އެސްއެމްއީ ޑިޖިޓަލްއިން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާ ގުޅިގެން ކަސްޓަމަރުންނަށް ފެސިލިޓީއަށް ފައިސާ އަނބުރާ ދެއްކުމަށް އޮޓޮމޭޓެޑް ރީޕޭމަންޓް އިންޓަގްރޭޝަނެއް ތައާރަފުކޮށްފިއެވެ. މިއީ ކުންފުނީގެ ފެސިލިޓީ ނަގާފައިވާ ކަސްޓަމަރުންނަށް ލުއިގޮތްތަކެއް ހަމަޖެއްސުމަށް ތަޢާރަފްކުރާ ޚިދުމަތެއް ކަމަށް އެސްއެމްއީ ޑިޖިޓަލްއިން ވިދާޅުވިއެވެ.
ބޭންކް އޮފް މޯލްޑިވްސްގެ ސަބްސިޑިރީ ކުންފުންޏެއްގެ ގޮތުގައި، އެސްއެމްއީ ޑިޖިޓަލްއިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ޑިޖިޓަލް ހައްލުތަކުގެ އެހީގައި ކަސްޓަމަރުންނަށް ދޭ ހިދުމަތްތައް އިތުރަށް ފުރިހަމަކުރުމަށް ކަމަށް އެކުންފުނިން ވިދާޅުވެއެވެ. އަލަށް ތައާރަފުކުރި އޮޓޮމޭޓެޑް ރީޕޭމަންޓް އިންޓަގްރޭޝަނާއެކު، ފައިސާ ދައްކަންޖެހޭ ތާރީހުތަކުގައި ކަސްޓަމަރުންގެ ބީއެމްއެލް އެކައުންޓްތަކުން ކަސްޓަމަރުން އިތުރު ކަމެއް ކުރަން ނުޖެހި އަމިއްލައަށް ފައިސާ ކެނޑޭނެއެވެ.
މިއައު ހިދުމަތާއި ގުޅޭގޮތުން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ އެކުންފިނިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ޑިޖިޓަލް ހައްލުތަކުގެ އެހީގައި ކަސްޓަމަރުންނަށް ލުއިފަސޭހަކަން ގެނެސްދިނުމަށް ކަމަށެވެ. އަދި މި އިންޓަގްރޭޝަންގެ ސަބަބުން، ކަސްޓަމަރުން އަމިއްލައަށް ކުރަންޖެހޭ ކަންކަން މަދުވެ، ކަސްޓަމަރުގެ ބޭންކް އެކައުންޓުން އޮޓޮމެޓިކުން ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖެހި، ފައިސާ ދެއްކުމުގެ މަރުހަލާ ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ ކަމަށެވެ.
ބޭންކް އެކައުންޓުން އަމިއްލައަށް ފައިސާ ކެނޑޭ ގޮތް ހެދުމުން، އިދާރީ މަސައްކަތްތައް މަދުވެ، ގަޑިއަށް ފައިސާ ދެއްކޭކަން ކަށަވަރުވެގެންދިއުމާއިއެކު، ކަސްޓަމަރުންގެ ކްރެޑިޓް ހިސްޓްރީ ރަނގަޅުވެ ކްރެޑިޓް ރޭޓިންގ މަތިވާނެއެވެ. އެސްއެމްއީ ޑިޖިޓަލްއިން ވިދާޅުވީ މި އިންޓަގްރޭޝަންގެ ސަބަބުން ފައިސާ ދެއްކުމުގެ ކަންކަމުގައި ހޭދަވާ ވަގުތު ސަލާމަތްވެ، ކަސްޓަމަރުންނަށް ވިޔަފާރި ކުރިއެރުވުމަށް އިތުރު ވަގުތު ލިބިގެންދާނެ ކަމަށެވެ.
މި ނިޒާމު ތައާރަފުކުރުމަށް ހަމަޖެހިފައިވަނީ އެކި މަރުހަލާތަކަށް ބަހާލައިގެންނެވެ. އެގޮތުން އެންމެ ފުރަތަމަ މި ހިދުމަތް ލިބޭނީ އިސްލާމިކް ރީފައިނޭންސިންގ އިނީޝިއޭޓިވްގެ ދަށުން، މިހާތަނަށް ދޫކޮށްފައިވާ ކޮންވެންޝަނަލް ލޯނުތައް އިސްލާމިކް ފައިނޭންސިންގ އަށް ބަދަލުކޮށްފައިވާ ކަސްޓަމަރުންނަށެވެ. އަދި ކުރިއަށް އޮތް މަރުހަލާތަކުގައި އެހެނިހެން ކަސްޓަމަރުންނަށްވެސް މި ހިދުމަތް ފުޅާކުރާނެ ކަމަށް އެސްއެމްއީ ޑިޖިޓަލްއިން ވިދާޅުވެއެވެ.
އޮޓޮމޭޓެޑް ރިޕޭމަންޓް އިންޓަގްރޭޝަނަކީ ކަސްޓަމަރުންނަށް އިސްކަންދޭ ޑިޖިޓަލް ހައްލުތައް ފޯރުކޮށްދިނުމަށް އެސްއެމްއީ ޑިޖިޓަލްއިން ކުރަމުންދާ މަސައްކަތްތަކަށް އިތުރުވެގެންދިޔަ ކުރިއެރުމެއް ކަމަށް އެކުންފުނިން ވިދާޅުވެއެވެ.
އެސްއެމްއީ ޑިޖިޓަލް ފެސިލިޓީތަކަށް ފައިސާ ދައްކަން ފަސޭހަ އިންތިޒާމެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ