ރައީސް މުއިއްޒު ކުރިއަށްއޮތް ދެ އަހަރު ވެރިކަމުގައި ހުރެއްޖެނަމަ 90 ބިލިއަންގެ ދަރަނި އުފައްދާނެ: ޔާމީން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ކުރިއަށް އޮތް ދެ އަހަރު ދުވަހު ވެރިކަމުގައި ހުރެއްޖެނަމަ ރާއްޖޭގެ ދަރަނި 90 ބިލިއަން ރުފިޔާއަށް އިތުރުވެގެންދިއުން އެކަށީގެންވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެއެވެ. ޔާމީންގެ ޕާޓީ ޕީއެންއެފުން ރޭ ބޭއްވި ފްރޮންޓް އޮފީސް ޖަލްސާގައި ވާހަކަދައްކަވަމުން އެމަނިކުފާނު ވަނީ މި ސަރުކާރުން ކުރާކަމަކީ އެކި ނަންނަމުގައި ހޭދަކުރުން ކަމަށާއި އޮއްޓަރެއްހުރި ނަތީޖާއެއް ނިކުންނާނެ އެއްވެސް މަސައްކަތެއް ނުކުރާ ކަމަށް ވިދާޅުވެފައެވެ. އެމަނިކުފާނު އެފަދައިން ވިދާޅުވީ އެ ޖަލްސާގައި އިސްމާއިލް ޒަރިޔަންދު ދެއްކެވި ވާހަކައަށް އަލިއަޅުވާލައްވައެވެ. ޒަރިޔަންދު ވަނީ މި ސަރުކާރުން ވެރިކަމަށް އައިރު 130 ބިލިއަން ރުފިޔާއާ ގާތްކުރާ މިންވަރަށް ދަރަނި ވާރުތަވެފައިވާ ކަމަށް ވިދާޅުވެފައެވެ. ނިމިދިޔަ ސަރުކާރުން ދަރަނި ނަގާފައިވަނީ އޭގެ ކުރީ ސަރުކާރުތަކާއި އެއް މިންވަރަކަށް ކަމަށާއި އެއީ ގާތްގަނޑަކަށް 60 ބިލިއަނާ ގާތްކުރާ މިންވަރަށް ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އޭނާ ވަނީ މި ވެރިކަމަށް ތިން އަހަރު ވެގެންދާއިރު އިތުރު 30 ބިލިއަން ނުވަތަ 40 ބިލިއަނާ އެއް މިންވަރަށް ދަރަނި އުފައްދާފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި މިއަހަރު ނިމޭއިރު ޖުމްލަ 57 ބިލިއަންގެ ދަރަނި ރައީސް މުއިއްޒުގެ ސަރުކާރުން އިތުރުކުރައްވާނެ ކަމަށް ޒަރިޔަންދު ވަނީ ވިދާޅުވެފައެވެ. އެ ވާހަކައަށް އަލިއަޅުވާލާ ޔާމީން ވިދާޅުވީ މި ވޭތުވެދިޔަ ތިން އަހަރުން ރައީސް މުއިއްޒު އެކަނި 57 ބިލިއަން ނުވަތަ 60 ހާސް މިލިއަނާ ކައިރިކުރާ މިންވަރަށް ދަރަނި އުފައްދާފައިވާކަން ފާޙަގަ ކުރައްވައިފައެވެ. އެހެންކަމުން އޭގައި އިތުރަށް ދައްކަވާނެ ވާހަކައެއް ނެތް ކަމަށާއި އެމަނިކުފާނުގެ ވެރިކަމުގައި އަދި ބާކީ ދެއަހަރު އެބައޮތްކަމަށް ޔާމީން ވިދާޅުވިއެވެ. އަދި ކުރިއަށް އެބައޮތް ދެ އަހަރު. [ވެރިކަމުގަ] ހުންނަވައިފިނަމަ މި އަދަދު ހަމަ އެކަށީގެންވޭ 80 ނޫނީ 90 ހާސް މިލިއަނަށް ވެގެންދިއުން. އެއީ މި ސަރުކާރުން ކުރާކަމަކީ އެއީ ހޭދަ. އެކި ނަންނަމުގަ ހޭދަކުރަނީ. އޭގައިން އޮއްޓަރުހުރި އާރުލާ އެއްވެސް ނަތީޖާއެއް ލިބޭ މަސައްކަތެއް ނުކުރޭ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޔާމީން ވަނީ ރައީސް މުއިއްޒުގެ ސްޕޯކްސްޕާސަންއާއި ދެންވެސް ތިބި މީހުން ފާޑު ފާޑުގެ ޓުވީޓުތައް ކުރައްވާއިރު މި ކަންތައްތަކަށް ރިއާޔަތްކުރުމަށްފަހު ތަފާސްހިސާބު ބެެއްލެވުމަށް އެދިވަޑައިގެންފައެވެ. އެމަނިކުފާނު ދައްކަވާ ވާހަކައަށް ރައްދުދެއްވުމަކީ އުފާވާކަމެއް ކަމަށާއި ނަމަވެސް ހިސާބާ ތޮޅެންވާނީ ހިސާބުންކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ