ކުރިއާ އަޅާ ބަލާއިރު ފިލްމު އިންޑަސްޓްރީގައި މިހާރު ވާދަވެރިކަން މާބޮޑު: ސައިފް
ކުރިއާ އަޅާ ބަލާއިރު ފިލްމު އިންޑަސްޓްރީގައި މިހާރު ވާދަވެރިކަން މާބޮޑު ކަމަށާއި ދެ ކުދިން ކަމަށްވާ ސާރާ އާއި އިބްރާހީމްއަށް ލިބެމުން އަންނަ ފާޑުކިޔުންތައް މާބޮޑު ކަމަށް ބޮލީވުޑްގެ އެކްޓަރު ސައިފް އަލީ ޚާން ބުނެފިއެވެ. ހިންދީ ސިނަމާގައި 30 އަހަރަށް ވުރެ ދިގު މުއްދަތެއްގައި މަސައްކަތްކޮށްފައިވާ އެކްޓަރު ބުނީ، ކެރިއަރުގައި ކާމިޔާބީއާއި ނާކާމިޔާބީގެ ތަފާތު ތަޖުރިބާތަކެއް ކޮށްފައިވާ ކަމަށެވެ. ހިންދުންސްތާން ޓައިމްސްއަށް ދިން އިންޓަވިއުއެއްގައި ވާހަކަ ދައްކަމުން ސައިފް ބުނީ، ކެރިއަރުގެ ކުރީކޮޅު ނާކާމިޔާބީތަކާ ކުރިމަތިވިއިރުވެސް އަމިއްލަ ނަފްސު ސާބިތުކޮށްދޭން ގިނަ ފުރުސަތުތަކެއް ލިބުނު ކަމަށެވެ. ނަމަވެސް މިއަދު އޭނާގެ ޒުވާން ދެ ކުދިން ކަމަށްވާ ސާރާ އަލީ ޚާނާއި އިބްރާހީމް އަލީ ޚާން މަސައްކަތް ކުރަމުންދަނީ މާ ބޮޑަށް ވާދަވެރި އަދި މީހުންގެ ފާޑުކިޔުންތައް އިތުރު ދާއިރާއެއްގައި ކަމަށް ސައިފް ވަނީ ބުނެފައެވެ. ސައިފް އިތުރަށް ބުނީ، ފިލްމީ ދާއިރާގައި އޭރު ދެމިހުރެވުނީ އޭރު ކުޅެމުންދިޔަ ކަހަލަ ފިލްމުތައް ކުޅެން އެހެން މީހުން ބޭނުން ނުވި ދުވަސްވަރެއް ދިމާވުމުން ކަމަށެވެ. ސައިފް ދެ ކުދިން ކަމަށްވާ ސާރާ އަދި އިބްރާހީމްއާ އެކު--ފޮޓޯ/އިންޑިއަންއެކްސްޕްރެސް "އޭގެ މާނައަކީ އަހަރެން މޮޅު ނޫން އިރުވެސް ތަކުރާރުކޮށް އެންމެ މޮޅު ފިލްމުތައް ލިބެމުން ދިޔައީއެކޭ ނޫން. އަހަރެންގެ ކެރިއަރު ވަރަށް ބޮޑަށް އަޑިއަށް ދިޔަ ދުވަސްވަރެއްވެސް އައި، އެކަމަކު ނަސީބު އެހީތެރިވި. އޭރު އިންޑަސްޓްރީއާ މެދު މީހުން ދެކޭގޮތް ތަފާތުވެފައި ވަރަށް ސާދާ ސީދާ. މީހުން ކުށްތަކަށް މާ ބޮޑަށް މައާފުކުރޭ،" ސައިފް ބުންޏެވެ. ސައިފްގެ ފުރަތަމަ ކައިވެންޏަށް ލިބިފައިވާ ސާރާ އާއި އިބްރާހީމް ފިލްމު އިންޑަސްޓްރީއަށް ނުކުތް ނަމަވެސް، އެ ދެ ކުދިންނަށްވެސް ގިނަ ގޮންޖެހުންތަކެއް ދަނީ ކުރިމަތިވަމުންނެވެ. މިކަމާ ބެހޭގޮތުން ސައިފް ބުނީ، އޭނާ ދާއިރާއަށް ނުކުތް ދުވަސްވަރާ އަޅާބަލާއިރު މިއަދު މާ ބޮޑަށް ތައްޔާރުވާން ޖެހޭ ކަމަށެވެ. ކުރީގައި ރިތިކް ރޯޝަން ފަދަ އެކްޓަރުން ފިލްމީ ދާއިރާއަށް ނުކުތުމުގެ ކުރިން ނެށުމާއި ހަށިގަނޑު ރީތިކުރުމަށް ވަރަށް ބޮޑަށް ސަމާލުކަން ދިން ނަމަވެސް، މިހާރު މުޅި ދާއިރާ އޮތީ ބަދަލުވެފައި ކަމަށް ސައިފް ފާހަގަކޮށްފައިވެއެވެ. "މިއީ ތަފާތު ދުވަސްވަރެއް. އަހަރެން އެކުދިން ގާތުވެސް ބުނަން ވަރަށް ބޮޑަށް ތައްޔާރުވާން ޖެހޭނޭ. އެކަމަކު ބައެއް ފަހަރު އުމުރުން 20 އަހަރުގެ ކުރީކޮޅު އުޅޭއިރު ތިމާ ހުންނަނީ ތައްޔާރަށް ކަމަށް ހީވޭ. މިއީ ވަރަށް އުނދަގޫ ކަމެއް. ކޮންމެ ދާއިރާއަކުންވެސް ކާމިޔާބު މީހަކަށް ވާން ނަސީބުވެސް ބޭނުންވޭ. ނަމަވެސް އަހަރެމެންގެ މި ދާއިރާ މިހާރު ވަނީ ވަރަށް ބޮޑަށް ވާދަވެރިވެފައި. ކުރިއަށްވުރެ މީހުންގެ ފާޑުކިޔުންތައް މިހާރު މާ ބޮޑު،" ސައިފް ބުނެފައިވެއެވެ. ސައިފް އެންމެ ފަހުން ބެލުންތެރިންނަށް ގެނެސްދިން ފިލްމަކީ ދާދިފަހުން ނެޓްފްލިކްސްގައި ޕްރީމިއަކުރި 'ކަރުތަވްޔާ'އިންނެވެ. ސައިފް އާއި ކުރީގެ ބަތަލާ އަމްރިތާގެ ކައިވެންޏަށް ލިބިފައިވާ ސާރާ އާއި އިބްރާހީމް ފިލްމީ ދާއިރާއަށް ތައާރަފްވެފައިވީ ނަމަވެސް މިހާތަނަށް ދެ ތަރިން ފެނުނު ފިލްމުތަކަށް ބޮކްސް އޮފީހުގައި މާބޮޑު ކާމިޔާބީއެއް ހޯދިފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ