ޑައިމަންޑް ޖުބިލީ ފުޓުބޯޅަ މުބާރާތް، ދިވެހި ފުޓުބޯޅައަށް ފޯރިގެނުވާނެ ބޮޑު އީދަކަށް ވާނެ!
ފުޓްބޯޅައަކީ ރާއްޖޭގެ ކުޅިވަރުގެ ތާރީޚުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ، ދިވެހިންގެ އެއްބައިވަންތަކަމާއި ފޯރި ދައްކުވައިދޭ މައިގަނޑު ކުޅިވަރެވެ. ރަށްރަށުގެ ވެލި ދަނޑުތަކުން ފެށިގެން ގައުމީ ފެންވަރުގެ ދަނޑުތަކާ ހަމައަށް މި ކުޅިވަރު ފެތުރިފައިވާއިރު، މިއީ ދިވެހި ސަގާފަތުގެ ބަޔަކަށް މިހާރު ވަނީ ވެފައެވެ. ރާއްޖޭގެ ފުޓުބޯޅަ ތާރީޚުގެ ތެރެއިން.. ފޮޓޯ/ ނޭޝަނަލް އާކައިވް ރާއްޖެއަށް ފުޓްބޯޅަ ތައާރަފުވީ 20 ވަނަ ގަރުނުގެ ކުރީކޮޅުގައިކަމަށް ބުނެއެވެ. އެންމެ ފުރަތަމަ މާލޭގައި ނުރަސްމީކޮށް އާދައިގެ މަތިން ކުޅެން ފެށި މި ކުޅިވަރު، ވަރަށް އަވަހަށް ފެތުރި މިހާރު މި ކުޅިވަރު ވަނީ މުޅި ރާއްޖޭގެ ރަށްތަކުގެ މެދުގައި އެންމެ މަގުބޫލު ކުޅިވަރަށް ވެފައެވެ. ދިވެހި ގައުމީ ފުޓުބޯޅަ ޓީމުގެ ކުރީގެ ފޮޓޯއެއް.. ފޮޓޯ/ ނޭޝަނަލް އާކައިވް އޮފް މޯލްޑިވްސް ދިވެހި ފުޓްބޯޅައަށް އައި އެންމެ ބޮޑު އެއް ބަދަލަކީ 1951 ވަނަ އަހަރު ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް) އުފެދުމެވެ. މީގެ ސަބަބުން ރޭވުންތެރިކަމާއެކު ލީގުތަކާއި މުބާރާތްތައް ބޭއްވުމަށް މަގުފަހިވެ، ފާއިތުވި 75 އަހަރުގެ ތެރޭގައި ފުޓްބޯޅައަކީ ދިވެހި މުޖުތަމައުތަކުގެ ވިންދާ ގުޅިފައިވާ ކުޅިވަރެއްގެ ގޮތުގައި ވަނީ ވެފައެވެ. ދިވެހި ގައުމީ ފުޓުބޯޅަ ޓީމުގެ ކުރިއެރުންތައް ދިވެހި ގައުމީ ފުޓުބޯޅަ ޓީމުގެ ރަންޒަމާނުގެ ފޮޓޯއެއް.. ފޮޓޯ/ ނޭޝަނަލް އާކައިވް އޮފް މޯލްޑިވްސް ދިވެހިރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު ބައިނަލްއަގުވާމީ މައިދާނަށް ނުކުމެފައިވަނީ 1970 ގެ އަހަރުތަކުގައެވެ. އޭގެ ފަހުން ދެކުނު އޭޝިއާ ސަރަހައްދުގެ މުބާރާތްތަކުގައި ގަވާއިދުން ވާދަކުރާ ޓީމަކަށް ރާއްޖެ ވަނީ ވެފައެވެ. ފެށުނުއިރު ބޮޑެތި ގައުމުތަކާ ދެކޮޅަށް ކުޅުމުގައި ގޮންޖެހުންތަކެއް ހުރި ނަމަވެސް، ފުޓްބޯޅައަށް ކުރެވުނު އިންވެސްޓްމަންޓްތަކާއެކު ޓީމުގެ ފެންވަރު ވަނީ ވަރަށް ބޮޑަށް ރަނގަޅުވެފައެވެ. ރާއްޖޭގެ ޓީމު ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރެވުނީ އެ ޓީމުގެ ހަލުވި ދުވެލީގެ ޕާސްތަކާއި ޓެކްނިކަލީ މޮޅު ކުޅުމުގެ ސަބަބުންނެވެ. މީގެ އިތުރުން ދިވެހި ސަޕޯޓަރުންގެ ފަރާތުން ލިބޭ ފޯރިގަދަ ހިތްވަރަކީ ޓީމަށް ލިބޭ ބޮޑު ކުރިއެރުމެކެވެ. ރާއްޖޭގެ ފުޓްބޯޅައިގެ ތާރީޚުގައި ލިބުނު އެންމެ ބޮޑު އެއް ކުރިއެރުމަކީ 1986 ވަނަ އަހަރު ފީފާ އަދި އޭޝިއަން ފުޓްބޯލް ކޮންފެޑަރޭޝަން (އޭއެފްސީ)ގެ މެންބަރަކަށް ވުމެވެ. މީގެ ސަބަބުން ބައިނަލްއަގުވާމީ ބޮޑެތި މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވި، ކުޅިވަރު އިތުރަށް ތަރައްގީ ކުރުމަށް މަގުފަހިވިއެވެ. ދިވެހި ފުޓުބޯޅައިގެ ރަންޒަމާން ދިވެހި ގައުމީ ފުޓުބޯޅަ ޓީމުގެ ކުޅުންތެރިން 2008 ވަނަ އަހަރުގެ ޝާފް ޗެމްޕިއަން ތަށި ހޯދުމަށް ފަހު އުފާފާޅުކުރަނީ.. ފޮޓޯ/ އިމޭޖް އެމްވީ ދިވެހިރާއްޖޭގެ ފުޓްބޯޅަ ތާރީޚުގައި ލިބުނު އެންމެ ފާހަގަކޮށްލެވޭ އެއް ކާމިޔާބީއަކީ 2008 ވަނަ އަހަރު ސަރަހައްދީ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ކަމަށްވާ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރުމެވެ. ކޮލަމްބޯގައި ކުޅުނު މި މުބާރާތުގެ ފައިނަލުގައި އިންޑިއާގެ މައްޗަށް 1-0 އިން ކުރިހޯދައި، ރާއްޖެއިން ވަނީ ފުރަތަމަ ފަހަރަށް ތަށި ހޯދައި ގައުމަށް ބޮޑު ރީތި ނަމެއް ހޯދައިދީފައެވެ. މި ކާމިޔާބީގައި ޓީމުގެ ކެޕްޓަން އަދި ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ ހުނަރުވެރި ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގުގެ ދައުރު ވަރަށް ބޮޑެވެ. އޭނާގެ ހުނަރާއި ލީޑަޝިޕްގެ ސަބަބުން މުޅި ސަރަހައްދުގައި މަގުބޫލުކަން ލިބި، އާ ޖީލެއްގެ ކުޅުންތެރިންނަށް އޭނާވީ ނަމޫނާ ކުޅުންތެރިޔަކަށެވެ. ދިވެހި ގައުމީ ފުޓުބޯޅަ ޓީމުގެ ކުޅުންތެރިން 2008 ވަނަ އަހަރުގެ ޝާފް ޗެމްޕިއަން ތަށި ހޯދުމަށް ފަހު..... ފޮޓޯ/ އިމޭޖް އެމްވީ ދެހާސް އަށް ވަނަ އަހަރުގެ ކާމިޔާބީއަށްފަހުވެސް، ރާއްޖެއިން ވަނީ ސަރަހައްދީ ފެންވަރުގައި ބާއްވާ މުބާރާތްތަކުގައި މުހިންމު ކާމިޔާބީތަކެއް ހޯދައި، ދެކުނު އޭޝިއާގެ އެންމެ ވަރުގަދަ އެއް ޓީމުގެ ގޮތުގައި ފާހަގަވެފައެވެ. ދިވެހިރާއްޖޭގައި ފުޓުބޯޅައަކީ ހަމައެކަނި ކުޅިވަރެއް ނޫނެވެ. އެއީ ގައުމީ ފަޚުރެއް ވެސް މެއެވެ. ސާފް ޗެމްޕިއަންޝިޕްގައި ހޯދާފައިވާ ކާމިޔާބީތަކަކީ މުޅި ގައުމު އެކަތިގަނޑަކަށް ހަދައިދިން ކަންކަމެވެ. ސަޕޯޓަރުންގެ އުންމީދަކީ މާޒީގެ ކާމިޔާބީތަކުގެ މައްޗަށް ބިނާކޮށް، އޭޝިއާގެ ފެންވަރުގައި ރާއްޖެއަށް އިތުރު ކުރިއެރުންތަކެއް ލިބުމެވެ. ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމު 2018 ގައި.. ފޮޓޯ/ މޯލްޑިވްސް އިންޑެޕެންޑެންޓް ޑައިމަންޑް ޖުބުލީ އިންޓަނޭޝަނަލް ފުޓުބޯޅަ މުބާރާތް ދިވެހިރާއްޖޭގައި ފުޓުބޯޅަ ކުޅެން ފެށިތާ 75 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން "ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓުބޯޅަ މުބާރާތް" ބޭއްވުމަށް ވަނީ ތައްޔާރުވެފައެވެ. މިއީ ދިވެހި ފުޓުބޯޅަ އިތުރު ހަރުފަތަކަށް ގެންގޮސްދޭނެ މުހިންމު ހަރަކާތެއްގެ ގޮތުގައި ބެލެވެއެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ އެއް ވަނަ ދުވަހުން 10 އަށް މާލޭގައެވެ. މިއީ ދިވެހި ފުޓުބޯޅަ އާއިލާއަށް ލިބޭނެ ބޮޑު އުފަލެއްގެ އިތުރުން، މުޅި ދެކުނު އޭޝިއާގެ ފުޓުބޯޅައިގެ ފޯރި ގަދަކޮށްދޭނެ މުބާރާތެކެވެ. މުބާރާތުގައި ބައިވެރިވާ ގައުމުތަކާއި ފޯމެޓް ޑައިމަންޑް ޖުބިލީ މުބާރާތުގެ މެޗު ތާވަލް.. ފޮޓޯ/ އެފްއޭއެމް މި މުބާރާތުގައި ވާދަކުރަނީ ޖުމްލަ ހަތަރު ގައުމަކުންނެވެ. އެއީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ ދިވެހިރާއްޖޭގެ އިތުރުން އަފްޣާނިސްތާން، ޕާކިސްތާން އަދި ބަންގްލަދޭޝް އެވެ. ކުރިން މި މުބާރާތުގައި ސްރީލަންކާ ބައިވެރިވާ ގޮތަށް އޮތް ނަމަވެސް، ކުޅުންތެރިން ލިބުމުގެ ދަތިތަކާ ހުރެ އެ ގައުމު ވަކިވުމުން އެ ފުރުސަތު ދީފައިވަނީ އަފްޣާނިސްތާނަށެވެ. މުބާރާތުގެ ހުރިހާ މެޗުތަކެއްވެސް ކުޅުމަށް ހަމަޖެހިފައިވަނީ މާލޭގެ ގަލޮޅު ގައުމީ ދަނޑުގައެވެ. ދިވެހި ގައުމީ ޓީމުގެ ތައްޔާރުވުން ހަންގޭރީގެ ކޯޗު އިސްޓްވާން އުރުބާނީގެ އިރުޝާދުގެ ދަށުން ނުކުންނަ ދިވެހި ޓީމު އޮތީ މި މުބާރާތަށް ވަރަށް ބޮޑަށް ތައްޔާރުވެ، އެ މުބާރާތުގެ ތަށި ނެގުމަށް އުންމީދުކޮށްގެންނެވެ. ދާދިފަހުން އޭޝިއަން ކަޕް ކޮލިފައިންގައި ޓިމޯލެސްޓޭ އަތުން ލިބުނު މޮޅާއެކު ޓީމުގެ ރޫހު ވަނީ ވަރަށް ވަރުގަދަވެފައެވެ. ދިވެހި ސްކޮޑުގައި ތަޖުރިބާކާރު ކުޅުންތެރިން ކަމަށްވާ އަލީ އަޝްފާގު (ދަގަނޑޭ)، ކެޕްޓަން ސަމޫހު އަލީ، ގޯލްކީޕަރު މުހައްމަދު ފައިސަލް އަދި އަލީ ފާސިރު (ސެންޓޭ) ހިމެނެއެވެ. މީގެ އިތުރުން މުހައްމަދު އިލާން އިމްރާން އަދި އަހުމަދު އީތަން ޒަކީ ފަދަ ޒުވާން ހުނަރުވެރި ކުޅުންތެރިންނަށްވެސް މި މުބާރާތުން ފުރުސަތު ލިބޭނެއެވެ. މި މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ ފެންވަރު އަފްޣާނިސްތާނުގެ ކުޅުންތެރިން މެޗެއްގެ ތެރެއިން.. އަފްޣާނިސްތާނަކީ ފިޒިކަލް ގޮތުން ވަރުގަދަ، އަދި އެޓޭކިންގް ގޭމެއް ކުޅޭ ޓީމަކަށް ވުމުން އެއީ ރާއްޖެއަށް އޮތް ބޮޑު ގޮންޖެހުމެކެވެ. އެ ޓީމަކީ ވަކިވަކި ކުޅުންތެރިންނަށް ބަލާއިރުވެސް ހުނަރުވެރި ކުޅުންތެރިންތަކެއް ތިބި ޓީމެކެވެ. އަފްޣާނިސްތާނުގެ ޓީމުގައި ޔޫރަޕްގެ އެކި ފަންތީގެ ލީގުތަކުގައި ކުޅޭ ކުޅުންތެރިން ވެސް ގިނައެވެ. އެހެން ކަމުން ބޮޑަށް އެ ޓީމުގެ ކުޅުމުގެ ސްޓައިލް ވެސް ބިނާވެފައި އޮންނަނީ ޔޫރަޕް ފުޓުބޯޅައިގެ ސްޓައިލްއަށެވެ. ޕާކިސްތާން ޓީމުން އަންނަނީ ފަހަކަށް އައިސް ބައިނަލްއަގުވާމީ މައިދާނުގައި ރަނގަޅު ކުރިއެރުންތަކެއް ހޯދަމުންނެވެ. އަދި ބަންގްލަދޭޝްއިން މި މުބާރާތަށް ފޮނުވަނީ އެ ގައުމުގެ އޮލިމްޕިކް ނުވަތަ 23 އަހަރުން ދަށުގެ ޓީމެވެ. މިއީ އެ ގައުމުގެ ފުޓުބޯޅަ ކުރިއެރުވުމަށް ގެންގުޅޭ ދުރު ރާސްތާ ޕްލޭނެއްގެ ދަށުން ނިންމާފައިވާ ނިންމުމެކެވެ. މުބާރާތުގެ މުހިންމުކަން މި މުބާރާތަކީ ހަމައެކަނި އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ މުބާރާތެއް ނޫނެވެ. މިއީ ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕާއި އެހެނިހެން ބައިނަލްއަގުވާމީ މުބާރާތްތަކަށް ތައްޔާރުވުމަށް ވެސް ލިބޭނެ ރަނގަޅު ފުރުސަތެކެވެ. މީގެ އިތުރުން ފީފާ ރޭންކިންގައި ކުރިއަށް ޖެހިލުމަށްވެސް މި މުބާރާތުގެ މެޗުތައް މުހިންމު ދައުރެއް އަދާކުރާނެއެވެ. ދިވެހި ސަޕޯޓަރުންގެ ފޯރިއާއެކު ގަލޮޅު ދަނޑުގައި ކުޅޭ މި މުބާރާތުގެ ތަށި ރާއްޖޭގައި ބެހެއްޓުމަކީ ހުރިހާ ދިވެހިންގެވެސް އެންމެ ބޮޑު އުންމީދެވެ. ހަތްދިހަ ފަސް އަހަރުގެ ދިގު ތާރީޚެއް އޮތް ދިވެހި ފުޓުބޯޅައަށް މިފަދަ ބައިނަލްއަގުވާމީ މުބާރާތެއްގެ ސަބަބުން އާ ދިރުމެއް ލިބޭނެކަން ކަށަވަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ