ހުރުމުޒު ކަނޑުއޮޅި ކައިރިއަށް އެމެރިކާގެ ހެލިކޮޕްޓަރެއް ވެއްޓިއްޖެ

ވޮޝިންޓަން (9 ޖޫން 2026): އީރާނުން ހުރުމުޒު ކަނޑުއޮޅި ހިސާރުކޮށްފައި އޮތް އޮތުން ބަލައި މޮނިޓާ ކުރަމުގައާއި އަރަބިި ކަނޑުގައިވާ އީރާނުގެ ބަނދަރުތައް ހިސާރުކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ އެމެރިކާގެ އަޕާޗޭ މަރުކާގެ ހެލިކޮޕްޓަރެއް އިއްޔެ ވެއްޓިފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުތިރާފުވެވަޑައިގެންފިއެވެ. ޓްރަމްޕް ވިދާޅުވީ، ހުރުމުޒު ކަނޑުއޮޅިއާ ކައިރީ ހިސާބަކަށް އެމެރިކާގެ އަޕާޗޭ ހެލިކޮޕްޓަރެއް ވެއްޓުނު ކަމަށާއި އެ ހެލިކޮޕްޓަރުގައި ތިބި ޕައިލެޓާއި ކޯ ޕައިލެޓް ސަލާމަތްކުރެވިފައިވާ ކަމުގައެވެ. އިތުރު ތަފުސީލެއް ޓްރަމްޕް ނުދެއްވައެވެ. ޓްރަމްޕް މި ކަމަށް އިއުތިރާފުވި ނަމަވެސް މެދުއިރުމަތީގައި ހިންގާ އެމެރިކާގެ އަސްކަރީ ހަރަކާތްތައް ނިސްބަތްވާ ކޮމާންޑް ކަމަށްވާ ސެންޓްކޮމްއިން މި ކަމާ ބެހޭ ގޮތުން އަދިވެސް އެއްޗެއް ނުބުނެއެވެ. ހެލިކޮޕްޓަރު ވެއްޓުނުކަން ނުވަތަ ނޫންކަން އަދި އޭގައި ތިބި ޕައިލެޓުން ސަލާމަތްވިކަން ނުވަތަ ނޫންކަން ވެސް ހާމަކޮށްފައެއް ނުވެއެވެ. އިއްޔެގެ ވަގުތެއްގައި މި ހެލިކޮޕްޓަރު ވެއްޓުނުކަން ހާމަކޮށްފައިވަނީ އެމެރިކާގެ ނޫހެއް ކަމަށްވާ ނިޔުޔޯކް ޓައިމްސްއިންނެވެ. ނިޔުޔޯކް ޓައިމްސް ބުނި ގޮތުގައި މިއީ އެމެރިކާ ސިފައިން ބޭނުންކުރާ އެންމެ މޮޅު ހެލިކޮޕްޓަރު ކަމަށްވާ "އަޕާޗޭ އޭއެޗް 64" މަރުކާގެ ހެލިކޮޕްޓަރެކެވެ. މިއީ ހަނގުރާމައިގެ އުނދަނގޫ ދަތި ތަންތަނުގައި ވެސް ވަރަށް ބަރާބަރަށް މަސައްކަތްކުރާ މެނޫވެރަބިލިޓީއާއި ލީތަލިޓީގެ ގާބިލުކަން ލިބިފައިވާ ހެލިކޮޕްޓަރެއް ކަމަށް އެމެރިކާ ސިފަކުރާ ހެލިކޮޕްޓަރެކެވެ. މި ހެލިކޮޕްޓަރު ވައްޓާލީކަން ނުވަތަ ޓެކްނިކަލް މައްސަލައެއް ދިމާވެގެން ވެއްޓުނީކަން ވެސް ސާފުވެފައެއް ނުވެއެވެ. އެމެރިކާގެ އުދުވާނާ ދެކޮޅަށް ހަނގުރާމަކުރާ އީރާނުން ވެސް މި ހާދިސާއާ ބެހޭ ގޮތުން އެއްޗެއް ބުނެފައެއް ނުވެއެވެ. އީރާނާ ދެކޮޅަށް އެމެރިކާއިން ފެށި ހަނގުރާމައިގައި އެމެރިކާގެ 50 އަށް ވުރެ ގިނަ އަސްކަރީ އުޅަނދު އީރާނުން ހަލާކުކޮށްލިކަން ވަނީ ހާމަވެފައެވެ. މީގެ ތެރޭގައި ފައިޓާޖެޓާއި ޖާސޫސީ މަތިންދާބޯޓުތަކާއި އަސްކަރީ ޓްރާންސްޕޯޓް މަތިންދާ ބޯޓުތަކުގެ އިތުރުން ގިނަ އަދަދެއްގެ ޑްރޯންތައް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ