ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ތާއީދާއިއެކު ވެސް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމަށް އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބުގައި ބޮޑު ނާކާމިޔާބެއް ކުރިމަތިވެއްޖެއެވެ. އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް މިއަދު ބޭއްވި އިންތިހާބު ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވައި، އެ ޕާޓީގެ ޗެއާޕާސަންގެ މަގާމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންތިޚާބު ވެއްޖެއެވެ.
ނަޝީދާއި މީކާއީލް އިންތިޚާބުގައި ވާދަކުރެއްވި ނަމަވެސް ކެމްޕޭންގައި ފެނިގެން ދިޔައީ ނަޝީދާއި އިބޫގެ "ކުރިމަތިލުމެކެވެ." އިބޫ ފާޅުގައި މީކާއީލްގެ ކެމްޕޭނަށް ނިކުމެވަޑައިގެން ރަށްރަށަށް ދަތުރުކުރެއްވިއެވެ. ނަޝީދުގެ ފެކްޝަނާއި އިބޫގެ ފެކްޝަނުން ވަރުގަދަ ބަހުގެ ހަމަލާތައް ބަދަލުކުރިއެވެ.
އެމްޑީޕީން އަދި ވަގުތީ ނަތީޖާ ރަސްމީކޮށް އިއުލާނު ނުކުރި ނަމަވެސް، މިހާތަނަށް ގުނާފައިވާ ފޮށިތަކުގެ ނަތީޖާއިން ދައްކާގޮތުގައި ނަޝީދު ވަނީ 8,000 އަށް ވުރެ ގިނަ ވޯޓު ހޯއްދަވާފައެވެ. މީކާއީލްއަށް ލިބިވަޑައިގަތް ވޯޓް 4,000 އަށް ވުރެ ގިނައެވެ. ދެ ބޭފުޅުންގެ ދެމެދުގައި 4,000 އެއްހާ ވޯޓުގެ ބޮޑު ތަފާތެއް އެބައޮތެވެ.
މި އިންތިޚާބުގައި ޖުމްލަ 48,912 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 240 ފޮށި އަދި ސްރީ ލަންކާގައި އެއް ފޮށި ބަހައްޓާފައިވެއެވެ. ނަޝީދު މި އިންތިޚާބު ކާމިޔާބު ކުރެއްވީ "ބޮޑު ބަދަލު" ގެ ނަމުގައި ވަރުގަދަ ކެމްޕޭނެއް ކުރެއްވުމަށްފަހުއެވެ.
ނަޝީދުގެ މި ކެމްޕޭނަކީ ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްއާ ގުޅިގެން ކުރިއަށް ގެންދެވި މަސައްކަތެކެވެ. މި ދެ ބޭފުޅުންގެ މައިގަނޑު އަމާޒަކީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ފައްޔާޒް ނެރުއްވައިގެން އެމްޑީޕީއަށް އަލުން ވެރިކަން ހޯދައިދިނުމެވެ. އަދި ދައުލަތުގެ ހިންގުމުގެ ނިޒާމަށް ބަދަލުތަކެއް ގެނެސް، ދައުލަތުގެ އެންމެ މަތީވެރިޔާ އާއި ސަރުކާރުގެ ވެރިޔާއަކީ ތަފާތު ދެ މަގާމަކަށް ހެދުމުގެ ވިސްނުން ވެސް ވަނީ ހާމަކުރައްވާފައެވެ.
މި ޕްރޮޕޯސަލްގައިވާ ގޮތުން، ސަރުކާރު ހިންގާ ވެރިޔާ ވެސް ހޮވާނީ ރައްޔިތުންގެ ސީދާ ވޯޓަކުންނެވެ. ނަޝީދު ވަނީ ސަރުކާރު ހިންގާ ވެރިއަކަށް ފައްޔާޒު ހޮވުމަށް ތާއީދުކުރައްވާނެ ކަމަށާއި، އެމަނިކުފާނު ޝައުގުވެރިވަނީ ދައުލަތުގެ ވެރިޔާގެ މަގާމަށް ކަމަށް ވިދާޅުވެފައެވެ.
އިބޫގެ ތާއީދާއިއެކު ވެސް މީކާއީލްއަށް ބޮޑު ބައްޔެއް، ޗެއާޕާސަންއަކަށް ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ