ވޮޝިންޓަން، ޔުނައިޓެޑް ސްޓޭޓްސް (މެއި 27) - އަންނަ މަހު އެމެރިކާ އާއި މެކްސިކޯ އަދި ކެނަޑާގައި ފަށާ ފީފާ ވޯލްްޑް ކަޕްގައި ވާދަކުރަން އެމެރިކާ އިން ނެގި 26 ކުޅުންތެރިންގެ ސްކޮޑުން ފުރުސަތު ނުލިބުނު ކުޅުންތެރިންނަށް ފޯނުން ގުޅައިގެން އެ ވާހަކަ ދައްކަން ނުޖެހޭ ކަމަށް އެމެރިކާގެ ކޯޗު، މައުރީސިއޯ ޕޮޗެޓީނޯ ބުނެފި އެވެ.
ކުރިން ޓޮޓެންހަމް ހޮޓްސްޕާސް އާއި ޕީއެސްޖީ އަަދި ޗެލްސީ އަށް ކޯޗުކޮށްދިން ޕޮޗެޓީނޯ ވަނީ ވޯލްޑް ކަޕް ސްކޮޑުގައި ނުހިމެނުނު ކުޅުންތެރިންނަށް އީމެއިލް މެދުވެރިކޮށް އަންގައިފަ އެވެ. އަދި، ސްކޮޑުގައި ހިމެނުނު 26 ކުޅުންތެރިންނަށް ވަނީ ވީޑިއޯ މެސެޖެއް ފޮނުވައިފަ އެވެ.
މީގެ ކުރިން ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތްތަކުގައި އެމެރިކާ ތަމްސީލްކުރި ކުޅުންތެރިން ވަނީ ޕޮޗެޓީނޯގެ މި ނިންމުމަށް ފާޑުކިޔައިފަ އެވެ. އެ ގޮތުން، އެމެރިކާގެ ކުރީގެ ފޯވާޑް، ހާކިއުލެޒް ގޯމޭޒް ވަނީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އެމެރިކާ އަށް ކޯޗުކޮށްދިން ޖަރުމަނުގެ ޔާގަން ކްލިންސްމަން ވަނީ އެ ފަހަރު ސްކޮޑުގައި ނުހިމެނުނު ކުޅުންތެރިންނަށް ވޮއިސްމެއިލެއް ފޮނުވައިފަ އެވެ.
ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕޮޗެޓީނޯއާ އެ ސުވާލުތައް އަމާޒުވުމުން އޭނާ ބުނެފައިވަނީ، ކުޅުންތެރިން ޓީމުން ބާކީކުރި ސަބަބުގެ ވާހަކަ އެހާ ގިނައިން އަވަސް އަވަހަށް ދެއްކުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.
"އަހަރެން ކުޅުންތެރިއެއްގެ ގޮތުގައި ހުރިއިރު، ޓީމަށް ނާރާ ފަހަރެއްގައި އަހަންނަށް ކޯޗު ގުޅާކަށެއް އަހަންނެއް ބޭނުމެއްނޫން. ސްކޮޑަށް ނާރާ ކުޅުންތެރިންނަށް ގުޅާފައި އަހަރެން މާފަށް އެދެމޭ ބުނުން އެއީ ރަނގަޅު ގޮތްތަ؟ އަހަރެން ކީކޭ ބުނަންވީ؟ ދޮގެއް ހަދަންވީ؟. އަހަރެން ވިސްނަން ވަރަށް ވިސްނަން. މި ކަންކަމާ މެދު ވިސްނަން ހަދައިގެން މިދިޔަ ދެ ހަފްތާގައި އަހަރެން ރަނގަޅަށް ނުއެއް ނިދަން،" ޕޮޗެޓީނޯ ބުންޏެވެ.
އޭނާ ބުނީ މި ހުރިހާ ވިސްނުންތަކަށް ފަހު ވެސް ވޯލްޑް ކަޕްގެ ސްކޮޑުގައި ހިމެނުނު 26 ކުޅުންތެރިންގެ ކަންކަމުގައި އުޅުމަށް ވުރެ ބޮޑަށް ޖެހެނީ ސްކޮޑަށް ނޭރި ކުޅުންތެރިންގެ ވާހަކަތަކުގެ ތެރޭގައި އުޅެން ކަމަށް ޕޮޗެޓީނޯ ވަނީ ބުނެފަ އެވެ.
މި ފަހަރުގެ ވޯލްޑް ކަޕްގައި އެމެރިކާ ހިމެނެނީ ގްރޫޕް ޑީގަ އެވެ. އެ ގްރޫޕްގައި އެމެރިކާ އިން ކުޅޭ ފުރަތަމަ މެޗުގައި އަންނަ މަހުގެ 13 ވަނަ ދުވަހު ކުޅޭނީ ޕެރަގުއޭއާ ދެކޮޅަށެވެ. ދެން، އެ ގްރޫޕްގައި ހިމެނެނީ، އޮސްޓްރޭލިއާ އާއި ތުުރުކީ އެވެ.
މީގެ ކުރިން، ވޯލްޑް ކަޕްގައި އާޖެންޓީނާ އަށް ކުޅެދީފައިވާ ޕޮޗެޓީނޯ، އެމެރިކާއާ އެކު ހަދާފައިވާ ކޮންޓްރެކްޓް އޮތީ މި ފަހަރުގެ ވޯލްޑް ކަޕްގެ ނިޔަލަށެވެ.
ވޯލްޑް ކަޕް ސްކޮޑަށް ނާރާ ކުޅުންތެރިންނަށް ފޯނުން ގުޅަން ޕޮޗެޓީނޯ ބޭނުމެއް ނުވި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ