މިދިޔަ ފެބްރުއަރީ މަހު ރާއްޖެ އައި ބޯޓެއްގައި މުދާތަކެއްގެ ތެރޭގައި ފޮރުވައިގެން 36 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް ހުރި ކަމަށް ތުހުމަތުކުރެވޭ ޕާކިސްތާނު މީހަކު ހައްޔަރުކޮށްފި އެވެ.
މުދާ ޝިޕްމެންޓެއްގެ ތެރެއިން 36 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަތް އެ މައްސަލައާ ގުޅިގެން އޭރު ދެ ދިވެއްސަކު ހައްޔަރުކުރި އެވެ. އެއީ އެ ތަކެތި އެތެރެކޮށް ވިޔަފާރިކުރަން އުޅުނު ކަމުގެ ތުހުމަތު ހައްޔަރުކުރި ހަސަން މަފާޒު، މަދާރުގެ، މ. މުލައް އަދި ވިޝާމް މުހައްމަދު، ހ. ފިލްމީސައިޓް އެވެ. އެ މީހުން ހައްޔަރުކުރީ އެ ޝިޕްމެންޓް ހިފަހައްޓަން ކަސްޓަމްސް އާއި ފުލުހުން ހިންގި އޮޕަރޭޝަނުގައި ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު އެވެ.
އޭގެ ހަތަރު މަސް ފަހުން ކޯޓު އަމުރެއްގެ ދަށުން ފުލުހުން އެ މައްސަލާގައި ހައްޔަރުކުރީ ޕާކިސްތާނު މީހެއް ކަމަށްވާ، އުމުރުން 51 އަހަރުގެ ޒަފަރް އަހްމަދު އެވެ.
ރާއްޖޭގައި ދިރިއުޅޭ އެ މީހާ އަކީ ރާއްޖެއަށް މުދާ އެތެރެކުރާ ކުންފުންޏެއްގެ އިސް މީހެއް ކަމަށް ފުލުހުން ކޯޓުގައި ބުނެފައިވެ އެވެ. އަދި 36 ކިލޯ ޑްރަގް އެތެރެކުރުމުގައި އިސްކޮށް ހުރީ ޒަފަރް ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.
އޭނާ ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކުރުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ގެންދިއުމުން ވަނީ ވަނީ އިތުރު 15 ދުވަސް ދީފަ އެވެ. ކޯޓު އަމުރުގައިވާ ގޮތުން 15 ދުވަސް ދިނީ ވަކީލާ ބައްދަލުނުވާ ކަމަށް އޭނާ ބުނާތީ އެވެ.
ފެބްރުއަރީ މަހު ބޯޓަކުން އަތުލައިގަތް 36 ކިލޯ ޑްރަގުގެ މައްސަލާގައި ޕާކިސްތާނު މީހަކު ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ