އުދަ އަރާނެ ކަމަށް ލަފާކޮށް، މެޓް އޮފީހުން މުޅި ރާއްޖެ އަށް މިއަދު ވެސް ވައިޓް އެލާޓް ނެރެފި އެވެ.
މޫސުމާ ބެހޭ އިދާރާ މެޓް އޮފީހުން ނެރުނު ވައިޓް އެލާޓުގައި ބުނީ މިއަދުގެ ހެނދުނު 11:30 އިން ފެށިގެން މެންދުރު ފަހު 3:30 އަށް، ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް އުދަ އަރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މެޓް އޮފީހުން އިއްޔެ ވެސް ވަނީ އުދަ އަރާނެ ކަމަށް ލަފާކޮށް ދެ ފަހަރެއްގެ މަތިން މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފަ އެވެ.
މިިދިޔަ އާދިއްތަ ދުވަހު ދިޔަވަރު ބޮޑުވި ވަގުތުގައި މާލޭގެ އެކި ސަރަހައްދުތަކަށް އުދަ އަރައި ގެއްލުންވި އެވެ.
މިއަދާއި މާދަމާ އުދައިގެ ނުރައްކާ ބޮޑުވެދާނެ ކަމަށް ބެލެވެނީ މިއަދަކީ ހަނދު ފުރިހަމަވާ [ފުލް މޫން] ދުވަސް ކަމަށް ވެފައި އާންމުކޮށް ހަނދު ދައުރުވާ ވަރަށް ވުރެ ދުނިޔެއާ ކައިރިން ދައުރު ކުރާނެތީ އެވެ. މިއަދު ހަނދު ފެންނަ ވަރު އާންމުކޮށް ފެންނަ ފުރިހަމަ ހަނދަކަށް ވުރެ ހަތް ޕަސެންޓް ބޮޑުވާނެ އެވެ. "ބަކް މޫން"ގެ ނަން ދީފައިވާ މި ބަދަލާ އެކު ދުނިޔޭގެ އެކި ހިސާބުތަކުގައި މިއަދުގެ ހަނދަށް ވަނީ ސަމާލުކަން ލިބިފަ އެވެ.
އެހެންވެ މި މަހުގެ ހަނދު ފުރިހަމަވާ އިރު، ހަނދާއި ދުނިޔޭގެ ދުރުމިން އާންމު މިންވަރަށް ވުރެ ކައިރިވުމުގެ ސަބަބުންނާއި ހުޅަނގު މޫސުމުގެ ވައި ބާރުވުމުގެ ސަބަބުން މާލެ ހިމެނޭހެން ރާއްޖޭގެ ބައެއް ރަށްރަށަށް އުދައެރުމުގެ ފުރުސަތު ބޮޑުވެދާނެ ކަމަށް ބެލެވެ އެވެ.
މާލެއަށް މިއަދު ދިޔަވަރު އެންމެ މައްޗަށް ދާނެ ކަމަށް ލަފާކުރެވެނީ މެންދުރު ފަހު 1:33 ގައި 2.6 ފޫޓަށެވެ. އަދި ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް 2:10 ގައި 3 ފޫޓަށް ދިޔަވަރު މައްޗަށް ދާނެ ކަމަށް ލަފާކުރެވެ އެވެ.
އުދަ އަރާނެ ކަމަށް ލަފާކޮށް މެންދުުރު ފަހާ ހަމައަށް ވައިޓް އެލާޓް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ