަށް ރާއްޖޭގެ އެންމެ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅެ، ތާރީހު ލިޔެވޭނެ ކަމަށް ހީނުކުރާ ކަމަށެވެ. އަދި، ކުރެވުނު މަސައްކަތުގެ ތެރޭގައި އޭނާ އަކީ އޮޑީގެ އާއިލާ މީހެއްގެ ގޮތުގައި ދެކުނީތީވެ އުފާކުރާ ކަމަށާއި މިދިޔަ އަހަރެއްހާ ދުވަހު ކޮށްދިން ހުރިހާ ހިދުމަތަކަށް ޝުކުރު އަދާކުރާ ކަމަށް ގާސިއާ ވަނީ ބުނެފަ އެވެ.
"މިއީ އަހަރެންގެ ހަޔާތުގައި ވެސް އެންމެ ކާމިޔާބު ސީޒަން. ވަރަށް އާދަޔާހިލާފު ތަޖުރިބާތަކެއް އެކުގައި ކުރެވުނީ. އަބަދުވެސް އޮޑީގެ ސަޕޯޓަރެއްގެ ގޮތުގައި ހުންނާން. ހުރިހާ ކަމަަކަށް ވަރަށް ބޮޑަށް ޝުކުރިއްޔާ،" ގާސިއާ ބުންޏެވެ.
ސްޕޯޓްސް ޓްރެއިނިންގެ ސްޕެޝަލިސްޓް ޓްރެއިނިން ހަދައި، މާސްޓާސް އިން ހައި ޕާފޯމަންސް އިން ސްޕޯޓްސް ހާސިލްކޮށްފައިވާ ގާސިއާ ވަނީ، ގެޓަފޭގެ 19 އަހަރުން ދަށުގެ ޓީމާއި ދުބާއީގައި ހުންނަ ލަލީގާ އެކަޑަމީގެ 18 އަހަރުން ދަަށުގެ ޓީމުގެ ކޯޗުކަން ވެސް ކޮށްފަ އެވެ. އަދި، ޗައިނާގެ ގުއަންޒޫ އެވަގްރާންޑޭގެ ރެއާލް މެޑްރިޑް ފައުންޑޭޝަންގެ ޔޫތު ޓީމުތަކަށް ކޯޗުކޮށްދިން ގާސިއާ ވަނީ، ބެލީޒް ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް ވެސް މަސައްކަތްކުރުމުގެ އިތުރުން، ލިވަޕޫލާއި ރެއާލް މެޑްރިޑް އަދި ޗެލްސީގެ ކުރީގެ ކޯޗު ރަފައެލް ބެނިޓޭޒްއާ އެކު، ޗައިނާގެ ޑާލިއާން ޕްރޮފެޝަނަލް އެފްސީގައި ވެސް ކޯޗިން ސްޓާފެއްގެ ގޮުތުގައި ހަރަކާތްތެރިވެފަ އެވެ.
އޮޑީގައި ހޭދަކުރީ ކެރިއަަރުގެ އެންމެ ކާމިޔާބު އަހަރު: ގާސިއާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ