ޑްރޯނެއް ބޭނުންކޮށްގެން މާފުށީ ޖަލަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެފި

މާފުށީ ޖަލަށް ޑްރޯނެއްގެ އެހީގައި މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލައެއް ފުލުހުންނާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހުއްޓުވައި، އެތަކެތި އަތުލައިގަނެފިއެވެ.
މި ތަކެތި އަތުލައިގަނެފައިވަނީ މި ހިނގާ މެއި މަހުގެ 24 ވަނަ ދުވަހުގެ ރޭ، 12:45 އެހައިކަންހާއިރު ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ. މިއީ މާފުށީ ޕްރިޒަން އަދި މާފުށީ ޕޮލިސް ސްޓޭޝަންގެ އިތުރުން ފުލުހުންގެ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެކެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި، މި އޮޕަރޭޝަންގައި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ފަސް ރަބަރު ޕެކެޓު ވަނީ ފެނިފައެވެ. އަތުލައިގަނެވުނު މި ތަކެތީގެ ވަގުތީ ބަރުދަނަކީ 395.92 ގުރާމެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް، މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަމާއި، މިކަމުގައި ޝާމިލުވާ ފަރާތްތައް ހޯދުމަށް ފުލުހުން ދަނީ އިތުރަށް ތަހުގީގު ހިންގަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ