މިހާތަނަށް ގުޅި ވޯޓުން އެމްޑީޕީގެ އިންތިހާބު ނަޝީދު ކާމިޔާބު ކުރައްވާނެ ކަމަށް ބެލެވިއްޖެ

އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަން ހޮވުމަށް މިއަދު ބޭއްވި އިންތިހާބު ބޮޑު ތަފާތަކުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ކާމިޔާބު ކުރައްވާނެ ކަމަށް ބެލެވިއްޖެ ވެ. 
މި އިންތިހާބުގައި ނަޝީދުއާ ވާދަކުރެއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް އެވެ. މިހާތަނަށް ގުނުނު ވޯޓު ފޮށިތަކުގެ ނަތީޖައަށް ބަލާއިރު ނަޝީދު އުޅުއްވަނީ ބޮޑު ތަފާތަކުން ކުރީގަ އެވެ. 
މިހާތަނަށް 95 ފޮށީގެ ނަތީޖާ ލިބިފައިވާއިރު ނަޝީދަށް 4722 ވޯޓު ވަނީ ލިބިވަޑައިގެންފަ އެވެ. މީކާއީލްއަށް އަދި ލިބިވަޑައިގަތީ 1850 ވޯޓެވެ.  އެހެންކަމުން މިހާރު ވެސް 2872 ވޯޓު ކުރިން އުޅެނީ ނަޝީދެވެ. މި އިންތިހާބުގައި ބެހެއްޓީ 241 ވޯޓު ފޮށްޓެވެ. 
މިއަދު ބާއްވާ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބުނީ 50،176 މީހުންނަށް ލިބެ އެވެ. އޭގެ ތެރެއިން ވޯޓުލުމަށް ނުކުމެފައިވަނީ ކިހާ އަދަދެއް ކަމެއް ނޭނގެ އެވެ. 
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަކީ އެ ޕާޓީގެ އެންމެ ބާރުގަދަ މަގާމެވެ. މީގެކުރިން ވެސް ނަޝީދު ވަނީ އެ ޕާޓީގެ ޗެއާޕާސަންގެ މަގާމު އަދާކުރައްވާފަ އެވެ.
މިއަދުގެ އިންތިހާބުގައި 241 ވޯޓު މަރުކަޒު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަދި ރާއްޖެއިން ބޭރުގައި ވަނީ ގާއިމްކޮށްފަ އެވެ. ރާއްޖެއިން ބޭރުގައި ވޯޓު ފޮށްޓެއް  ބެހެއްޓީ ސްރީ ލަންކާގައި އެކަންޏެވެ. 
އެމްޑީޕީއަކީ ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް ފިޔަވައި އެންމެ މެންބަރުން ގިނަ ޕާޓީ އެވެ. މިއީ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް މީހަކު ހޮވަން ބާއްވާ ހަ ވަނަ އިންތިހާބެވެ. 
މީގެ ކުރިން ޗެއާޕާސަންގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅުންގެ ތެރޭގައި ނަޝީދާއި މާރިޔާ އަހުމަދު ދީދީ އާއި ރީކޯ މޫސާ މަނިކާއި އަލީ ވަހީދާއި ހަސަން ލަތީފް ހިމެނިވަޑައިގަންނަވަ އެވެ. ނަޝީދަކީ ޕާޓީގެ ފުރަތަމަ ޗެއާޕާސަން އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ