އެކްސިޑެންޓުވުމުން ފިލައިގެން ދިޔަ ދޯނި 18 ދުވަސް ވީއިރު ވެސް ނުފެނޭ

މި މަހުގެ ނުވަ ވަނަ ދުވަހުގެ ރޭ މާލެ ކައިރީ ކަނޑުމަތީގައި ހިނގި ބޮޑު އެކްސިޑެންޓަށް ފަހު މަޑުނުކޮށް ދިޔަ އުޅަނދު އަދިވެސް ނުފެންނަ ކަމަށާއި އެ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ. 
މާލޭގެ އިއްޒުއްދީން ފާލަމާ ދިމާ ބޭރުން "ލީޖަން 1" ނަމަކަށް ކިޔާ ލޯންޗަކާއި އެހެން އުޅަނދެއް ޖެހި އެކްސިޑެންޓުވީ އެރޭ 10:30 ހާއިރު އެވެ. އެ އެކްސިޑެންޓުގައި ބިދޭސީ ހަތަރު ފިރިހެނަކާއި ދިވެހި ފިރިހެނަކަށް އަނިޔާވެގެން އައިޖީއެމްއެޗުގައި ފަރުވާދޭން ޖެހުނެވެ.
ފުލުހުން އޭރު ބުނީ ލޯންޗު އެކްސިޑެންޓުވީ ދޯންޏަކާ ޖެހިގެން ކަމަށާއި އެ ދޯނި މަޑުނުކޮށް ގޮސްފައި ވާތީ، އެ އުޅަނދު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އެ ދޯނި ހޯދުމުގެ މަސައްކަތް އަދި ވެސް ކުރަމުން އަންނަ ކަމަށެވެ.
މަޑުނުކޮށް ދިޔަ އުޅަނދާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ނަމަ، މެރިން ޕޮލިސް އިންވެސްޓިގޭޝަންގެ ނަމްބަރު 9926094 އަށް ގުޅައި އެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.
ސޯޝަލް މީޑިއާގައި އާންމުވި ފޮޓޯތަކުން ފެންނަ ގޮތުގައި، އެ އެކްސިޑެންޓުގައި ލޯންޗަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތައް ލިބިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ