ޕީއެންއެފްއިންވެސް ތިން ރައީސުންގެ އިއްތިހާދަށް އެއްބާރުލުންދޭން ފާސްކޮށްފި

ކުރީގެ ތިން ރައީސުން މި ސަރުކާރު ޒިންމާދާރު ކުރުމަށް އެކުގައި ފެއްޓެވި މަސައްކަތައް އެއްބާރުލުން ދޭން ޕީއެންއެފްއިން ވެސް މިއަދު އިގުރާރުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ނޫސްވެރިކަމުގެ މިނިވަންކަމަށާއި އެނޫން ވެސް ބައެއް ކަންކަންމުގައި ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރު ޒިންމާދާރުކުރުމަށް ޓަކައި ޕީއެންއެެފްގެ ރައީސް، އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ މިދިޔަ ހުކުރު ދުވަހު ބައްދަލުވުމެއް ބާއްވައިފަ އެވެ. އަދި އެ ބައްދަލުވުމަށް ފަހު އެ ގުޅުން ރަސްމީކޮށް، އެއްބަސްވުމަކަށް އާދެވުނުކަން ތިން ރައީސުން ހާމަ ކުރި އެވެ.
ތަފްސީލު - އެ ބައްދަލުވުމުގައި ތިން ރައީސުންގެ ފަރާތުން ނެރުނު ގަރާރެއް ވެސް ނެރުއްވާފައިވެ އެވެ. އެ ގަރާރުގައި ހުރި ކަންކަމަށް އެއްބާރުލުންދޭން ޕީއެންއެފްއިން ނިންމީ، މިއަދު އެ ޕާޓީގެ ސެނެޓު ބައްދަލުވުމުގަ އެވެ.
ތިން ރައީސުންގެ ގަރާރުގައިވާ ކަންކަން ހިމަނައި، ޕީއެންއެފް ސެނެޓުން ފާސްކުރި ގަރާރުގައި ބުނީ،
ތިން ރައީސުންގެ މަސައްކަތުގައި ޕީއެންއެފްއިން ބައިވެރިވެ، އެކަންކަމުގައި ދެމިއޮތުމަކީ ގައުމާއި ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތް ކަމަށް
އެހެންވެ، ތިން ރައީސުން ނެރުއްވާފައިވާ ގުޅިފައިވާ ބަޔާން ބަލައިގަނެ، އޭގައި ހުރި ކަންކަން ވަކިވަކީން އަދި އެކުއެކީގައި ތަންފީޒުކުރުމަށް ޕީއެންއެފްއިން އެއްބާރުލުންދީ، އެހީތެރިކަން ފޯރުކޮށްދިނުމަށް އިގުރާރުވާ ކަމަށް
މި އިގުރާރުގައި ޕާޓީގެ ސެނެޓްގެ ހުރިހާ މެންބަރުން ސޮއިކޮށްފައިވާ ކަމަށް ޕީއެންއެފްއިން މައުލޫމާތުދެ އެވެ.
ފާހަގަކޮށްލެވޭ ކަމެއް - ތިން ރައީސުން އިއްތިހާދަށް އެއްބާރުލުން ދޭން އެމްޑީޕީގެ ގައުމީ މަޖިލީހުން ވެސް ފާސްކޮށްފައިވެ އެވެ. މިދިޔަ އަންގާރަ ދުވަހު ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި އެ ނިންމުން ނިންމާފައި ވަނީ، އިއްތިފާގުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ