ސިޔާސީ ކަންކަމާ ދުރުވެ، ރާއްޖެއިން ބޭރުގައި ހުންނަވަނިކޮށް، އެކަންކަމުގެ ތެރެއަށް އަލުން އެނބުރި އައުމަށް މަޖުބޫރުކުރުވީ މި ސަރުކާރުގެ އަމަލުތައް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އެމްޑީޕީގެ އެތެރޭގެ ހަމަނުޖެހުންތަކާ ހުރެ، އެ ޕާޓީގެ ރައީސްކަމުން އިސްތިއުފާ ދެއްވުމަށް ފަހު ސިޔާސީ ދާއިރާއާ ދުރަށް ޖެހިވަޑައިގަތްކަން ނަޝީދު އިއުލާންކުރެއްވީ 2023 ވަނަ އަހަރެވެ.
އޭގެ ފަހުން، ޖެނުއަރީ 2024 ތެރޭ ސީވީއެފްގެ ސެކްރެޓަރީ ޖެނެރަލްކަން ކުރެއްވުމަށް އެ މަނިކުފާނު ގާނާއަށް ދިރިއުޅުން ބަދަލުކުރެއްވި އެވެ. އެކަމަކު، ނަޝީދު މިދިޔަ އަހަރު އަލުން އެމްޑީޕީއާ ގުޅިވަޑައިގަތެވެ. ނިމިދިޔަ ކައުންސިލް އިންތިހާބުގައި ރާއްޖެ ވަޑައިގެން ސިޔާސީ ކަންކަމުގައި ވަރަށް ހަރަކާތްތެރިކޮށް ވެސް އުޅުއްވި އެވެ.
ބުނީ ކީކޭ؟ - މިވަގުތު ނަޝީދު ގެންދަވަނީ، އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކެމްޕޭންކުރައްވަމުންނެވެ. ގދ. ތިނަދޫގައި ރޭ ބޭއްވި ނަޝީދުގެ ކެމްޕޭން ޖަލްސާގައި އެ މަނިކުފާނު ވަނީ ސިޔާސީ ކަންކަމާ ދުރުގައި ހުންނަވަނިކޮށް އަލުން އެކަމުގެ ތެރެއަށް ވަންނަވަން ނިންމެވި ސަބަބާ ބެހޭ ގޮތުން ވާހަކަފުޅުދައްކަވާފަ އެވެ.
ނަޝީދު ވިދާޅުވީ، ގާނާގައި ހުންނަވަނިކޮށް އެނބުރި ރާއްޖެ ވަޑައިގަތުމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އެދިވަޑައިގެންނެވި ކަމަށެވެ. އެކަމާ ބެހޭ ގޮތުން ވާހަކަދެއްކެވިޔަސް، ރާއްޖެ ވަޑައިގެން އަލުން އެ މަސައްކަތުގައި އުޅުއްވުމާ މެދު ވަކި ޖަވާބެއް އެ މަނިކުފާނު އޭރު ނުދެއްވަން ކަމަށް ނަޝީދު ވިދާޅުވި އެވެ. އޭގެ ފަހުން ފައްޔާޒުއާ އެކު ގާނާގައި ހަފްތާއެއްހާ ދުވަހު ހޭދުކުރެއްވި ކަމަށާއި އެ ހަނދާންތައް ފައްޔާޒުގެ ވެސް ހުންނަވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
ރާއްޖެ ވަޑައިގެން ސިޔާސީ ކަންކަމުގައި އަލުން ހަރަކާތްތެރިވެވަޑައިގަންނަވަން ނިންމެވީ ކީއްވެކަން ސާފުކޮށްދެއްވަމުން ނަޝީދު ރޭ ވިދާޅުވީ:
ގާނާއިން ފައްޔާޒު ފުރައިގެން ނުދެވި އުޅެނިކޮށް، ސަރުކާރު ބޭނުންވާ ގޮތަށް ކަންކަން ނުކޮށްގެން ތިނަދޫގެ މޭޔަރު ސައުދު އަލީ ސަސްޕެންޑުކުރިކަމުގެ މައުލޫމާތު ލިބިވަޑައިގަތް
ލާމަރުކަޒީ ނިޒާމުގެ ބޭނުމަކީ ސަރުކާރުން ބޭނުންހާ ގޮތަކަށް ކަންކަން ނުކޮށް އެ ރަށެއްގެ ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ކުރަމުން ގެންދިއުން
އެހާ ހިސާބުން، ރާއްޖޭގައި ތިނަދޫ މީހުން އިސްވެ ތިބެ ބިނާކުރި ނިޒާމު ރޫޅެމުންދާ ތަން އަދި އެ ނިޒާމު ރޫޅާލުމަށް ރައީސް މުހައްމަދު މުއިއްޒު ހުދުމުހުތާރުވެ އަމަލުކުރައްވަމުން ގެންދަވާ ތަން ވަރަށް ސާފުކޮށް ފެންނަން ފެށި
މަޖިލީހުގެ ކުރީގެ ރައީސްކަން ވެސް ކުރެއްވާފައިވާ ނަޝީދު ވިދާޅުވީ، އެމްޑީޕީ އުފެއްދުމާއި އޭގެ ފަހުން ވެސް ރާއްޖެއަށް ޑިމޮކްރަސީގެ ހެޔޮ ގޮތްތައް ހޯދައިދޭން އެންމެ ބޮޑު މަސައްކަތެއް ކުރީ ތިނަދޫ ކަމަށެވެ. އެ ރަށު މީހުންނަކީ އަބަދު ވެސް ބަދަލަކަށް ބޭނުންވާ ބައެއް ކަމަށާއި އެ ބަދަލު އެ މީހުން އެދެނީ އިންސާފާއި ތަނަވަސްކަމަށްޓަކައި ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ، ވެރިކަމުގެ ނިޒާމަށް ގެންނަން އުޅޭ ބަދަލުތަކާ އެކު އެ މަނިކުފާނާއި ފައްޔާޒު މިހާރު ކުރައްވަމުން ގެންދަވާ 'ބޮޑު ބަދަލު'ގެ މަސައްކަތަށް ވެސް ތިނަދޫ ކައުންސިލަރުންނާއި މަޖިލިސް މެމްބަރުން ހިމެނޭހެން މުޅި އެ ރަށު އެމްޑީޕީގެ މެމްބަރުން ތާއީދުކުރާކަން ފާހަގަކޮށްފައިވާ ކަމަށެވެ. އެގޮތުން، އެ މަނިކުފާނު ވިދާޅުވީ:
މުޅި ތިނަދޫ އެކުގައި ބޮޑު ބަދަލަށް ތާއީދުކުރޭ؛ އެ ބަދަލާ އެކު ކުރިއަށް ދިއުމަށް ތިނަދޫގެ އެމްޑީޕީ މެމްބަރުން އެބަ އެއްބަސްވޭ
އެ މަނިކުފާނުގެ ޗެއާޕާސަންގެކަމުގެ ދަށުން އެ ބަދަލު ގެނައުން ފަސޭހަވާނެ ކަމަށް އެ މެމްބަރުން ބުނާ ކަމަށް ވިދާޅުވި
އެމްޑީޕީ އަލުން ސަރުކާރާ ހަވާލުވާން އެ މަނިކުފާނުގެ ބެލުމުގެ ދަށުން މަސައްކަތްކޮށްގެން ކާމިޔާބުވުން ގާތްވާނެ ކަމަށް އެ މީހުން ފާހަގަކުރާ ކަމަށް ވިދާޅުވި
"އެއީ އަޅުގަނޑަށް ވެސް ލިބޭ ވަރަށް ބޮޑު އުފަލެއް. އަދި އަޅުގަނޑު ހިތުން ކިބުރުވެރިއެއް ގޮތަށް ތިބޭފުޅުން ނުދެކޭނެ އަޅުގަނޑު މިކަމާ އެއްބަސްވިޔަސް. މި މަސައްކަތަކީ ތިބޭފުޅުންނާ އެކު އަޅުގަނޑު ކުރި މަސައްކަތެއް،" ނަޝީދު ވިދާޅުވި އެވެ.
"މާ ސަރީހަ އިބާރާތުން [ތިނަދޫ ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު އަބްދުﷲ] ސަނީފު އެބަ ބުނުއްވާ ކޮންމެ މޮހޮރެއް، ކޮންމެ ކަބީލާ ނަރެއް، ކޮންމެ ކަނޑެއް މި އޮޑީގައި އަޅާފައިވަނީ އަޅުގަނޑުގެ އަތުން ނުވަތަ އަޅުގަނޑު ބަލަހައްޓައިގެން ހުރެއޭ. އަޅުގަނޑަށް ވަރަށް ރަނގަޅަށް މި މަސްއޫލިއްޔަތު ވިސްނޭ. އެއީ މިވެރިކަން ބަދަލުކުރުން. ވީހާ ވެސް އަވަހަކަށް މިކަމަށް ނިމެއް ގެނައުން. އެކަން އިރާދަކުރެއްވިއްޔާ އަޅުގަނޑު ކުރާނަން."
ސިޔާސީ ކަންކަމާ ދުރުވެ ހުއްޓާ ރާއްޖެ އަންނަން މަޖުބޫރުކުރުވީ ސަރުކާރުގެ އަމަލުތައް: ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ