އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު ބޮޑުތަނުން ނަޝީދު ކާމިޔާބުކުރައްވައިފި

އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަން ހޮވުމަށް މިއަދު ބޭއްވި އިންތިހާބު ބޮޑު ތަފާތަކުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ކާމިޔާބު ކުރައްވައިފި އެވެ. 
މި އިންތިހާބުގައި ނަޝީދުއާ ވާދަކުރެއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް އެވެ. މިހާތަނަށް ގުނުނު ވޯޓު ފޮށިތަކުގެ ނަތީޖައަށް ބަލާއިރު ނަޝީދު އުޅުއްވަނީ ބޮޑު ތަފާތަކުން ކުރީގަ އެވެ. 
މިހާތަނަށް 130 ފޮށީގެ ނަތީޖާ ލިބިފައިވާއިރު ނަޝީދަށް 8,661 ވޯޓު ވަނީ ލިބިވަޑައިގެންފަ އެވެ. މީކާއީލްއަށް އަދި ލިބިވަޑައިގަތީ 4,158 ވޯޓެވެ. އެހެންކަމުން މިހާރު ވެސް 4,503 ވޯޓު ކުރިން އުޅެނީ ނަޝީދެވެ. މި އިންތިހާބުގައި ބެހެއްޓީ 241 ވޯޓު ފޮށްޓެވެ. 
އިންތިހާބުގެ ނަތީޖާއާ ގުޅިގެން މީކާއީލް ވަނީ ބަލި ގަބޫލުކުރައްވާ މީކާއީލްއަށް ގުޅުއްވައި މަރުހަބާ ވިދާޅުވެފަ އެވެ. ނަޝީދު ވިދާޅުވީ އެންމެން އެކުގައި ކުރިއަށް އޮތް ތަނުގައި މަސައްކަތް ކުރައްވާނެ ކަމަށެވެ. 
މިއަދު ބާއްވާ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބުނީ 50،176 މީހުންނަށް ލިބެ އެވެ. އޭގެ ތެރެއިން ވޯޓުލުމަށް ނުކުމެފައިވަނީ ކިހާ އަދަދެއް ކަމެއް ނޭނގެ އެވެ. 
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަކީ އެ ޕާޓީގެ އެންމެ ބާރުގަދަ މަގާމެވެ. މީގެކުރިން ވެސް ނަޝީދު ވަނީ އެ ޕާޓީގެ ޗެއާޕާސަންގެ މަގާމު އަދާކުރައްވާފަ އެވެ.
މިއަދުގެ އިންތިހާބުގައި 241 ވޯޓު މަރުކަޒު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަދި ރާއްޖެއިން ބޭރުގައި ވަނީ ގާއިމްކޮށްފަ އެވެ. ރާއްޖެއިން ބޭރުގައި ވޯޓު ފޮށްޓެއް  ބެހެއްޓީ ސްރީ ލަންކާގައި އެކަންޏެވެ. 
އެމްޑީޕީއަކީ ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް ފިޔަވައި އެންމެ މެންބަރުން ގިނަ ޕާޓީ އެވެ. މިއީ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް މީހަކު ހޮވަން ބާއްވާ ހަ ވަނަ އިންތިހާބެވެ. 
މީގެ ކުރިން ޗެއާޕާސަންގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅުންގެ ތެރޭގައި ނަޝީދާއި މާރިޔާ އަހުމަދު ދީދީ އާއި ރީކޯ މޫސާ މަނިކާއި އަލީ ވަހީދާއި ހަސަން ލަތީފް ހިމެނިވަޑައިގަންނަވަ އެވެ. ނަޝީދަކީ ޕާޓީގެ ފުރަތަމަ ޗެއާޕާސަން އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ