ރެލިގޭޓްވިޔަސް ވެސްޓް ހޭމް ކޯޗަކަށް ނޫނޯ ބަހައްޓަން ނިންމައިފި

ލަންޑަން (މެއި 27) - ވެސްޓް ހޭމް ޔުނައިޓެޑް، މި ފަހަރުގެ އިނގިރޭސި ޕްރިމިއާ ލީގުން ރެލިގޭޓްވި ކަމުގައި ވިޔަސް، އެ ޓީމުގެ ކޯޗު، ނޫނޯ އެސްޕިރީޓޯ ސަންޓޯ މަގާމުގައި ބަހައްޓަން އެ ކްލަބުން ނިންމައިފި އެވެ. 
މިއީ، 2012 ވަނަ އަހަރުގެ ފަހުން، ވެސްޓް ހޭމް، އިނގިރޭސި ދެ ވަނަ ޑިިވިޝަނަށް ރެލިގޭޓްވި ފުރަތަމަ ފަަހަރެެވެ. 
ކުރިން ވުލްވްސް އާއި ޓޮޓެންހަމް ހޮޓސްޕާސްގެ ކޯޗަކަށް މަސައްކަތްކުރި ނޫނޯ، މި ސީޒަން ފެށިއިރު ހުރީ ނޮޓިންހަމް ފޮރެސްޓްގެ ކޯޗަކަށެވެ. އެކަމަކު، އިނގިރޭސި ޕްރިމިއާ ލީގުގެ ފުރަތަމަ ފަސް މެޗު ނިމުނުތަނާ ފޮރެސްޓްގެ ކޯޗުކަމުން ނޫނޯ ވަކިކުރި އެވެ. އޭގެ ފަހުން، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު، ވެސްޓް ހޭމް އިން ވަނީ ތިން އަހަރުގެ ކޮންޓްރެކްޓެއްގައި ނޫނޯ އެ ޓީމަށް ގެނެސްފަ އެވެ. އެކަމަކު، ނޫނޯ އަށް ވެސްޓް ހޭމް، ރެލިގޭޝަނުން ސަލާމަތްނުކުރެވުނެވެ. 
ސީޒަން ނިމުމާ އެކު، ވެސްޓް ހޭމްގެ ސީނިއާ މެނޭޖްމަންޓުން ވަނީ ނޫނޯއާ އެކު ބައްދަލުވުމެއް ބާއްވައިފަ އެވެ. އަދި، އެ ކްލަބްގެ ބޯޑުގެ މެޖޯރިޓީގެ ތާއީދާ އެކު ނިންމާފައިވަނީ ނޫނޯއާ އެކު ކުރިއަށް ދިއުމަށެެވެ. އެންމެ ބޮޑު ސަބަބަކީ، މީގެ ކުރިން އިނގިރޭސި ދެ ވަނަ ޑިވިޝަން، ޗެމްޕިއަންޝިޕްގައި ނޫނޯގެ ތަޖުރިބާ ރަނގަޅުވުމެވެ. އެ ގޮތުން، ކުރިން ޕޯޓޯ އަށް ކޯޗުކޮށްދިން ނޫނޯ ވަނީ ވުލްވްސް އަށް 2018 ވަނަ އަހަރުގެ ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހޯދައިދީ އެ ކްލަބް، ޕްރިމިއާ ލީގަށް ޕްރޮމޯޓްކޮށްދީފަ އެވެ. އެ ފަހަރު، ވުލްވްސް އިން ލީގު ޗެމްޕިއަންކަން ހޯދީ 99 ޕޮއިންޓާ އެކު އެވެ. 
ވެސްޓް ހޭމްގެ ކޯޗަކަށް ނޫނޯ ހުރެ، ނުކުތް 37 މެޗުގެ ތެރެއިން 12 މެޗުން އެ ޓީމު މޮޅުވިއިރު، 16 މެޗުން ބަލިވި އެވެ. އަދި، ނުވަ މެޗު ނިމުނީ އެއްވަރުވެެގެންނެވެ. 
ޕްރިމިއާ ލީގުގެ ޖާގަ ގެއްލުމުން، ވެސްޓް ހޭމްގެ އާމްދަނީ އަށް 200 މިލިއަން ޑޮލަރުގެ ވެއްޓުމެއް އަންނައިރު، އެ ކްލަބަށް މާލީ ގޮތުން ކުރިމަތިވާނެ ޗެލެންޖުތަކުގެ ވާހަކަތައް ނޫނޯއާ އެކު ކްލަބްގެ މެނޭޖްމަންޓުން ބޭއްވި ބައްދަލުވުމުގައި ހިއްސާކުރި އެވެ. އެ ހާލަތުގައި ވެސް ނޫނޯ ހުރީ ވެސްޓް ހޭމް، ގޮވައިގެން އަންނަ ސީޒަނުގައި ރަނގަޅު މަސައްކަތެއް ކުރުމުގެ އަމާޒުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ