މެޑްރިޑް (ޖޫން 27) - މޮރޮކޯ، ސްޕެއިން އަދި ޕޯޗުގަލްގައި 2030 ވަނަ އަހަރު ބާއްވާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާެރާތް، 64 ގައުމުގެ މެދުގައި ކުރިއަށް ގެންދިއުމަށް، 2010 ވަނަ އަހަރުގެ ވޯލްޑް ކަޕް ސްޕެއިނަށް ކާމިޔާބުކޮށްދިން ކެޕްޓަން، އަދި ލެޖެންޑަރީ ކީޕަރު، އިކާ ކަސިއަސް ގޮވާލައިފި އެވެ.
ކަސިއަސް މިހެން ބުނީ، ފީފާ އިން މި ފަހަރު، ކެނަޑާ، މެކްސިކޯ އަދި އެމެރިކާގައި ހޯސްޓްކުރާ ވޯލްޑް ކަޕްގައި، 48 ގައުމު ވާދަކުރާ ގޮތަށް ބާއްވާއިރު، ފޯމެޓް ހުރި ގޮތާ މެދު ހިތްހަަމަނުޖެހިގެންނެވެ. އެ ގޮތުން، ކަސިއަސްގެ އެންމެ ބޮޑު ކަންބޮޑުުވުން ހުރީ އެންމެ ރަނގަޅު ނަތީޖާނެރޭ ތިން ވަނަ އަށް ދާ ޓީމު ނަގާ ގޮތާ މެދު އެވެ.
މި ފަހަރުގެ ފޯމެޓް އޮތްގޮތުން، 48 ގައުމުގެ މެދުގައި ބާއްވާ ވޯލްޑް ކަޕްގައި ޓީމުތައް ބަހާފައިވަނީ 12 ގްރޫޕަކަށެވެ. ކޮންމެ ގްރޫޕަކުން އެންމެ ނަތީޖާ ރަނގަޅު ދެ ޓީމަކަށް ނޮކައުޓްގެ ފުރަތަމަ ބުރު، 32 ޓީމު ވާދަކުރާ ބުރުން ޖާގަ ލިބޭނެ އެވެ. އެ ބުރުގެ ބާކީ އަށް ޖާގަ ދޭނީ 12 ގްރޫޕްގެ ތިން ވަނަ ޓީމުގެ ތެރެއިން، އެންމެ ރަނގަޅު ނަތީޖާ ނެރޭ އަށް ޓީމަކަށެެވެ.
"އެންމެ ނަތީޖާ ރަނގަޅު ތިން ވަނަ އަށް ދާ ޓީމު ދާ މި އުސޫލު މި އޮތީ ވޯލްޑް ކަޕަކާ ގުޅޭގޮތަކަށް ނޫން. ބަދަލުގައި 64 ޓީމަށް ވޯލްޑް ކަޕް އިތުރުކުރަން ޖެހޭ،" ކަސިއަސް ބުންޏެވެ.
އެ ގޮތުން، 64 ޓީމަށް އިތުރުކުރުމާ އެކު، 16 ގްރޫޕަށް ޓީމުތައް އިތުރުވެ، ނޮކައުޓް ބުރަށް ހޮވޭނީ ކޮންމެ ގްރޫޕެއްގެ ގަދަ ދެ ޓީމެވެ. އެއީ، މީގެ ކުރިން، 32 ޓީމަށް ވޯލްޑް ކަޕް ބޭއްވިއިރު، ނޮކައުޓް ބުރަށް ޓީމު ހޮވޭ ގޮތަށެވެ.
ބްރެޒިލްގެ މީޑިއާ އަކަށް ދިން އިންޓަވިއުއެއްގައި، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވީ، ވޯލްޑް ކަޕްގައި ވާދަކުރެވޭ ޓީމުތަކުގެ އަދަދު އިތުރުކުރުމުގެ ވާހަކަތައް މިހާރު ފަށާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، ވޯލްޑް ކަޕުގައި ކުޅޭ ޓީމުތައް އިތުރު ކުރުމުގެ މަޝްވަރާތައް މިހާރު ފީފާ ކައުންސިލާ ހަމައަށް ގެންގޮސްފައިވާ ކަމަށެވެ.
ފީފާ ވޯލްޑް ކަަޕްގައި ކުޅެވޭ ގައުމުތައް އިތުރުކުރަން، ހުށަހަޅާފައިވަނީ، ދެކުނު އެމެރިކާގެ މައި ފުޓްބޯޅަ ފެޑެރޭޝަން. (ކޮންމެބޯލް) އިންނެވެ. އެއީ، ދެން، 2030 ވަނަ އަހަރު ބާއްވާ ވޯލްޑް ކަަޕަކީ، ފީފާ ވޯލްޑް ކަޕް އެންމެ ފުރަތަމަ ބޭއްވިތާ 100 އަހަރު ފުރޭ އަހަރު ކަމަށްވާތީ އެވެ. ދެން އޮތް ވޯލްޑް ކަޕް، 2030 ވަނަ އަހަރު ހޯސްޓްކުރަން ކަނޑައަޅާފައިވަނީ، މޮރޮކޯ، ސްޕެއިން އަދި ޕޯޗުގަލްގަ އެވެ. އެކަމަކު، އެ މުބާރާތުގެ ހާއްސަ ބައިތަކެއް، އާޖެންޓީނާ އާއި ޕެރަަގުއޭ އަދި އުރުގުއޭގައި ކުރިއަށްގެންދާ ގޮތަށް ފީފާ އިން ވަނީ ހަމަޖައްސައިފަ އެވެ.
ކަސިއަސް ގޮވާލީ 2030 ގެ ވޯލްޑް ކަޕް 64 ގައުމަށް ބަދަލުކުރަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ