ވެމްކޯގެ މުވައްޒަފުންގެ ޕެންޝަން ފައިސާ ޖަމާނުކޮށް 19 މަސް ވެފައިވާ މައްސަލަ ބަލައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީއަށް މައްސަލަ ހުށަހަޅައިފިއެވެ.
ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް އިއްޔެ ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވާ ގޮތުގައި އެންމެ ފަހުން ވެމްކޯގެ މުވައްޒަފުންގެ ޕެންޝަން ފައިސާ ޖަމާކޮށްފައިވަނީ އޮކްޓޯބަރު 16، 2024ގައެވެ. އޭގެ ފަހުން އެއްވެސް މަހަކު ޕެންޝަން ފައިސާ ޖަމާކޮށްފައިނުވާނަމަވެސް، މުވައްޒަފުންގެ މުސާރައިން ޕެންޝަނަށް ވާ ބައި ކަނޑާ ކަމަށް އެ ސިޓީގައިވެއެވެ.
އެއީ އެތައް ސަތޭކަ މުވައްޒަފުންގެ ހައްގުތަކާއި ދައުލަތުގެ ކުންފުނިތަކުގެ ނަޒާހަތްތެރިކަމާ ގުޅޭ ނާޒުކު މައްސަލައަކަށް ވާތީ އެސްއޯއީ ކޮމިޓީން އެ މައްސަލަ ބަލައިދިނުމަށް ކުޑޫގެ ސިޓީގައި އެދިފައިވެއެވެ. އަދި ޕެންޝަން އޮފީހުގެ އިސްވެރިން ޒިންމާދާރުކުރުވައި ނުދައްކައި ހުރި ފައިސާ އެންމެ އަވަހަށް ދައްކައި ނިންމާނެ ގޮތުގެ ތަފްސީލީ ޕްލޭނެެއް މަޖިލީހަށް ހުށަހެޅުމަށް ވެމްކޯއަށް އެންގުމަށް ވެސް ސިޓީގައި އެދިފައިވެއެވެ.
ކުންފުންޏަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާ ލިބިފައިނުވާތީ މުވައްޒަފުންގެ ޕެންޝަން ފައިސާ ޖަމާނުކުރަން ދަތިތަކެއް ކުރިމަތިވާކަމަށް ވެމްކޯއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާކަން ފާހަގަކޮށް، ކުޑޫ ވިދާޅުވީ، ކުންފުންޏަށް ދިމާވާ މާލީ ދަތިތަކަކީ މުވައްޒަފުންގެ އަސާސީ ހައްގުތަކާއި ގާނޫނީ އިލްތިޒާމްތައް ހިފެހެއްޓުމަށް ދެއްކޭނެ ގާނޫނީ ހުއްޖަތެއް ނޫން ކަމަށެވެ.
ޕެންޝަން ލިބުމަކީ ގާނޫނުގެއަސާސީގެ 38 ވަނަ މާއްދާގެ ދަށުން ކޮންމެ ރައްޔިތަކަށް ކަށަވަރުކޮށްދީފައިވާ ހައްގެއްކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ކޮންމެ މުވައްޒަފަކަށް ވެސް ޕެންޝަން ފައިސާ ޖަމާކޮށްދޭންވާނެ ކަމަށް ޕެންޝަނާ ބެހޭ ގާނޫނުގައި އޮންނަ ކަމާއި ރިޓަޔަމެންޓް ޕެންޝަން ސްކީމުގެ ގާނޫނުގެ ދަށުން މުވައްޒަފުންގެ މުސާރައިން ޕެންޝަން ފައިސާ އުނިކުރުމަށްފަހު ޕެންޝަން އެކައުންޓަށް ޖަމާކުރަން ޖެހޭކަން ފާހަގަކުރެއްވިއެވެ. އެހެންކަމުން، ޕެންޝަން ފައިސާ ޖަމާކުރުމުގެ ޒިންމާއިން ބަރީއަވުމުގެ ފުރުސަތު ގާނޫނުން ފަހިކޮށްދީފައިނުވާކަމަށް އޭނާ ވިދާޅުވިއެވެ.
”މި ފައިސާ ގަވައިދުން ޖަމާނުކުރުމުގެ ސަބަބުން ޕެންޝަން ފަންޑުން މުވައްޒަފުންނަށް ލިބެންޖެހޭ އިންވެސްޓްމެން ފައިދާއާއި ގެދޮރުވެރިކަމުގެ ލޯނުތަކަށް ޕެންޝަން ފަންޑު ރަހުނުކުރުން ފަދަ ޒަރޫރީ މާލީ މަންފާތަކުން މުވައްޒަފުން ދަނީ މަހުރޫމުކުރަމުންނެވެ.“ މެމްބަރު ކުޑޫ ވިދާޅުވިއެވެ.
ވެމްކޯގެ މީޑިއާ އޮފިޝަލު މިކަމާ ގުޅިގެން މިއަދު ”ސަންގަށް“ ވިދާޅުވީ، މުވައްޒަފުންގެ ޕެންޝަން ފައިސާގެ މައްސަލަ ހައްލުކުރަން ޕެންޝަން އޮފީހާ ގުޅީގެން އެ ކުންފުނިން މަޝްވަރާކުރަމުންދާ ކަމަށެވެ.
ވެމްކޯއިން މި އަހަރުގެ ޖެނުއަރީ މަހު ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނީ، އެ ކުންފުންޏަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުލިބުމުގެ ސަބަބުން މުވައްޒަފުންގެ ޕެންޝަން ފައިސާ ޖަމާކުރުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އެގޮތުން މާލޭ ސިޓީ ކައުންސިލުން ލިބެންޖެހޭ 98 މިލިއަން ރުފިޔާ ވެސް ލިބިފައިނުވާކަން އޭރު ފާހަގަކޮށްފައިވެއެވެ.
ވެމްކޯގެ މުވައްޒަފުންގެ ޕެންޝަން ފައިސާ ޖަމާނުކުރާ މައްސަލަ މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ