ބޮޑު އީދުގެ އުފަލުގައި އެމްއެންޑީއެފްއިން އިސްވެގެން ގްރޭޓާ މާލެ ސަރަހައްދުގައި ކުރިއަށްގެންދާ 'އީދު ހަވީރު 1447' މިއަދު ހަވީރު ފަށައިފި އެވެ.
ތަފްސީލު - އެ ހަރަކާތުގައި ސިފައިންނާއި ފުލުހުންގެ އިތުރުން ސަރުކާރު ހިއްސާވާ 11 ކުންފުންޏަކުން ވަނީ ބައިވެރިވެފަ އެވެ.
މިއަދުން ފެށިގެން ތިން ދުވަހަށް ބަހާލައިގެން ކުރިއަށްގެންދާ މި ހަރަކާތްތައް އޮންނާނީ ސަލްޓާން ޕާކު، ޝަހީދުންގެ ބިނާ ސަރަހައްދު ހިމެނޭހެން ޖުމްހޫރީ މައިދާން އަދި ރަސްމީ ބޮޑު ފާލަން ސަރަހައްދުގަ އެވެ.
އެ ސަރަހައްދުގައި އާންމުންނަށް ބައިވެރިވެވޭ ހަރަކާތްތަކުގެ ތެރޭގައި:
ވޯޓާ ފައުންޓެއިން
ފޯމް ބާތު ޕޫލް
ރެޕަލިން
ސިފައިންގެ ޔުނީފޯމްތަކާއި އޮޕަރޭޝަންތަކުގައި ބޭނުންކުރާ އެކި ކަހަލަ ހަތިޔާރު އަދި އެއްގަމާއި ކަނޑުމަތީގެ އުޅަނދުތައް ދައްކާލުމާއި އެތަކެއްޗާ އެކު ފޮޓޯ ނެގުން
އޭގެ އިތުރުން މާދަމާ މާލޭގައި 28 އެމްއެންޑީއެފް 'އެޖުޓަންޓް ޖެނެރަލްސް ކޯ'ގެ އާޓްސް އެންޑް ސެރެމޯނިއަލް ސާވިސްއިން ހާއްސަ ހަރަކާތްތަކެއް ހުށަހަޅައިދޭން ވަނީ ހަމަޖެހިފަ އެވެ.
ހުޅުމާލޭގައި ވެސް އީދު ހަވީރުގެ ހަރަކާތްތައް އޮންނާނީ މިއަދުން ފެށިގެން ތިން ދުވަހު، ހުޅުމާލެ ސެންޓްރަލް ޕާކާއި ފޭސް 2ގެ ހިޔާ ޕާކް ސަރަހައްދުގަ އެވެ.
ހުޅުމާލެ ސެންޓްރަލް ޕާކުގައި ރެޕަލިން، ވޯޓާ ސްލައިޑިން އަދި ފޯމް ބާތު ޕޫލްގެ އިތުރުން ބޭނުންވާ މީހުންނަށް ކެންޓީނުގެ ހިދުމަތްތައް ލިބެން ހުންނާނެ އެވެ.
އެމްއެންޑީއެފް 'އެޖުޓަންޓް ޖެނެރަލްސް ކޯ'ގެ އާޓްސް އެންޑް ސެރެމޯނިއަލް ސާވިސްގެ ހަރަކާތްތައް ހުޅުމާލޭގައި ހުށަހަޅައިދޭނީ ހުކުރު ދުވަހު އެވެ.
ހިޔާ ޕާކުގައި ވެސް ރެޕަލިން އާއި ފަޔާ އިކުއިޕްމަންޓުތައް ދައްކާލުމާއި ޓޭބަލް ލެޑާއަށް އެރުން ފަދަ ހަރަކާތްތައް ކުރިއަށްގެންދާނެ އެވެ.
ވިލިމާލެ ފުޓުބޯޅަ ދަނޑުގައި މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް އޮބްސްޓެކަލް ކޯސްތަކުގެ އިތުރުން ކުޑަކުދިން ގަޔާވާ ތަފާތު އެކި ކަހަލަ ކުޅިވަރުގެ ހަރަކާތްތައް ވަނީ އިންތިޒާމުކޮށްފަ އެވެ.
މި ހަރަކާތްތައް ކުރިއަށްދާނީ އީދު ހަވީރު ބާއްވާ ކޮންމެ ދުވަހެއްގެ ވެސް ހަވީރު 4 އިން 6 އަށެވެ.
މާލެ ސަރަހައްދުގައި 'އީދު ހަވީރު'ގެ ފޯރިގަދަ ހަރަކާތްތައް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ