އަންނަ އަހަރުގެ ކައުންސިލް ބްލޮކް ގްރާންޓްގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ކަނޑައަޅައިފި އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ސާކިއުލާގައިވާ ގޮތުން އަންނަ އަހަރުގެ ކައުންސިލްގެ ބަޖެޓު ތައްޔާރުކުރަންވާނީ އެ މިނިސްޓްރީން އެކުލަވާލާފައިވާ ފޯމެޓާ އެއްގޮތަށެވެ. އަދި ބްލޮކް ގްރާންޓްގެ ގޮތުގައި މިނިސްޓްރީން ލަފާކުރާ އަދަދަށް ވުރެ ބޮޑު ނުވާނެ ގޮތަށް ބަޖެޓު ތައްޔާރުކޮށް އެ މައުލޫމާތުތައް ހިއްސާކުރަން ކައުންސިލްތަކުގައި އެދިފައިވެ އެވެ.
ކުރިއަށް އޮތް ތިން އަހަރުގެ ބްލޮކް ގްރާންޓް އަދަދުތައް ހާމަކޮށްފައިވާ އިރު އަންނަ އަހަރަށް ކަނޑައަޅާފައިވަނީ މި އަހަރާ ދާދި އެއްވަރެއްގެ ބްލޮކް ގްރާންޓް ބަޖެޓެކެވެ. އަދި 2028 ވަނަ އަހަރު ބްލޮކް ގްރާންޓްގެ ގޮތުގައި ކައުންސިލްތަކަށް ދޫކުރާ އަދަދު 2.6 ބިލިއަން ރުފިޔާ އިތުރުވާނެ ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ލަފާކޮށްފައިވެ އެވެ.
އަންނަ އަހަރު އެންމެ ބޮޑު އަދަދެއް ލިބޭ މާލޭ ސިޓީ ކައުންސިލަށް ބްލޮކް ގްރާންޓްގެ ގޮތުގައި 231 މިލިއަން ރުފިޔާ ދޫކުރެ އެވެ. އެއީ ބްލޮކް ގްރާންޓް ބަޖެޓުގެ ގާތްގަނޑަކަށް 10 ޕަސެންޓެވެ. އަދި އައްޑޫ ސިޓީ ކައުންސިލަށް 93 މިލިއަން ރުފިޔާ ދޫކުރަން ވަނީ ކަނޑައަޅައިފަ އެވެ. ފުވައްމުލަކު ސިޓީ ކައުންސިލަށް 67 މިލިއަން ރުފިޔާ ދޫކުރާ އިރު ކުޅުދުއްފުށި ސިޓީ ކައުންސިލަށް ދޫކުރަން ނިންމާފައިވަނީ 57 މިލިއަން ރުފިޔާ އެވެ. ތިނަދޫ ސިޓީ ކައުންސިލަށް ދޫކުރަން ނިންމާފައިވަނީ 46 މިލިއަން ރުފިޔާ އެވެ. ބްލޮކް ގްރާންޓް ބަޖެޓުގެ 20 ޕަސެންޓް ދޫކުރަނީ ފަސް ސިޓީ ކައުންސިލަކަށެވެ.
ކައުންސިލްތަކަށް 2020 ވަނަ އަހަރުން ފެށިގެން ބަޖެޓު ދޭ ގޮތް ބަދަލުކޮށް، ބްލޮކް ގްރާންޓް ނުވަތަ މަރުކަޒީ ސަރުކާރުން ދޭ ހިލޭ އެހީގެ ގޮތުގައި ފައިސާ އަންނަނީ ދެމުންނެވެ. ހިލޭ އެހީ ދޭ މިންވަރު ކަނޑައަޅަން ހަމަޖެހިފައި ވަނީ ދައުލަތުގެ އާމްދަނީގެ ބައިތަކާ ގުޅުވައިގެންނެވެ.
ކައުންސިލްތަކަށް ބަހާ ބްލޮކް ގްރާންޓްގެ މިންވަރު ކަނޑައަޅަނީ ރަށުގެ އާބާދީ އާއި ބިމުގެ ސަރަހައްދާއި އަތޮޅު ވެރިކަންކުރާ ރަށާ ހުރި ދުރުމިނާއި މާލެއާ ހުރި ދުރުމިނުގެ އިތުރުން ލޯކަލް ގަވަމެންޓް އޮތޯރިޓީން ވަޒަންކޮށް ކައުންސިލްތަކުގެ ޕާފޯމަންސަށް ދޭ ސްކޯއަށް ބަލައިގެންނެވެ.
މިއަހަރު ކައުންސިލްތަކަށް ބްލޮކް ގްރާންޓްގެ ގޮތުގައި ގާތްގަނޑަކަށް 2.5 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާ އިރު އޭގެތެރެއިން 1.5 ބިލިއަން ރުފިޔާ މިހާތަނަށް ކައުންސިލްތަކަށް ދޫކޮށްފައިވެ އެވެ. މިދިޔަ އަހަރު ކައުންސިލްތަކަށް ބްލޮކް ގްރާންޓްގެ ގޮތުގައި ދޫކޮށްފައިވަނީ 2.1 ބިލިއަން ރުފިޔާ އެވެ.
އަންނަ އަހަރުގެ ކައުންސިލް ބްލޮކް ގްރާންޓަށް 2.5 ބިލިއަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ