ކުރިއަށް ދިއުމުގެ ހިތްވަރު ލިބިގަތުން
ދިރިއުޅުމުގެ ހަލަބޮލި ދަތުރުގައި، ކުރިއަށް ދިއުމަށްވުރެ އުންމީދު ކަނޑާލުން ފަސޭހަހެން ހީވާ ވަގުތުތައް އާދޭ ހެއްޔެވެ؟ ބައެއް ފަހަރު އަޅުގަނޑުމެން ކުރާ އުންމީދުތަކާ އެއްގޮތަށް ކަންކަން ނުހިނގައެވެ. ލިބޭނެކަމަށް ބެލި ފުރުޞަތެއް ގެއްލި، ރަނގަޅު ކުރަން އުޅުނު އާދައެއް ދެމެހެއްޓޭނެގޮތެއް ނުވެދާނެއެވެ. ދުޢާކޮށް، ބުރަ މަސައްކަތް ކުރުމަށްފަހުވެސް ވަގުތުން ބަދަލެއް ނުފެނުމުން، އެ ކުރެވުނު މަސައްކަތަކީ ބޭކާރު ކަމެއް ކަމަށް ހީވެ، މާޔޫސްކަން ހިތަށް ސަވާރުވުމަކީ ބައެއްފަހަރު ކުރެވޭ ތަޖުރިބާއެކެވެ. ނަމަވެސް، ދިރިއުޅުމުގެ ބޮޑެތި ބަދަލުތައް އަންނަނީ ކޮންމެހެން އެންމެފަހަރަކު ބުރަކޮށްކުރާ މަސައްކަތަކުން ނޫނެވެ. ގިނަ ފަހަރަށް ކާމިޔާބީއާ ހަމައަށް ވާޞިލުވެވެނީ، މާޔޫސްވާ ވަގުތުތަކުގައި އުންމީދު ކަނޑާނުލާ ކުރާ އިތުރު ހިތްވަރަކުންނެވެ. މިއީ އަޅުގަނޑުގެ ހަޔާތުގެ ދަތުރުގައި އަޅުގަނޑަށް ދަސްވި އެންމެ އަގުހުރި ފިލާވަޅެވެ. މާނަހުރި ކުރިއެރުމަކީ ވަގުތުން ލިބޭ ނަތީޖާއަކަށްވުރެ ބޮޑަށް، ތަކުރާރުކޮށް ކުރެވޭ އިޚްލާޞްތެރި މަސައްކަތުގެ ނަތީޖާއެވެ. https://sun.mv/223721 އިސްލާމްދީން އަޅުގަނޑުމެންނަށް ދަސްކޮށްދެނީ ސާބިތުކަމާއި އުންމީދުގެ މުހިންމުކަމެވެ. ކީރިތި ރަސޫލާ ﷺ ގެ ޙަޔާތްޕުޅަކީ މީގެ އެންމެ ފުރިހަމަ ނަމޫނާއެވެ. އެކަލޭގެފާނު ތޭރަ އަހަރު ވަންދެން މައްކާގައި ކުރިމަތިލެއްވި ފުރައްސާރައާއި އަނިޔާތަކަށް ކެތްކުރެއްވީ މާދަމާގެ އުންމީދުގައެވެ. ޠާއިފުގައި ކުރިމަތިވި ހިތްދަތި ތަޖުރިބާއަށްފަހުވެސް، އެކަލޭގެފާނު އިޚްތިޔާރުކުރެއްވީ މާފުކުރުމާއި އޯގާތެރިކަމެވެ. އެއީ ވަގުތީ ނަތީޖާއަށްވުރެ ބޮޑަށް، ﷲ އަށް ކުރެއްވި ފުރިހަމަ ތަވައްކުލުގެ ސަބަބުންނެވެ. ކީރިތި ޤުރްއާނުގައި ﷲ ތަޢާލާ ވަޙީކުރައްވާފައިވަނީ:«فَإِنَّ مَعَ الْعُسْرِ يُسْرًا • إِنَّ مَعَ الْعُسْرِ يُسْرًا» (އައްޝަރްޙް: 6-5) މާނައީ: "ފަހެ، ހަމަކަށަވަރުން، އުނދަގޫކަމާއެކު ފަސޭހަކަން ވެއެވެ. ހަމަކަށަވަރުން، އުނދަގޫކަމައެކު ފަސޭހަކަން ވެއެވެ." ވަޙީގެ މިބަސްފުޅުން އަޅުގަނޑުމެންނަށް އެނގެނީ ދަތިކަމުގެ ތެރޭގައިވެސް ފަސޭހަކަމުގެ މަގުތައް ﷲ ލައްވާފައިވާ ކަމެވެ. އަދި މުއުމިނުންނަށް މާޔޫސްވުމެއް ނެތްކަން އަންގައިދެއްވަމުން ސޫރަތު އާލުޢިމްރާންގެ 139 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވަނީ، "...މަތިވެރިކަން ބޮޑުވެގެންވާ ބަޔަކީ ތިޔަބައިމީހުންނެވެ. (އެއީ) ތިޔަބައިމީހުން މުއުމިނުން ކަމުގައިވާނަމައެވެ." އީމާންކަންމަތީ ސާބިތުވެ ތިބޭ ބަޔަކީ އެންމެ މަތިވެރިކަން ބޮޑުވެގެންވާ ބަޔަކީ އީމާންކަނ މީހުންކަމެވެ. ޒަމާނީ އިލްމީ ހޯދުންތަކުންވެސް މި ޙަޤީޤަތް ކަށަވަރުކޮށްދެއެވެ. ދުނިޔޭގެ އުފާވެރިކަމުގެ ރިޕޯޓު ބުނާގޮތުން، ނާކާމިޔާބީތަކުން އަރައިގަނެ، ނަފްސާނީ ދުޅަހެޔޮކަން ދެމެހެއްޓުމަށް އެންމެ މުހިންމީ އުންމީދާއި، ސާބިތުކަމާއި، އަދި އެކަކު އަނެކަކަށް އެހީތެރިވާ މުޖުތަމަޢެކެވެ. ކުރިއެރުމަކީ ދުވަހަކުވެސް ނުވެއްޓުމެއް ނޫނެވެ. އެއީ ވެއްޓޭ ކޮންމެ ފަހަރަކު އަލުން ތެދުވުމުގެ ހިތްވަރު ހުރުމެވެ. https://sun.mv/221642 މިއަދު އަޅުގަނޑުމެންކުރާ ކަމަކީ ކުޑަކުޑަ ހިތްވަރަކަށް ވެދާނެއެވެ. ފަހަރެއްގައި އެއީ ދޫކޮށްލެވިފައިވާ ނަމާދުކުރުމުގެ އާދަ އަލުން ފެށުން ކަމުގައި ވެދާނެއެވެ. ގުޅުން ކެނޑިފައިވާ މީހަކަށް ގުޅާލުން ކަމަށްވެސް ވެދާނެއެވެ. ނުވަތަ ކާމިޔާބު ނުވެ އޮތްކަމަކާ އަލުން ކުރިމަތިލުން ކަމުގައިވެސް ވެދާނެއެވެ. މިފަދަ ކުދިކުދި ނިންމުންތަކަކީ ދިރިއުޅުމުގެ ބޮޑު ކާމިޔާބީގެ ބިންގަލެވެ. އަޅުގަނޑުގެ ހަޔާތުގެ ތަޖުރިބާއިން ދަސްވި އެންމެ މުހިންމު އެއް ފިލާވަޅަކީ، އުންމީދުކަނޑާނުލުމާއި އިތުބާރުކުރުމުގެ މުހިންމުކަމެވެ. އަދި ތިމާގެ ވަށައިގެންވާ މީހުންގެ އެހީތެރިކަމާއި ހިތްވަރާއި ބައިވެރިވުން އެއީ އުންމީދު ގެ ހުޅުކޮޅު ނިވިޔަނުދީ ދަމަހައްޓައިދޭ ހަކަތަ ކަމެވެ. އެކަން ހަނދާން ބަހައްޓާށެވެ. ކުރިމަގުގެ އުޖާލާކަން ހާސިލުކުރެވޭނީ އެގޮތުންނެވެ. އެއާއެކު، ގަދައަޅާ މަސައްކަތްކުރުމާއި ﷲ ސުބުޙާނަހޫ ވަތަޢާލާ އަށް ފުރިހަމަޔަށް ވަކީލުކުރުމުން ފުދެއެވެ. އެހެންކަމުން، މިއަދު އަމިއްލަ ނަފްސާ ސުވާލުކުރަންވީ ނާކާމިޔާބުވީ ކިތައް ފަހަރުތޯއެއް ނޫނެވެ. ސުވާލުކުރަންވީ އިތުރު ހިތްވަރަކަށް ތައްޔާރުތޯއެވެ. އިތުރު ހެޔޮކަމަކާއި އިތުރު މަސައްކަތަކުން ދިރިއުޅުން އުޖާލާ ކުރެވިދާނެއެވެ. ކާމިޔާބީ ހޯދޭނީ ހަމައެކަނި ހުނަރުވެރިންނަކަށް ނޫނެވެ. އެއީ ހުއްޓާނުލާ، ﷲ އަށް ވަކީލުކޮށްގެން ސާބިތުކަމާއެކު ކުރިއަށްދާ މީހުންނަށް އޮތް ފުރުޞަތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ