ޕްރިމިއާ ލީގާ ވާދަކުރަން ބުންޑެސްލީގާއިން ބިލިއަން ޑޮލަރުގެ ލޯނެއް

އިނގިރޭސި ޕްރިމިއާ ލީގު ވަށައިގެން އޮތް މާލީ ވަރުގަދަކަމާ ފަރަގު ކުޑަކުރަން އެމެރިކާގެ ކުންފުންޏެއް އަތުން 1.1 ބިލިއަން ޑޮލަރުގެ ލޯނެއް ހޯދަން ޖަރުމަނުގެ ބުންޑެސްލީގާއިން މަޝްވަރާކޮށްފި އެވެ. 
ދި އެތުލެޓިކް ނޫހުން ބުނިގޮތުގައި ބުންޑެސްލީގާގެ އިސް އޮފިޝަލުން ވަނީ އެމެރިކާގެ އެޕޯލޯ ސްޕޯޓްސް ކެޕިޓަލްއާ އެކު މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފަ އެވެ. މި މަޝްވަރާތައް ކުރިއަށްގެންދިޔައީ ސިއްރު ބައްދަލުވުމެއްގެ ގޮތުގައި ނިއުޔޯކްގައި ކަމަށް ވެސް އެ ނޫހުން ބުންނެވެ. 
ބުންޑެސްލީގާ އާއި އެޕޯލޯ ސްޕޯޓްސް ކެޕިޓަލާ ދެމެދު މަޝްވަރާ ކުރީ އެއް ބިލިއަން ޑޮލަރުގެ ލޯނު 20 އަހަރަށް ބަހާލައިގެން ދެއްކުމަށެވެ. އަދި ރަހުނުގެ ގޮތުގައި ބޭނުންކުރަން އެއްބަސްވެފައި ވަނީ ބުންޑެސްލީގާގެ ކުރިއަށް 20 އަހަރުގެ ބްރޮޑްކާސްޓިން ރައިޓްސް އެވެ. 
މި ގޮތަށް އެއްބަސްވުން ހެދިއްޖެނަމަ، ކްލަބްތަކުގެ ހިއްސާ އެއްވެސް އެއްޗެއް އުނި ނުވާނެ އެވެ. އަދި ސަޕޯޓަރުންނަށް ވެސް ކްލަބްތަކުގެ ކޮންޓްރޯލް އޮންނަ ގޮތަށް ބުންޑެސްލީގާއިން އަމަލުކުރަމުން އަންނަ އުސޫލަށް ވެސް ބަދަލެއް ނާންނާނެ އެވެ.
އެކަމަކު މި ލޯނު ނެގުމުގެ އެއްބަސްވުން ހެދޭނީ ބުންޑޭސްލީގާގެ އެއްވަނަ ޑިވިޝަނާއި ދެ ވަނަ ޑިވިޝަނުގެ ޖުމުލަ 36 ކްލަބްގެ ތެރެއިން ތިންބައިކުޅަ ދެ ބައިގެ ތާއީދު ލިބިގެންނެވެ.
މި ލޯނު ނެގުމަށް ވޯޓް ދިނުމާމެދު ކްލަބްތަކަށް އޮތް ޖެހިލުންވުމަކީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން ކުރިމަތިވާނެ ޕްރެޝަރެވެ.
ޖަރުމަނުގެ ކްލަބްތަކުގެ ސަޕޯޓަރުން، ފާހަގަކުރެވިފައި ވަނީ ބޭރުގެ އިންވެސްޓްމެންޓްތަކާ ދެކޮޅު ބައެއްގެ ގޮތުގަ އެވެ. ކެވެ.
މީކުރިންވެސް ބޭރުގެ އިންވެސްޓްމަންޓްތައް ހޯދުމަށް ކުރި މަސައްކަތްތަކާ ދެކޮޅަށް ސަޕޯޓަރުން ވަނީ ހަޅުތާލު ވެސް ކޮށްފަ އެވެ. މެޗުތަކުގެ ތެރެއިން ދަނޑުމައްޗަށް ޓެނިސް ބޯޅަ އާއި މެޓާ އުކައިގެން ސަޕޯޓަރުންގެ ނުރުހުން ފާޅުކޮށްފައިވެ އެވެ. އަދި ބައެއް މެޗުތަކުގައި ދަނޑަށް އުކި އެއްޗީހީގެ ސަބަބުން މެޗުތައް މެދުކަނޑާލަން ވެސް ޖެހުނެވެ.
ބުންޑެސްލީގާއިން މި ލޯނު ނެގުމުގެ މައިގަނޑު ބޭނުމަކީ، މާލީގޮތުން އިނގިރޭސި ޕްރިމިއާ ލީގާ ވާދަކުރުން ކަމަށް، އެތިލެޓިކުން ބުންޏެވެ. އަދި ޔޫރަޕްގެ މުބާރާތްތަކުގައި ވަރުގަދަ ބާރެއްގެ ގޮތުގައި ކޮންމެ ސީޒަނެއްގައިހެން ވާދަކުރުމުގެ ގާބިލުކަން ޖަރުމަނުގެ އެހެން ކްލަބްތަކަށް ވެސް ހޯދައިދިނުމެވެ. އެ ހާލަތު އުފެއްދުމަށް މާލީ ގާބިލުކަން ކްލަބްތަކަށް ހޯދައި ދޭން އެ ލީގުން ބޭނުންވެ އެވެ. 
ޖަރުމަނުގެ ކްލަބްތަކުގެ ތެރެއިން ކޮންމެ ސީޒަނެއްގައި ހެން އެއްއެފެންވަރުގައި ވާދަކުރުމުގެ ގާބިލުކަން އޮތް ހަމައެކަނި ކްލަބަކީ ބެޔާން މިޔުނިކެވެ. އެހެން ކްލަބްތައް ދޭތެރެދޭތެރެއިން ވަރުގަދަކޮށް ފެނުނަސް، ދެމެހެއްޓެނިވި ގޮތުގައި އެއް ޕްރޮޖެކްޓެއް ކުރިއަށް ގެންދެވޭ ގޮތެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ