މޮރޮކޯގެ ތާރީހީ މޮޅަށް ފަހު ދިއޮޕް: "ހުރިހާ ކަމެއް ގުޅިފައިވަނީ ﷲ އާ"

ވޯލްޑް ކަޕްގެ ދެވަނަ ބުރުގައި ޔޫރަޕްގެ ފުޓްބޯޅައިގެ ވަރުގަދަ ބާރު ނެދަލޭންޑްސް ބަލިކޮށް މޮރޮކޯއިން ހޯދި ތާރީހީ މޮޅަށް ފަހު އެ ޓީމުގެ ޑިފެންޑަރު އީސާ ދިއޮޕް ދިން އިންޓަވިއު އަށް ބޮޑު ސަމާލުކަމެއް ލިބިއްޖެ އެވެ.
ނެދަލެންޑްސްއިން މެޗުން މޮޅުވާން ދަނިކޮށް، މޮރޮކޯއިން އެ ޓީމު ހުއްޓުވީ ދިއޮޕް، ފަހު ވަގުތު ޖަހައިދިން ގޯލުންނެވެ. އަދި އެއަށް ފަހު އިތުރު ވަގުތުގެ ދެ ހާފު ކުޅެ ޕެނަލްޓީގައި ކާމިޔާބު ހޯދައި މޮރޮކޯއިން ގަދަ 16 ބުރުން ޖާގަ ކަށަވަރު ކުރި އެވެ. 
އެއީ މޮރޮކޯގެ ފުޓްބޯޅަ ތާރީހުގައި ވޯލްޑް ކަޕްގެ ނޮކައުޓް މެޗެއް ފަހަތުން އަރައި އެއްވަރު ކުރި ފުރަތަމަ ފަހަރެވެ.
އެ ހުރިހާ ކާމިޔާބެއްގެ ޝުކުރު ދިއޮޕް ހާއްސަ ކުރީ ﷲ އަށެވެ. 
އޭނާ ބުނީ މޮރޮކޯ އާއި އޭނާގެ ޓީމުގެ ކުޅުންތެރިންނަކީ މުސްލިމުން ކަމަށެވެ. އޭނާ ސިފަ ކުރިގޮތުގައި މޮރޮކޯގެ އެ ކާމިޔާބުގެ ޝުކުރު ހައްގު ވަނީ ﷲ އަށެވެ. 
"އާދެ، މިއީ މިއަދު މުޅި ޓީމުން ކުރި މަސައްކަތެއް. މުޅި ޓީމުން ވެސް ވަރަށް ރަނގަޅަށް ކުޅުނު. އަދި އަހަރެމެން ގޭމް ރޭވި ގޮތަށް ރަނގަޅަށް ތަންފީޒުކުރެވުނު. އެންމެ ފަހުން އަހަރެމެން މި ވަނީ މޮޅުވެފައި،" މެޗުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދުމަށް ފަހު ދިން އިންޓަވިއުގައި އޭނާ ބުންޏެވެ. 
މޮޅު ކުޅުންތެރިޔާގެ އެވޯޑް ލިބުމުން ޓީމުގެ ކުޅުންތެރިންނަށް ޝުކުރުއަދާކުރުމުގެ ގޮތުން ބުނާނީ ކީކޭތޯ އެހުމުން އޭނާ ބުނީ ހުރިހާ ޝުކުރެއް ހައްގު ވަނީ ﷲ އަށް ކަމަށެވެ. 
"އަހަރެމެންނަކީ މުސްލިމުން. އަހަރެމެން މިތާ [ދުނިޔޭގައި] މިތިބީ ވަރަށް ކުރު މުއްދަތަކަށް. ކޮންމެ ކަމެއްވެސް ގުޅިފައިވަނީ ﷲ އާ، އަދި ހުރިހާ ޝުކުރެއް ހައްގު ވަނީ އެކަލާނގެއަށް،" ފުލަމްގެ ޑިފެންޑަރު ބުންޏެވެ.
ސެނެގާލްގެ ބައްޕައަކާއި މޮރޮކޯގެ މަންމައަކަށް ލިބުނު ދިއޮޕް، މޮރޮކޯ އަށް ކުޅެން އިހްތިޔާރު ކުރީ ދާދި ފަހުންނެވެ. އޭނާ އުފަން ގައުމީ ފްރާންސެވެ.
ގަދަ 16 ގެ ބުރުގައި އެމެރިކާގެ ހިއުސްޓަންގައި އަންނަ ހޮނިހިރު ދުވަހު މޮރޮކޯ ނުކުންނާނީ ކެނެޑާއާ ދެކޮޅަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ